ސަސްއިން ތަޖުރިބާކާރު ކީޕަރު ޝަފީއުގެ ސޮއި ހޯދައިފި

ތަޖުރިބާކާރު ކީޕަރު މުހައްމަދު ޝަފީއު (ޗެކް) --

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން މިދިޔަ ސީޒަނުގައި ވެލެންސިއާއަށް ކުޅުނު ތަޖުރިބާކާރު ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ގެ ސޮއި ހޯދައިފިއެވެ.

ސަސްއިން ޗެކުއާ އެކު އެއްބަސްވުން ހަދާފައިވާކަން އެކުލަބުން މިއަދު ވަނީ އިއުލާން ކޮށްފައެވެ. އެއާއެކު ޗެކް ވެގެން ގޮސްފައިވަނީ ކުރިއަށް އޮތް ސީޒަނާ ދިމާކޮށް އެ ކުލަބުން ގެންދިޔަ ތިންވަނަ ކުޅުންތެރިޔާއަށެވެ. އެ ޓީމުން ސޮއި ހޯދި އަނެއް ދެކުޅުންތެރިންނަކީ ކުރިން ވެލެންސިއާއަށް ކުޅުނު މުހައްމަދު ނިޒާމް (ޕީކޭ) އާއި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވިދަމުން އަންނަ އަހުނަފް ރަޝީދު (އަހުއްކޮ)އެވެ.

މިދިޔަ ސީޒަން ނިމުނު އިރު ސަސްގައި ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) އެ މަގާމުން ވަކިކޮށް އިސްމާއިލް މަހްފޫޒް (އިއްމަ) އެ މަގާމަށް ގެނެސް ޓީމު ފަރިތަކުރުންތައް ސަސްއިން ފެށީ މިދިޔަ މަހުގެ ތެރޭގައެވެ.

މިދިޔަ ސީޒަނުގައި ސަސްގެ ކީޕަރަކަށް ހުރި މިރްޒޮހިދު މަމަކްތޯނޯފް އެ ޓީމު ދޫކޮށް މާޒިޔާއާ ގުޅުމާއެކު ހުސްވެފައިވާ ކީޕަރަކަށް ޗެކް ހަމަޖެއްސި އިރު، ކުރީ ސީޒަނުގެ ބޮޑުބައި ޗެކް ހޭދަ ކުރަން ޖެހުނީ ބެންޗުގައެވެ. އެ ސީޒަން ފަށައިގެން ޗެކް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މުހައްމަދު ފައިސަލް ޓީމާ ގުޅުނު ހިސާބުން ޗެކްއަށް ފުރުސަތު ގެއްލުނީއެވެ.

ވ. ކެޔޮދޫ އަށް އުފަން ޝަފީއު ވަނީ ރާއްޖޭގެ އެންމެ މަތީ ޑިވިޝަނުގެ ކްލަބް ފުޓްބޯޅައިގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައެވެ. ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް ފ. ނިލަންދޫ ފުޓްބޯޅަ ޓީމުގެ އިތުރުން ކްލަބް ވެލެންސިއާގައި ވެސް ޝަފީއު ވަނީ ލިބުނު ފުރުސަތުތަކުގައި ތަފާތު ދައްކައިފައެވެ.

މީގެ އިތުރުން ޗެކް ވަނީ މިއަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ފުރަތަމަ ފަހަރަށް ގައުމީ ޖާޒީގައި މެޗެއް ކުޅެފައެވެ.

comment ކޮމެންޓް