އިންޑޮނޭޝިއާގައި އަލިފާން ފަރުބަދައެއް ގޮވައި މީހަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ

އިންޑޮނޭޝިއާގެ ޖާވާގައި އައިލޭންޑްގައި ހުންނަ އެންމެ އުސް އަލިފާން ފަރުބަދަ ގޮވައި މީހުން އެ ސަރަހައްދުން ދަނީ -- ފޮޓޯ/ އަލްޖަޒީރާ

އިންޑޮނޭޝިއާގެ ޖާވާގައި ހުންނަ އެންމެ އުސް އަލިފާން ފަރުބަދަ ގޮވައި މީހަކު މަރުވެ ގިނަ އަދަދެއްގެ މީހުން ޒަހަމްވެއްޖެއެެވެ.

މި ފަރުބަދަ ގޮވައިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެ ފަރުބަދަ ގޮވުމާއެކު އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ މީހުންނަށް ވަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް މަޖުބޫރުވެފައެވެ.

މި ހާދިސާއާއެކު މިހާތަނަށް މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ އެންމެ މީހެކެވެ. އަދި ދެ މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވާއިރު ފަރުބަދަ ގޮވައި އެ ސަރަހައްދުގައި ތާށިވެފައި ތިބި މީހުންގެ ގޮތުގައި އަށް މީހުން ތިބިކަމަށް ރިޕޯޓުކޮށްފައެވެ.

މި ހާދިސާގެ ސަބަބުން ގެދޮރު ގެއްލިފައިވާ 300އަށްވުރެ ގިނަ އާއިލާ އަންނަނީ އެ ސަރަހައްދާ ކައިރި އަވަށެއް ކަމަށްވާ ކެރެބޮކަން އަވަށުން ވަގުތީގޮތުން ބޯހިޔާވަހިވާނެ ޖާގައެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން އިންޑޮނޭޝިއާގެ ލުމަޖަންގް ޑިސްޓްރިކްޓްގެ ޑެޕިއުޓީ ޗީފް އިންދާހް މަސްދަރު ވިދާޅުވީ މި ހާދިސާގައި 41 މީހަކަށް ފިހެގެން އަނިޔާވެފައިވާކަމަށެވެ.

"އަނިޔާވި މީހުން ސިއްހީ މަރުކަޒުތަކަށް ވާނީ ފޮނުވައިފައި. އެހެންނަމަވެސް ފިހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު މީހުން އަޅުގަނޑުމެން ފޮނުވީ ހޮސްޕިޓަލަށް،" އޭނާ ވިދާޅުވިއެވެ.

އިމާރާތްތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް ހެލިކޮޕްޓަރުގެ ބޭނުން މިހާރު އަންނަނީ ކުރަމުންނެވެ. ތާށިވެފައި ތިބި މީހުުން ސަލާމަތްކުރުމަށް އެންމެ ބޮޑު ދައްޗެއްގެ ގޮތުގައިވެފައިވަނީ އެ ސަރަހައްދަށް ޖަމާވެފައިވާ ކިސަޑާއި ޗަކަ ވެއްޔެެވެ.

އެއާއެކު ވެސް ސަލާމަތީ ހިދުމަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިހާރު އަންނަނީ އިވެކުއޭޝަން ޓެންޓުތައް ޖެހުމުގެ މަސައްކަތްކުރަމުންނެވެ. ނަމަވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމުން މި މަސައްކަތަށް ވެސް ކޮންމެވެސް މަޑުޖެހުމެއް ވަނީ އައިސްފައެވެ.

އިންޑޮނޭޝިއާއަކީ އެ ގައުމު އޮންނަ ސަރަހައްދުގެ ގޮތުން ބިންހެލުންތަކާއި ގުދުރަތީ ކާރިސާތައް ގިނަ އަދަދަކަށް ހިނގަމުން އަންނަ ގައުމެކެވެ. އެ ގައުމުގައި 128 އެކްޓިވް އަލިފާން ފަރުބަދަ މިވަގުތު ވެސް ހުރެއެވެ.

comment ކޮމެންޓް