ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި ކިލިއަން އެމްބާއްޕޭ މިދިޔަ ޓްރާންސްފާ މާކެޓުގައި ރެއާލަށް ބަދަލުވާން ކުރި މަސައްކަތް ނާކާމިޔާބުވުމަކީ ލިބުނު ބޮޑު މާޔޫސްކަމެއް ކަމަށް އޭނާ ބުނެފިއެވެ.
އެމްބާއްޕޭ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އޭނަގެ ކޮންޓްރެކްޓް އައު ކުރުމަށް އެކުލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އެމްބާއްޕޭގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ ރެއާލަށް ދިއުމަކީ ގާތް ކަމެކެވެ. އެހެން ކަމަށްވާ ނަމަ އަންނަ ސީޒަނުގައި އޭނާ ރެއާލަށް ބަދަލުވާނީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ.
މިއަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު އެމްބާއްޕޭ ރެއާލަށް ބަދަލުވާން އުޅޭ ކަމުގެ "ޔޯލަ" ވާހަކަތައް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ގަދަޔަށް ފެތުރިފައެވެ. އެކަން ޙުދު އޭނާ ވެސް ދޮގު ކޮށްފައި ނުވާއިރު، އެމްބާއްޕޭގެ ޑީލް ހުއްޓުނީ ރެއާލުން ކުރި އޮފާތަކަށް ޕީއެސްޖީން ދެކޮޅު ހެދުމުންނެވެ.
އެއާއެކު މި ސީޒަނުގައި ރެއާލަށް ކުޅެން ބޭނުންވެފައި ހުރި އެމްބާއްޕޭއަށް ބޮޑު މާޔޫސްކަމެއް ލިބުނު ކަމަށް އެމެޒޯންއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ބުނެފައެވެ.
"އަހަރެންނަކީ ޕެރިހަށް ނިސްބަތްވާ މީހެއް. މިއީ ވެސް ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބު. އެކަމަކު ތަފާތު ތަޖުރިބާއެއް ކޮށްލަން ވަރަށް ބޭނުންވޭ،" އެމްބާއްޕޭ ބުންޏެވެ.
ނިމިދިޔަ ޔޫރޯ މުބާރާތުގައި އެމްބާއްޕޭގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުފެނުމާއެކު ގިނަބަޔަކު ވަނީ ފާޑު ކިޔައިފައެވެ. ފްރާންސްގެ މެޗު ވިނިންގް ޕެނަލްޓީ އެމްބާއްޕޭއަށް ނާކާމިޔާބުވެ، މުބާރާތުން ކެޓި އިރު މުޅި މުބާރާތުގައި ވެސް އޭނާއަށް ގޯލެއް ޖެހިފައެއް ނުވެއެވެ.
"ޔޫރޯގެ ތެރޭގައި ޓްރާންސްފާގެ ވާހަކަތައް ފެށުމާއެކު ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވި. އަސްލު ދަނޑުން ބޭރުގެ ކަންކަމަށް މާ ބޮޑަށް ފޯކަސް ކުރެވުމަކީ އެ ދަނޑިވަޅުގައި ހެދުނު ގޯހެއް."
ފްރާންސްގެ މޮނާކޯއިން 2017 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވި އެމްބާއްޕޭ ވަނީ އެކުލަބާ އެކު ތިން ފަހަރަށް ލީގު ކާމިޔާބުކޮށްފައެވެ.