މިދުހަތު ހައްދަވަނީ ދޮގު، ދުވަހަކު ވެސް އޭނާއާ ބައްދަލުވެފައިނުވާނެ: އަލީ ޒާހިރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު -- ފޮޓޯ/ ރައީސް އޮފީސް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑުން ވަކިކޮށްފައިވާ، އަލީ މިދުހަތާ ދުވަހަކު ވެސް ބައްދަލުވެފައިނުވާ ކަމަށް ވިދާޅުވެ، މިދުހަތު ދެއްކެވި ވާހަކަތައް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދޮގުކުރައްވައިފިއެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ބޯޑުން މިދުހަތު ވަކިކުރިކަން އޭނާއަށް އަންގާފައިވަނީ މިއަދު އެވެ.

ޕީއެސްއެމްގެ ބޯޑުން ވަކިކޮށް، ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު މިދުހަތަށް ފޮނުވި ސިޓީގައި ބުނެފައިވަނީ, އޭނާ އެ މަގާމުގައި ބެހެއްޓުމަށް ރައިސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިނުގަންނަވާކަން އަންގާފައިވާ ކަމަށެވެ. އެހެން ކަމުން ރައީސް އޮފީހުން އެދިފައިވާ ގޮތަށް މިއަދުން ފެށިގެން ޕީއެސްއެމްގެ ބޯޑުން މިދުހަތު ވަކިކުރުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

"ސަން" ޓީވީގެ ސްޓޭޝަން އިންޗާޖުކަން އަދާކުރައްވާފައިވާ މިދުހަތު, ޕީއެސްއެމްގެ ބޯޑުން ވަކިކޮށްފައި ނޮވެމްބަރު ތިނަކީ ބީ ގެޓަގަރީގެ ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން އެކަމާ ދެކޮޅަށް ޓްވީޓްކޮށްފައިވަނިކޮށެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމަށް ޓީވީއެމްގެ ގޯތިތެރޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާ 15 ބުރީގެ ޓަވަރު ވަކި ބަޔަކާ ހަވާލުކުރުމާ ދެކޮޅަށް ވެސް މިދުހަތު ވަނީ ވާހަކަދައްކަވާފައެވެ.

މީގެ އިތުރުން ނަސްރުގެ ދުވަހަކީ ބީ ކެޓަގަރީ ދުވަހެއްގެ ގޮތުގައި ޕީއެސްއެމުން ނިންމި ނިންމުމާ ދެކޮޅަށް ވެސް މިދުހަތު ވަނީ އަޑު އުފުލާފައެވެ.

ޕީއެސްއެމް ބޯޑުން ވަކިކުރުމާއެކު މިދުހަތު ވަނީ އަލީ ޒާހިރު އާ ދެކެވުނު ކަމަށް ބުނާ ވާހަކަތަކެއް މީސް މީޑިއާގައި ހިއްސާކުރައްވައިފައެވެ.

މިދުހަތު ހިއްސާކުރި ވާހަކައިގެ ސްކްރީންޝޮޓެއް ހިއްސާކުރައްވައި، އަލީ ޒާހިރު މިރޭ ވިދާޅުވީ ދޮގު ހެދުމާއި ދޮގު ވާހަކަ ފެތުރުމުގައި ވެސް ކުޅަދާނަ ބޭފުޅުން އުޅުއްވާ ކަން މިއަދު އެނގިއްޖެ ކަމަށެވެ. އަދި މިދުހަތާ ދުވަހަކު ބައްދަލުވެފައި ވެސް އަދި ފޯނުން ވާހަކަ ދައްކައިފައި ވެސް ނުވާނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

"އަދި ތިމާގެ ގުނަވަންތައް ތިމާޔާ ދެކޮޅަށް ހެކިބަސް ދޭނެ ކަން ގަބޫލުނުކުރާ މުސްލިމުން ވެސް އުޅޭ ކަން ފެނިއްޖެ، ދުވަހަކު ވެސް ބައްދަލު ނުކުރާ، ފޯނުން ވެސް ވާހަކަ ނުދައްކަވާ ބޭފުޅެއް މިއީ،" އަލީ ޒާހިރު ލިޔުއްވައިފައިވެއެވެ.

މިދުހަތު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މީގެ ދެ ހަފްތާ ކުރިން ސަރުކާރުން މިދުހަތާ ހަވާލު ކުރެވިފައިވާ މަސައްކަތާއި ގުޅިގެން އޮޅުން ފިލުވަން މި ވަގުތައް ބޭނުންވާ ތިން ކަމަކާ ގުޅިގެން މަޝްވަރާކުރުމަށް އަލީ ޒާހިރާ ބައްދަލުކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ބިގަށް ފައިސާ ދިނުމަށް ޕީއެސްއެމް ބޯޑުގައި ނެންގެވި ވޯޓުގައި ބިމާ ދެކޮޅަށް ވޯޓް ދެއްވީ ކީއްވެތޯ ސުވާލު ކުރުމުން އެއީ އެހާ ގިނަ އަދަދެއްގެ ފައިސާ ބިގަށް ދައްކަން ޖެހޭ ކަމަށް އޭނާގެ ވިސްނުމަށް ގަބޫލުނުކުރެވޭތީ ކަމަށް މިދުހަތު ވިދާޅުވި ކަމަށް މިދުހަތު ވިދާޅުވިއެވެ.

