ރައީސް ޔާމީން ފުރައިގެން ދާން އުޅޭ ކަމުގެ ހެކި ލިބިފައިވޭ: ދައުލަތް

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން: އެމަނިކުފާނު ފުރައިގެން ދާން އުޅޭ ކަމަށް ދައުލަތުން ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖެ ދޫކޮށް ފުރައިގެން ދާން އުޅޭ ކަމުގެ ހެކި ލިބިފައިވާ ކަމަށް ދައުލަތުން މިއަދު ބުނެފިއެވެ.

ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓާރ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލުން އެހެން ވިދާޅުވެފައިވަނީ, ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމުގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައެވެ.

އެ މައްސަލައިގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ, ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން އެދިފައިވާތީ އެކަމަށް ގޮތެއް ނިނުމެވެ.

ހެނދުނު 9:00 ޖެހިއިރު ފެށި އެ އަޑުއެހުމުގައި ދެ ފަރާތުން ވަނީ އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

އެގޮތުން ޕީޖީގެ ވަކީލް ވިދާޅުވީ, ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދިފައިވަނީ, އެކަން ކުރަން ޖެހޭ ހުރިހާ ސަބަބުތަކެއް ހުރުމުން ކަމަށެވެ. ކުށެއްކޮށްފައިވާ ކަމުގެ އެކަށީގެންވާ ހެކި ލިބިފައިވޭ ކަމަށް ވިދާޅުވިއެވެ.

"އޭނާ ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅޭ ކަމުގެ ހެކި ލިބިފައިވޭ," ޕީޖީގެ ވަކީލް ވިދާޅުވިއެވެ.

ޔާމީނަކީ މީގެ ކުރިން ރާއްޖޭގެ ވެރިކަންކޮށްފައިވާ ބޭފުޅެއްކަން ފާހަގަކޮށް ޕީޖީގެ ވަކީލް ވިދާޅުވީ, ތުހުމަތުކުރެވޭ މީހާއަކީ ރާއްޖޭއިން ބޭރުގައި ފިލައިގެން ދިރިއުޅެވޭނެ ފަދަ ވަސީލަތެއް ނުވަތަ މާލީ ތަނަވަސްކަމެއް ހުރި މީހެއްތޯ ޝަރީއަތުން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.

އެކަމަށް ބާރުދޭ ހެއްކާއި އެކު ޔާމީންގެ އެކައުންޓްތަކުގެ ސްޓޭޓްމަންޓް ހުށަހަޅާފައިވާނެ ކަމަށް ޕީޖީގެ ވަކީލް ވިދާޅުވިއެވެ.

"މިފަދަ ކުށެއްގެ ތުހުމަތުކުރެވޭ މީހުން ރާއްޖެ ދޫކޮށް ފިލައިގެން ދިއުމާއި ގުޅިގެން އެމީހަކު އަނބުރާ ގެނައުމުގައި ގޮންޖެހުންތަކެއް އެބަހުރި," ޕީޖީގެ ވަކީލް ވިދާޅުވިއެވެ.

ކަން އެހެން ހުރުމުން ދައުލަތުން އެދިފައިވަނީ ޔާމީންގެ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށެވެ.

ޕާސްޕޯޓް ހިފެހެއްޓުމަށް ދައުލަތުން ހުށަހެޅި ނުކުތާތަކަށް ރައްދު ދިނުމަށް ދެ ހަފްތާގެ މުހުލަތެއް ދިނުމަށް ޔާމީންގެ ފަރާތުން ވަކީލުން އެދިވަޑައިގަތެވެ.

އެކަމަށް އިއުތިރާޒް ކުރައްވައި ދައުލަތުގެ ވަކީލް ވިދާޅުވީ, މިއީ ކުއްލިއަކަށް އުފަންވި މައްސަލައެއް ނޫން ކަމަށާއި ދިފާއުން އެދިވަޑައިގަތީ މާ ގިނަ ދުވަސް ދެއްވުމަށް ކަމަށެވެ. އަދި ޕާސްޕޯޓް ހިފެހެއްޓުމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަން ކުރިއަލާ ދިފާއަށް އެނގޭނެ ކަމަށް ވެސް ދައުލަތުން ފާހަގަކުރިއެވެ.

ރައްދުގައި ވާހަކަ ދެއްކެވީ ޔާމީނެވެ.

ފިލައިގެން ދާން އުޅޭ ކަމުގެ ހެކި ހުރިކަމަށް ދައުލަތުން ބުނެފައިވާތީ, ވަކީލުންގެ ހާޒިރުގައި އެ ހެކިތައް ދިރާސާ ކުރެއްވުމަށް ވަގުތު ދެއްވުމަށް އެދިވަޑައިގަތެވެ.

"އަޅުގަނޑުގެ ހިޔާލަތު މިހާތަނަށް އައިއިރު އަޅުގަނޑު ފިލައިގެން ދާންކޮށްފައި އޮތް އެއްވެސް މަސައްކަތެއް ނޯންނާނެ," ޔާމީން ވިދާޅުވިއެވެ.

ފުލުހުންނަށް ލިބިފައިވާ ހެކިތައް ދިފާއަށް ލިބިފައި ނެތުމުން އެއީ ކޯއްޗެއްތޯ އެނގެން ބޭނުންވާ ކަން ޔާމީން ފާހަގަކުރެއްވިއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކިޔާ ރަށެއް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ، ކްރިކް ރިޒާ (ކުރިކީލަ ރިޒާ) މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި އެ ފައިސާ ލޯންޑާ ކުރި މައްސަލައިގެ ތުހުމަތުގައެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު އެ މައްސަލައަށް ގޮތެއް ނިންމުމަށް މިއަދު ހަވީރު 4:00 ޖަހާއިރު އިތުރު އަޑުއެހުމެއް ބާއްވާނެ ކަން މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވިއެވެ. މިއަދު 1:00 ޖަހާއިރު މި މައްސަލައިގައި ދައުވާކުރާ ކްރިކް ރިޒާގެ އަޑުއެހުމަށްފަހު, ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމާއި ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

comment ކޮމެންޓް