ޝާޒާއި ޝަރީފަށް މޮޅެއް، އަހުސަނަށް ނާކާމިޔާބު

ގައުމީ ބިލިއާޑް މުބާރާތުގައި ރޭންކިންގެ ހަތަރުވަނަ ކުޅުންތެރިޔާ މުހައްމަދު ޝަރީފް ވާދަކުރަނީ — ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގައި އެމްޕީބީއޭ ރޭންކިންގެ އެއްވަނައިގައި ހަސަން ޝާޒް މުހައްމަދާއި ހަތަރުވަނައިގައި މުހައްމަދު ޝަރީފް ކުޅުނު މެޗުތަކުން މޮޅުވި އިރު، ރޭންކިންގެ ތިންވަނައިގައި އޮތް އަހުސަން ހާޝިމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގައި އިއްޔެ ވެސް ވަނީ ފޯރިގަދަ މެޗުތަކެއް ކުރިއަށްގޮސްފައެވެ. ފިރިހެން ފުރަތަމަ ޑިވިޝަންގެ އިތުރުން އިއްޔެ ވަނީ ފިރިހެން ދެވަނަ ޑިވިޝަންގެ އިތުރުން އަންހެން ޑިވިޝަންގެ މެޗުތަކެއް ވެސް ކުރިއަށްގެންގޮސްފައެވެ.

ފިރިހެން ފުރަތަމަ ޑިވިޝަންގައި ރޭ ކުޅުނު މެޗުން ޝާޒް ވަނީ ހާމިދު ފައިސަލްއާ ވާދަކޮށް މޮޅެއް ހޯދައިފައެވެ. އެ މެޗުން ޝާޒް މޮޅުވީ 3-9 ފްރޭމުންނެވެ. އެ މޮޅާއެކު ޝާޒް މިވަނީ މުބާރާތުގައި އޭނާ ކުޅުނު ދެ މެޗުން ވެސް މޮޅެއް ހޯދައިފައެވެ. މިދިޔަ ބުދަ ދުވަހުގެ މެޗުގައި ޝާޒް ވަނީ 9-4 ފްރޭމުން ރޭންކިންގެ ދެވަނައިގައި އޮތް ހުސައިން ފަޔާޒް ބަލިކޮށްފައެވެ.

ރޭންކިންގެ ހަތަރުވަނައިގައި އޮތް މުހައްމަދު ޝަރީފު ވެސް ވަނީ އޭނާ ކުޅުނު ދެ މެޗުން ވެސް މޮޅެއް ހޯދައިފައެވެ. ރޭ ކުޅުނު މެޗުގައި މުހައްމަދު އަކްސަމް ވަހީދާ ދެކޮޅަށް ކުޅުނު މެޗުން ޝަރީފް މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 8-9 ފްރޭމުންނެވެ. މިދިޔަ ބުދަ ދުވަހު ކުޅުނު މެޗުގައި ޝަރީފް މޮޅުވީ އަހުމަދު ނިހާދާ ވާދަކޮށް 9-5 ފްރޭމުންނެވެ.

ރޭ ކުޅުނު މެޗުގައި ރޭންކިންގެ ތިންވަނައިގައި އޮތް އަހުސަން ހާޝިމް ވަނީ ބަލިވެފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ރޭންކިންގެ 19 ވަނައިގައި އޮތް އިސްމާއިލް ޖީހާން އަތުން އަހުސަން ބަލިވީ 9-8 ފްރޭމުންނެވެ. ނަމަވެސް އަހުސަން ވަނީ މިދިޔަ ބުދަ ދުވަހު އޭނާ ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުން މޮޅެއް ހޯދައިފައެވެ. އެ މެޗުގައި ޔޫސުފް ޒުބައިރާ ވާދަކޮށް އަހުސަން މޮޅުވީ 9-7 ފްރޭމުންނެވެ.

އެ މުބާރާތުގައި މިއަދު ވެސް ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަންގެ މެޗުތަކެއް ކުރިއަށްދާނެއެވެ. އެގޮތުން ފުރަތަމަ ޑިވިޝަންގައި މިރޭ އެމްބީޕީއޭ ރޭންކިންގެ ދެވަނައިގައި އޮތް ހުސައިން ފަޔާޒް، އުންމީދު އާކުރުމަށް ނުކުންނާނެއެވެ. މިރޭގެ މެޗުގައި ފަޔާޒް ނުކުންނާނީ މުހައްމަދު އަކްސަމް ވަހީދާ ދެކޮޅަށެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ.

comment ކޮމެންޓް