ސްރީލަންކަން އެއާލައިންސް އިން ލަންކާގެ ކޮލަމްބޯއާއި އައްޑޫ ސިޓީގެ ގަމާ ދެމެދު ދަތުރުތައް އަލުން ފަށައިފިއެވެ.
ސްރީލަންކަންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓު ކަމަށްވާ އޭސް އޭވިއޭޝަނުން "ސަން" އަށް ބުނީ، މީގެ ކުރިންވެސް ރާވާފައިވާ ގޮތަށް، އިއްޔެ ކޮލަމްބޯއާއި ގަމާ ދެމެދު ސީދާ ދަތުރުތައް ފަށާފައިވާ ކަމަށެވެ.
މި ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއަކު ހޮނިހިރު ދުވަހު ކަމަށް އޭސް އޭވިއޭޝަނުން މައުލޫމަތު ދިނެވެ.
ސްރީލަންކަން އެއާލައިންސްގެ ސީދާ ދަތުރުތައް ގަމަށް ފެށީ ޑިސެމްބަރު 2016ގައެވެ. ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެދަތުރުތައް މެދުކެނޑުނެވެ. އަދި މިދިޔަ އޮގަސްޓު މަހު އެ އެއާލައިނުން ވަނީ ކޮލަމްބޯ އާއި ގަމާ ދެމެދު ޗާޓަރު ފްލައިޓުތައް ފަށާފައެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_163867852664LGsd.jpeg)
ސްރީލަންކަ އެއާލައިންސް އިން ގަމަށް ދަތުރުތައް ފެށުން -- ފޮޓޯ/ ސްރީލަންލަން އެއާލައިންސް
އޭސް އޭވިއޭޝަނުން ބުނީ ދިވެހިންނަށް ކޮލަމްބޯ އާއި ގަމާ ދެމެދު ދެކޮޅު ޓިކެޓްގެ އެންމެ ހެޔޮ އަގަކީ 270 ޑޮލަރު ކަމަށެވެ. އަދި ފަތުރުވެރިންނަށް ދެކޮޅު ޓިކެޓުގެ އަގަކީ 283 ޑޮލަރު ކަމަށެވެ.
ހަމައެއާއެކު، ކޮންމެ ހޮނިހިރު ދުވަހަކު ސްރީލަންކަންގެ ބޯޓު ކޮލަމްބޯއިން ދަތުރު ފަށާނީ 10:40ގައި ކަމަށާއި ގަމަށް ޖައްސާނީ 12:05ގައި ކަމަށް އޭސް އޭވިއޭޝަނުން ބުންޏެވެ. އަދި ދެން އެ ބޯޓު ގަމުން ފުރާނީ މެންދުރު 1:05ގައި ކަމަށް އޭސް އޭވިއޭޝަނުން ބުންޏެވެ.
"އަނެއްކާވެސް އައްޑޫ މީހުންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށް މިވީ. އައްޑޫއިން ސީދާ ކޮލަމްބޯއަށް ދެވޭތީ. ދެން ކޮލަމްބޯއިން ޓްރާންސިޓްކޮށް ދެވޭނެ ހުރިހާ ތަނަކަށްވެސް،" އިއްޔެ 33 ފަތުރުވެރިންނާއެކު ދަތުރުތައް ފެށުމާ ގުޅިގެން އޭސް އޭވިއޭޝަނުން ބުންޏެވެ.