މިދިޔަ އަހަރު ރެމިޓެންސްއަށް ބޭރަށް 167 މިލިއަން ޑޮލަރު ފޮނުވި، އަށް ޕަސެންޓްގެ އިތުރުވުމެއް

ބާޒާރުމަތީގައި ބިދޭސީން މަސައްކަތުގައި: މިދިޔަ އަހަރު ރެމިޓެންސްއަށް ބޭރަށް 167 މިލިއަން ޑޮލަރު ފޮނުވައިފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ރެމިޓެންސްގެ ގޮތުގައި ރާއްޖޭން ބޭރަށް ފޮނުވައިފައިވާ ފައިސާގެ އަދަދު 167.6 މިލިއަން ޑޮލަރަށް އަރާ ކަމަށާއި، އެއީ އަށް ޕަސެންޓްގެ އިތުރުވުމެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ރެމިޓެންސްއަކީ ބޭރު ގައުމުތަކުގައި މަސައްކަތް ކުރާ މީހުން، އަމިއްލަ ގައުމަށް ފޮނުވާ ފައިސާއެވެ. އެމްއެމްއޭގެ ރިޕޯޓުގައި ވަނީ ރާއްޖޭން ބޭރަށް ފޮނުވައިފައިވާ 'އައުޓްވާޑް ރެމިޓެންސް' އާއި ބޭރުން ރާއްޖެއަށް ފޮނުވައިފައިވާ 'އިންވާޑް ރެމިޓެންސް'ގެ ތަފާސްހިސާބު ހިމަނައިފައެވެ.

އެމްއެމްއޭއިން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން، މިދިޔަ އަހަރު 139،000 ފައިސާގެ މުއާމަލާތް މެދުވެރިކޮށް، ރެމިޓެންސްގެ ގޮތުގައި 167.6 މިލިއަން ޑޮލަރު ރާއްޖޭން ބޭރަށް ފޮނުވައިފައިވެއެވެ. އެއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު، ފައިސާގެ މުއާމަލާތުގެ އަދަދަށް އައި 13 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ރިޕޯޓުގައިވެއެވެ. އަދި އެއީ ފައިސާގެ އަދަދަށް ބަލާއިރު އަށް ޕަސެންޓްގެ އިތުރުވުމެއްކަން އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.

މަރުކަޒީ ބެންކުން ވަނީ، އައުޓްވާޑް ރެމިޓެންސްގެ 94 ޕަސެންޓް ހިއްސާކުރަނީ ބިދޭސީން ކަމަށްވާއިރު، ހަ ޕަސެންޓް ހިއްސާކުރަނީ ދިވެހީން ކަމަށް ބުނެފައެވެ. އޭގެ ތެރެއިން ދިވެހީން ފޮނުވާފައިވާ ރެމިޓެންސް ފައިސާގެ އަދަދު 11 ޕަސެންޓް އިތުރުވިއިރު، ބިދޭސީން ރެމިޓެންސްގެ ގޮތުގައި ފޮނުވި ފައިސާ 89 ޕަސެންޓް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

ފައިސާ ބަދަލުކުރާ ވިޔަފާރިއެއް: މިދިޔަ އަހަރު ރެމިޓެންސްއަށް ބޭރަށް 167 މިލިއަން ޑޮލަރު ފޮނުވައިފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެމްއޭއިން ވަނީ، އައުޓްވާޑް ރެމިޓެންސް އިތުރުވި ސަބަބަކީ، ރަސްމީ ވަސީލަތްތަކުން ރެމިޓެންސް ފައިސާ ފޮނުވުން އިތުރުވުން ކަމަށް ލަފާކޮށްފައެވެ.