ހަމައެހެންމެ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ޕީއެސްއެމްގެ މަސައްކަތްތަކާ ގުޅިގެން ނުރުހުންވެ ހިޔާލުފާޅު ކުރެއްވިންތޯ ސުވާލު ކުރެއްވި ކަމަށާއި، އެ ސުވާލަށް ޖަވާބު ދެއްވަމުން މިދުހަތު ވިދާޅުވީ 19 ދިވެހިން ޝަހީދުކޮށްލި ބިރުވެރި ހާދިސާގެ ވާހަކަތައް ބީ ކެޓަގަރީގައި އޮތުމުން ނުރުހުން ފާޅުކުރައްވާފައި ވާނެ ކަމަށެވެ.

މިދުހަތު އެހެން ވިދާޅުވުމުން ހާއްސަ މުނާސަބުތަކާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތު މިދުހަތަށް ސާފުނުވެ އޮތުމުން ވަރަށް ދެރަ ކަމަށް އަލީ ޒާހިރު ވިދާޅުވި ކަމަށް މިދުހަތު ވިދާޅުވިއެވެ.

އެ ސިޔާސަތަކީ ކޮބައިތޯ ސުވާލު ކުރެއްވުމުން، މުސްތަގުބަލުގައި އެކަން ދާނީ މިދުހަތަށް ވެސް އަދި އެހެން ބޭފުޅުންނަށް ވެސް ސާފުވެ ހާމަވަމުން ކަމަށް އަލީ ޒާހިރު ވިދާޅުވި ކަމަށް މިދުހަތު ވިދާޅުވެފައިވެއެވެ.

މިދުހަތު އިތުރަށް ވިދާޅުވެފައިވަނީ ރައީސް ސޯލިހްގެ އިސްނެގެވުމަށް އިމާރާތް ކުރަން ހަމަޖެހިފައިވާ 15 ބުރީގެ އިމާރާތުގައި އަވަސް ނިންމުންތަކެއް ނިންމަން އެބަޖެހޭ ކަމަށާއި މިދައުރުގައި އެތަން ނިންމާ ހުޅުވަން ރައީސް ވަރަށް ބޮޑަށް ބޭނުން ފުޅުވާތީ، މިކަން ކުރެވޭނީ ވަރުހުރި ކުންފުންޏަކަށް މަސައްކަތް ހަވާލުކޮށްގެން ކަމަށާއި، އެކަމުގެ މިދުހަތުގެ ވިސްނުން ހުރި ގޮތް އަލީ ޒާހިރު އެއްސެވި ކަމަށެވެ.

އަލީ ޒާހިރުގެ އެ ސުވާލަށް ޖަވާބު ދެއްވަމުން އިމާރާތާ ގުޅޭ ކަންކަމުގައި މެނޭޖުމެންޓުން އެދިގެން ބޯޑުން ކުރާ މަޝްވަރާތަކުގައި އޭނާގެ ވިސްނުން ވެސް ހާމަ ކުރަމުން ގެންދާ ކަމަށް ވިދާޅުވެފައިވާނެ ކަމަށް މިދުހަތު ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ އެ އިމާރާތުގެ މަސައްކަތް ހަލުވި ކުރުމަށް ބޯޑަށް ބަދަލެއް ގެންނަން ޖެހިއްޖެ ނަމަ ސަރުކާރުން އެކަން ވެސް ކުރާނެ ކަމަށް އަލީ ޒާހިރު ވިދާޅުވެފައިވާ ކަމަށް ވެސް މިދުހަތު ހިއްސާކުރެއްވި ފޭސްބުކު ޕޯސްޓުގައި ލިޔުއްވައިފައިވެއެވެ.

އެނގިފައިވާ ގޮތުގައި މިދުހަތުގެ ބަދަލުގައި އެ މަގާމަށް އައްޔަންކުރަން ނިންމައިފައިވަނީ ޓީވީއެމްގެ ކުރީގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު)އެވެ. މޮންދު ވަނީ ޓީވީއެމްގެ އިތުރުން ވީޓީވީގައި ވެސް ސީއީއޯ ކަން ކުރައްވައިފައެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ވެސް އޭނާ ވަނީ އަދާކުރައްވައިފައެވެ.

ޕީއެސްއެމް ގާނޫނުގައިވާ ގޮތުން އެ ކުންފުނީގެ ބޯޑަށް މީހުން އައްޔަންކުރަނީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ. ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އާއެކު އެ ބޯޑުގައި ފަސް މެމްބަރުން ހިމެނެއެވެ.

comment ކޮމެންޓް