މަގުމަތީ ބާޒާރުގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއް، މިހާރުވެސް 70 ޕަސެންޓް ޖާގަ ފުރިއްޖެ

މޯލްޑިވްސް މިއުޒިކް އެންޑް އާޓް ސެންޓަރުން އަލިމަސް އުފާ ކާނިވަލުގައި ބޭއްވި ނައިޓް މާކެޓެއްގެ ތެރެއިން ----- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

މާލޭގައި މިއަހަރު ބާއްވާ މަގުމަތީ ބާޒާރުގެ ސްޓޯލްތަކަށް ބޮޑު ތަރުހީބެއް ލިބި، ސްޓޯލްތަކުގެ 70 ޕަސެންޓް ޖާގަ ވިކިއްޖެއެވެ.

މަގުމަތީ ބާޒާރު ހިންގުމާ ހަވާލުވެފައިވާ ޕްރިޒަމް ހޯލްޑިންސްއިން "ސަން" އަށް މައުލޫމާތު ދެމުން ބުނީ ސްޓޯލްތަކަށް އެދުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހަށް ހަމަވާއިރު، މިހާރުވެސް ގިނަ ފަރާތްތަކަކުން ފޯމު ހުށަހަޅަމުން ދާކަމަށެވެ.

ހުރިހާ ވިޔަފާރިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ނައިޓްމާކެޓްގެ މަގްސަދަކީ ފިހާރަތަކުން ނުވިކި ހުންނަ އެއްޗެހި ހެޔޮއަގުގައި ވިއްކުން ކަމަށް ޕްރިޒަމް ހޯލްޑިންސް އިން މައުލޫމާތު ދިނެވެ.

ނައިޓް މާކެޓްގެ ސްޓޯލްތައް ބަހާލާފައި ވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ކާބޯތަކެއްޗާއި އާއްމު މުދަލަށް ހާއްސަ ސްޓޯލުތަކެވެ.

ނައިޓް މާކެޓްގެ ސްޓޯލްތަކަށް އެދޭ ފޯމު ޕްރިޒަމް ހޯލްޑިންސްގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފޯމު ހުޅަހަޅަން ބޭނުންވާ މީހުނަށް އޮންލައިންކޮށް އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހެޅޭޭނެ އިންތިޒާމު ހަމަޖެހިފައި ވާއިރު، އެކަމަށްޓަަކައި މާލޭގައި ހެލްޕް ޑެސްކެއް ވެސް ތައްޔާރުކޮށްފައިއެވެ. އެ ހެލްޕް ޑެސްކު ބަހައްޓާފައި ވަނީ ހ. ދަނޑު ކައިރީ ހުންނަ ހ. ލީމާ ގްރައުންޑްގައިއެވެ.

އެތަނުން މަގުމަތީ ބާޒާރާ ބެހޭ މައުލޫމާތު ސާފު ކުރުމަށާއި، އަމިއްލައަށް ފޯމު ފުރައިގެން ހުށަހަޅަން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޕްރިޒަމް ހޯލްޑިންސް އިން ބުންޏެވެ.

މިއަހަރު މާލޭގައި ނައިޓް މާކެޓް ބާއްވަން ހަމަޖެހިފައި ވަނީ މިމަހުގެ 26ން ޖެނުއަރީ ފަސް ވަނަ ދުވަހާ ހަމަޔަށް ރަސްފަންނު ސަރަހައްދުގައެވެ.

comment ކޮމެންޓް