ރާއްޖެއަށް ލިބިފައިވާ ފައިސާ ނުވަތަ އިންވާޑް ރެމިޓެންސްއަށް ބަލާއިރު، އެފަދަ ފައިސާގެ މުއާމަލާތްތަކުގެ އަދަދު ފަސް ޕަސެންޓް ދަށްވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. އެ މުއާމަލާތްތަކުން 2.9 މިލިއަން ޑޮލަރު ލިބިފައިވާއިރު، އެއީ 2024އާ އަޅައިބަލާއިރު އެއް ޕަސެންޓްގެ އިތުރުވުމެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރިއެވެ.

https://sun.mv/210407

ރާއްޖޭގައި އެންމެ ފަހުން، 2022ގައި ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ގައުމުގެ އާބާދީ ފަސް ލައްކައަށް އަރާއިރު އޭގެ ތެރޭގައި 132،493 ބިދޭސީން ހިމެނެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނައިރު، އެ މަސައްކަތްތެރިން ބޭރަށް ފޮނުވާ ފައިސާގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މިދިޔަ ޖަނަވަރީ މަހު، ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ކުރީގެ ރައީސް ސުދޭޝް މެންޑިސް ވަނީ، ރާއްޖޭގައި މިހާރު 21,000 އަށްވުރެ ގިނަ ސްރީލަންކާ ރައްޔިތުން ވަޒީފާ އަދާކުރަމުންދާ ކަމަށާއި، އެ މީހުންގެ ފަރާތުން އަހަރަކު ގާތްގަނޑަކަށް 129 މިލިއަން އެމެރިކާ ޑޮލަރު ރެމިޓެންސްގެ ގޮތުގައި އެ ގައުމަށް އެކަނިވެސް ވަންނަ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/216870

ދެހާސް ސައުވީސް ވަނަ އަހަރުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ރެމިޓެންސްގެ ގޮތުގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެއިން 144 މިލިއަން ޑޮލަރު ބޭރުކޮށްފައިވެއެވެ. އެއީ 2023 އަަަށްވުރެ 59 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އޭރު އެމްއެމްއޭއިން ބުނެފައިވެއެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ވެސް ބޮޑުވެފައިވާއިރު، މި ސަރުކާރުން އަންނަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، ގަވައިދަށް ފެއްތުމަށް މަސައްކަތްތައް ކުރަމުންނެވެ. އަދި ގަވައިދާ ޚިލާފުވާ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދެއެވެ.

ރާއްޖޭގައި ތިބި ބިދޭސީން މަސައްކަތްތެރީން ބޭރަށް ފޮނުވާ ފައިސާ އިތުރުވެފައިވާއިރު، ދިވެހީންގެ މެދުގައި ވެސް ޑޮލަރުގެ ޑިމާންޑް ވަނީ ވަރަށް ބޮޑުވެފައެވެ. އަދި ރާއްޖެއަށް ލިބޭ ޑޮލަރު އިގުތިސާދުގެ ތެރޭގައި ހިފެހެއްޓުމަށް، ފަތުރުވެރިކަމުން ލިބޭ ގިނަ އަދަދެއްގެ ފައިސާ މާރުކުރަން މަޖުބޫރުކުރުން ފަދަ ފިޔަވަޅުތައް ސަރުކާރުން އަޅައިފައިވެއެވެ.

އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގައި ޑޮލަރުގެ އަގު އުފުލުމާއެކު، ތަކެތީގެ އަގުތައް ވެސް އުފުލެއެވެ. މަރުކަޒީ ބޭންކުން ޑޮލަރުގެ އަގު ކަމަށް ކަނޑައަޅައިފައިވަނީ 15.42 ރުފިޔާ ކަމަށްވީ ނަމަވެސް، އެންމެ ގިނަ ބަޔަކު ޑޮލަރު ގަންނަނީ ކަޅު ބާޒާރުންނެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 18 ރުފިޔާއިން މައްޗަށް އުފުލިފައި ހުންނަތާ ގިނަ މަސްތަކެއް ވަނީ ވެފައެވެ.

comment ކޮމެންޓް