ކެނދިކުޅުދޫއިން ފެނުނު ޒުވާން ކީޕަރު، ރާއްޕެއަށް މާޒިޔާއިން ފަހި ފުރުސަތެއް

މާޒިޔާއިން ކެނދިކުޅުދޫގެ ޒުވާން ކީޕަރު ރާއްޕެއާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- މާޒިޔާ

މާޒިޔާ ސްޕޯޓްސް ކުލަބުން ނ.ކެނދިކުޅުދޫގައި ކުރަމުންދިޔަ ކޭމްޕްގައި އެ ރަށުގެ ޒުވާން ކީޕަރު އިސްމާއިލް ރާއިފްގެ (ރާއްޕެ) ހުނަރު ފެނި، ދިގު މުއްދަތަކަށް އެެއްބަސްވުމެއް ހަދައި ސޮއި ކޮށްފިއެވެ.

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކެނދިކުޅުދޫގައި މާޒިޔާއިން ފަރިތަކުރުންތައް ފެށީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އަލަށް ޓީމަށް ގުޅުނު ކުޅުންތެރިންނާއެކު މާޒިޔާއިން ކުރަމުން އައި ފަރިތަކުރުންތައް މިއަދު ވަނީ ނިންމާލައިފައެވެ. އަދި މާދަމާގެ ވަގުތެއްގައި އެނބުރި އެ ޓީމުގެ ކުޅުންތެރިން މާލެއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

މާޒިޔާއާއި ކެނދިކުޅުދޫގެ ފުޓުބޯޅަ ޓީމު މިއަދު ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން --- ފޮޓޮ/މާޒިޔާ

މާޒިޔާގެ މި ކޭމްޕްގައި ކެނދިކުޅުދޫއާ އެކު އެކުވެރިކަމުގެ ދެ މެޗެއް ވަނީ ކުޅެފައެވެ. އަދި އެ ކޭމްޕްގައި ކެނދިކުޅުދޫއިން ފާހަގަކޮށްލެވުނު ހަތަރު ކުޅުންތެރިއަކު ވަނީ މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިކޮށްފައެވެ. އެ ގޮތުން އެ ޕްރެކްޓިސްތަކުގައި ބައިވެރިވި ކެނދިކުޅުދޫ ފުޓުބޯޅަ ޓީމުގެ ޒުވާން ކީޕަރު، ރާއްޕެއަށް މާޒިޔާއިން ވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއް ދީފައެވެ.

"މާޒިޔާއާއެކު ކުރި ފުރަތަމަ ފަރިތަކުރުންތަކުގައި ވެސް އޭނަގެ ހުނަރު ޓީމުގެ ކޯޗުންނަށް ވަނީ ފާހަގަވެފައި. ރަނގަޅު ތަމްރީންތަކާއި، ކޯޗުންގެ އިރުޝާދާ އެކު އެންމެ މަތީ ލެވަލްގައި އޭނާ ކުޅޭނެ ކަމުގެ ޔަގީންކަން މިކުލަބަށް އެބައޮތް،" މާޒިޔާއިން މިރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މާޒިޔާއިން ބުނީ ވަރަށް ކައިރި މުސްތަބުލެއްގައި ޓީމުގެ ޕްރެކްޓިސްތަކުގައި ރާއްޕެ ބައިވެރިވާނެ ކަމަށެވެ. އަދި އެހެންމެ ރާއްޕެއަށް ދިގު މުއްދަތަކަށް އެއްބަސްވުމެއް ވަނީ ކުލަބުން ދީފައެވެ.

"ރާއިފް ވަނީ މާޒިޔާގެ ފަރިތަކުރުންތަކުގައި ވަރަށް ރަނގަޅަށް ބައިވެރިވެފައި. އޭނާ ވަނީ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ވެސް ކުޅެފައި. އެ މެޗުތަކުގައި ވެސް ރާއިފްގެ ހުނަރު ވަރަށް ތަފާތު."

އުމުރުން 19 އަހަރުގެ ރާއްޕެ ވަނީ އެންމެ 16 އަހަރުގައި ކެނދިކުޅުދޫއިން 2018 ވަނަ އަހަރު ނ އަތޮޅުގައި ބޭއްވި ޝިޔާމް މައުރޫފް ކަޕު ކާމިޔާބު ކުރި އިރު ޓީމުގައި ހިމެނިފައެވެ.

މީގެ އިތުރުން ރަށު ފެންވަރުގައި ވޭތުވެ ދިޔަ ދެ ތިން އަހަރު ބޭއްވި ގިނަ މުބާރާތްތަކުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމު ރާއްޕެ ވަނީ ހޯދައިފައެވެ.

comment ކޮމެންޓް