ޕީއެސްއެމްގެ ބޯޑުން މިދުހަތު ވަކިކޮށްފި

ސަންޓީވީ ގެ ކުރީގެ ސަޓޭޝަން އިންޗާޖު މިދުހަތު: އޭނާ ވަނީ ޕީއެސްއެމްގެ ބޯޑުން ވަކިކޮށްފައި --- ސަން ފައިލް ފޮޓޯ

ދައުލަތުގެ މީޑިއާ, ޕީއެސްއެމްގެ ބޯޑުން އަލީ މިދުހަތު (މިދޭ) ވަކިކޮށްފިއެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ބޯޑުން މިދުހަތު ވަކިކުރިކަން އޭނާއަށް އަންގާފައިވަނީ މިއަދު އެވެ.

ޕީއެސްއެމްގެ ބޯޑުން މިދުހަތު ވަކިކޮށް، ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު މިދުހަތަށް ފޮނުވި ސިޓީގައި ބުނެފައިވަނީ, އޭނާ އެ މަގާމުގައި ބެހެއްޓުމަށް ރައިސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިނުގަންނަވާކަން އަންގާފައިވާ ކަމަށެވެ. އެހެން ކަމުން ރައީސް އޮފީހުން އެދިފައިވާ ގޮތަށް މިއަދުން ފެށިގެން ޕީއެސްއެމްގެ ބޯޑުން މިދުހަތު ވަކިކުރުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

"ސަން" ޓީވީގެ ސްޓޭޝަން އިންޗާޖުކަން އަދާކުރައްވާފައިވާ މިދުހަތު, ޕީއެސްއެމްގެ ބޯޑުން ވަކިކޮށްފައިމިވަނީ ސަރުކާރުގެ ވިސްނުމާއި ދެކޮޅަށް ބައެއް ކަންކަމުގައި އަޑުއުފުލާފައިވަނިކޮށެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމަށް ޓީވީއެމްގެ ގޯތިތެރޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާ 15 ބުރީގެ ޓަވަރު ވަކި ބަޔަކާ ހަވާލުކުރުމާ ދެކޮޅަށް ވެސް މިދުހަތު ވަނީ ވާހަކަދައްކަވާފައެވެ.

މީގެ އިތުރުން ނަސްރުގެ ދުވަހަކީ ބީ ކެޓަގަރީ ދުވަހެއްގެ ގޮތުގައި ޕީއެސްއެމުން ނިންމި ނިންމުމާ ދެކޮޅަށް ވެސް މިދުހަތު ވަނީ އަޑު އުފުލާފައެވެ.

އެނގިފައިވާ ގޮތުގައި މިދުހަތުގެ ބަދަލުގައި އެ މަގާމަށް އައްޔަންކުރަން ނިންމައިފައިވަނީ ޓީވީއެމްގެ ކުރީގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު)އެވެ. މޮންދު ވަނީ ޓީވީއެމްގެ އިތުރުން ވީޓީވީގައި ވެސް ސީއީއޯ ކަން ކުރައްވައިފައެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ވެސް އޭނާ ވަނީ އަދާކުރައްވައިފައެވެ.

ޕީއެސްއެމް ގާނޫނުގައިވާ ގޮތުން އެ ކުންފުނީގެ ބޯޑަށް މީހުން އައްޔަންކުރަނީ ޕްރައިވެޓައިޒޭޝަން ބޯޑުންނެވެ. ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އާއެކު އެ ބޯޑުގައި ފަސް މެމްބަރުން ހިމެނެއެވެ.

comment ކޮމެންޓް