ވިޔަފާރިތަކަށް ޑޮލަރު ވިއްކުން އިތުރުކޮށް، ފުރަތަމަ ކުއާޓަރުގައި އިތުރަށް 89.3 މިލިއަން ދޫކުރި: ޒަމީރު

ފިހާރައެއްގައި މީހަކު: ވިޔަފާރިތަކަށް ޑޮލަރު ވިއްކުން އިތުރުކޮށް، ފުރަތަމަ ކުއާޓަރުގައި އިތުރަށް 89.3 މިލިއަން ދޫކުރި ކަމަށް ޒަމީރު ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހާމަކުރެއްވި ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިޔަފާރިތަކަށް ޑޮލަރު ވިއްކި މިންވަރު ވަނީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 89.3 މިލިއަން ޑޮލަރު އިތުރުކޮށްފައެވެ. މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް އައިސްފައިވާ ބަދަލުތަކާއެކު، ރާއްޖޭގައި މުދަލުގެ އަގުތައް އުފުލުން ކޮންޓްރޯލްކޮށް އިޤުތިޞާދީ ހަމަޖެހުން ޤާއިމުކުރުމަށް އެމްއެމްއޭ އާއި ބީއެމްއެލް ގުޅިގެން އެޅި ފިޔަވަޅެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، ޓީޓީ ޕޭމަންޓްތަކަށް މިދިޔަ އަހަރު 16.9 މިލިއަން ޑޮލަރު ދޫކުރިއިރު، މި އަހަރު ވަނީ 106.2 މިލިއަން ޑޮލަރު ދޫކޮށްފައެވެ. އަދި ކާޑުތަކަށް ދޫކުރި އަދަދު ވެސް ވަނީ 78.7 މިލިއަނުން 119.8 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މީގެ އިތުރުން އެކި ދާއިރާތަކަށް އެތައް މިލިއަން ރުފިޔާއެއްގެ ލޯނު ދޫކޮށް، ޒަރޫރީ ތަކެތި މެދުކެނޑުމެއްނެތި ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދީފައެވެ.

  • މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިޔަފާރިތަކަށް ޑޮލަރު ވިއްކި މިންވަރު 89.3 މިލިއަން ޑޮލަރު އިތުރުކޮށްފި
  • ޓީޓީ ޕޭމަންޓްތަކަށް 106.2 މިލިއަން ޑޮލަރު އަދި ކާޑުތަކަށް 119.8 މިލިއަން ޑޮލަރު ދޫކޮށްފި
  • ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން އަމިއްލަ ފަރުދުންނަށް ވެސް ގިނަ ލޯނުތަކެއް ދޫކޮށްފި
  • މި ބަދަލުތަކުގެ މައިގަނޑު މަޤުޞަދަކީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އަގުތައް އުފުލުން ހުއްޓުވުން

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިޔަފާރިތަކަށް ޑޮލަރު ވިއްކި އަދަދު 89.3 މިލިއަން ޑޮލަރު އިތުރު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ފެބްރުވަރީ މަހުގެ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ދާއިރާ ހަރުދަނާކުރުމަށްޓަކައި މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ގައުމީ ބޭންކް، ބީއެމްއެލް ގުޅިގެން ބޭރު ފައިސާ ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފައިވާ ކަމަށެވެ.

އެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް ބޮޑެތި ބަދަލުތައް އައިސްފައިވާއިރު، ޒަމީރު ވިދާޅުވީ، އޭގެ ސަބަބުން ރާއްޖޭގައި ކުއްލިއަކަށް އަގުތައް އުފުލުން ކޮންޓްރޯލް ކުރުމަށް، ވިޔަފާރިތަކަށް ޑޮލަރު ދިނުން އިތުރުކޮށްފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއިން އިންޓާނަލީ ޖެނެރޭޓު ކުރާ ރެވެނިއުއާއި އޭގެ އިތުރުން ސަރުކާރުގެ ފަރާތުން އިންޓަވެންޝަންއަށް އެމްއެމްއޭ މެދުވެރިކޮށް ދޫކުރި ފައިސާއާއެކު އެހެރީ [ތަފާސްހިސާބު]،" ޑޮލަރު ދޫކުރި މިންވަރު ދައްކުވައިދޭ ތަފާސްހިސާބު ދައްކަވަމުން ޒަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ވިޔަފާރިތަކަށް ޑޮލަރު ދޫކުރުން އިތުރުކޮށްފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

އެ ތަފާސްހިސާބުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓީޓީ ޕޭމެންޓްތަކަށް ވިޔަފާރިތަކަށް ވިއްކީ 16.9 މިލިއަން ޑޮލަރެވެ. އެއީ މަހަކަށް އެވަރެޖުކޮށް 5.6 މިލިއަން ޑޮލަރެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަަދަދު ވަނީ 106.2 މިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ. އެއީ މަހަކަށް އެވަރެޖުކޮށް 35.4 މިލިއަން ޑޮލަރެވެ. އަދި މި މަހުގެ އެކަކުން 16އަށް އެކަނިވެސް، 25.2 މިލިއަން ޑޮލަރު ވިއްކައިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

މީގެ އިތުރުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކާޑުތަކަށް ދޫކުރި ފައިސާގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދޫކުރީ 78.7 މިލިއަން ޑޮލަރު ކަމަށްވާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަަދަދު ވަނީ 119.8 މިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ. އެއީ މަހަކަށް އެވަރެޖުކޮށް ދޫކުރި މިންވަރު 26.2 މިލިއަނުން 40 މިލިއަން ޑޮލަރަށެވެ.

މީގެ ނަތީޖާއަކީ ޕްރައިސް ޝޮކަކަށް ނުގޮސް އެކަމަކު އިންޓަނޭޝަނަލް މާކެޓުގައި މިސާލަކަށް ފްރައިޓަށް އަންނަ ބަދަލު، އައި ބަދަލާއެކު އަޅުގަނޑުމެން ހުންނާނީ އެންމެ ޝޮކް ކުޑަވާނެ ގޮތަކަށް ބަލައިގެން މަސައްކަތް ކޮށްފައި
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ޒަމީރު ވިދާޅުވީ، ބީއެމްއެލްއާއި އެހެން ބޭންކުތަކާ މަޝްވަރާކޮށްގެން، ވިޔަފާރިތަކަށް މިވަގުތުން ވަގުތަށް ހުރި އުނދަގޫތަކަށް ހައްލު ކުރުމަށް ޓަކައި ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މާރިޗު އަދި އޭޕްރީލް މަހު 163 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާއަށް ޖުމްލަ 541 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާއަށާއި އެހެން ދާއިރާތަކަށާއި އަމިއްލަ ފަރުދުންނަށް 941 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން ޒަމީރު ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އިކޮނޮމީ ހުއްޓުނަ ނުދީ، ސަރުކާރުގެ ފަރާތުން އިންޓަވީން ކޮށްގެން ކޮށްދެވެން ހުރި ކަންތައްތައް އަޅުގަނޑުމެންގެ ނެޝަނަލް ބޭންކް މެދުވެރިކޮށް މި ދަނީ ކުރަމުން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެފައިވާއިރު، ޑޮލަރުގެ އަގު ހުއްޓުމެއްނެތި އުފުލެމުން ދިޔުމުގެ ކަންބޮޑުވުން ފާއިތުވި އަހަރު ވެސް ވިޔަފާރިވެރިން ވަރަށް ބޮޑަށް ފާހަގަކުރިއެވެ.

https://www.sun.mv/214002

މިދިޔަ އަހަރުގެ ޖުލައި މަހު އެމްއެމްއޭއިން ވަނީ، ރާއްޖެއަށް މުދާ އިމްޕޯޓުކުރަން ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ އެމެރިކާ ޑޮލަރުގެ ނިސްބަތް 10 އިންސައްތަ އިތުރުކުރަން ނިންމައިފައެވެ.

އޭގެ ފަހުން ތަކެތީގެ އަގު އުފުލުމުން، މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބާޒާރުގައި ބައެއް ބާވަތުގެ ތަކެތި، އަމިއްލަ ވިޔަފާރިވެރިން އަގުބޮޑުކޮށް ވިއްކީ ގަސްތުގައި ސިޔާސީ ބޭނުމެއްގައި ކަމަށް ތުހުމަތުކުރައްވައިފައެވެ.

ހަނގުރާމައާ ގުޅިގެން ވިޔަފާރިތަކާއި އާންމު ފަރުދުންގެ ކަންބޮޑުވުން އިތުރުވެފައިވާއިރު، ސަރުކާރުން ވަނީ މެދުކެނޑުމެއްނެތި ޒަރޫރީ ތަކެތި ލިބެމުންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެފައެވެ.

comment ކޮމެންޓް