އިސްލާމް ދީނަށް ފުރައްސާރަކޮށް ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތުމަކީ ހާއްސަކޮށް މިފަދަ އިސްލާމީ ގައުމެއްގައި ބަރުދާސްކުރެވޭނެ ކަމެއް ނޫން ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ، އައްޝައިހް މުޖުތަބާ ހަމީދު ވިދާޅުވެއްޖެއެވެ.
ޝައިހް މިހެން ވިދާޅުވީ ރާއްޖޭގައި މި ފަހަކަށް އައިސް އިސްލާމްދީނަށް ފުރައްސާކުރާ މީހުންނާއި ކީރިތި ގުރުއާނަށް ހަޖޫކިޔުން ފަދަ ކަންކަން އާއްމު ވަމުން އަންނާތިއްޔާ އަދި ކަމާބެހޭ ފަރާތްތަކުން އެފަދަ މީހުންނަށް ހަރުކަށި އަދަބު ނުދެވޭ މައްސަލައިގައި ކަންބޮޑުވުން ފައުޅު ކުރެއްވުމުގެ ގޮތުންނެވެ.
އެގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން ޝައިހް ވިދާޅުވީ ހައްދުފަހަނަ އަޅައި ދިއުން ނިވާ ފަތްގަނޑަކަށް ހަދައިގެން އިސްލާމްދީނާމެދު ނަފުރަތްތެރި އަމަލުތައް ހިންގުމާ އިސްލާމް ދީނަށް ބަދުބަސް ބުނުން ފަދަ ކަންކަމަކީ ދިވެހީންގެ ތެރޭގައި މިއަދު ވަރަށް ބޮޑަށް ފެތުރެމުން އަންނަ ވަރަށް ބިރުވެރި ކަމެއް ކަމަށެވެ.
ޝައިހް ވިދާޅުވީ މިފަދަ ހާލަތަކަށް ގައުމު ވެއްޓިގެންދާއިރު، އެކަން ހުއްޓުވުމަށް ޓަކައި ކަމާބެހޭ ފަރާތްތަކުން އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރަމުން އަންނަތަން ނުފެންނާތީވެ، އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރަން ދީނަށް ފުރައްސާ ކުރުން ފަދަ މައްސަލަ ތަކަކީ ގައުމުގައި އެންމެ ބޮޑެތި މައްސަލަތަކުގެ ގޮތުގައި އެންމެ މަތީ ދަރަޖައިގެ އަހައްމިއްޔަތުކަން ދީގެން އެފަދަ ކަންކަން ކުރުން ހުއްޓުވާ އެކަށީގެންވާ ފިޔަވަޅުތައް އަޅުއްވާށޭ. އޭރުންނޭ އަޅުގަނޑުމެންގެ މި މުޖުތަމައުގަ އެފަދަ ކަންކަން ފެތުރުން ހުއްޓުވޭނީ،" ޝައިހް ވިދާޅުވިއެވެ.
ޝައިހް ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުންނަށް އެ ކުޅެވެނީ މުސްލިމުންގެ އާއްމު އިހުސާސާ ގައުމުގެ ލޮމީރާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ނުރައްކާތެރި އަމަލުތައް ގިނަވަމުން އަންނާތީވެ، އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެއީ ބަލައިގަންނާނެ ކަންކަމެއް ވެސް ނޫން ކަމަށެވެ.
ރާއްޖޭގައި އިސްލާމީ ދައުވަތު ފެތުރުގައި ވެސް އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ޝައިހް، މުޖުތަބާ ވިދާޅުވީ ދީނަށް ފުރައްސާ ކުރުން ފަދަ އަމަލުތައް ހިންގާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އެ އަންނަނީ ކަމާބެހޭ ފަރާތްތަކުން އެކަން ހުއްޓުވައި އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ ކަމުގައިވުން އެކަށީގެންވާ ކަމަށެވެ.
"މިކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމަށް އަޅުގަނޑު ޕާސަނަލީ ގަބޫލު ކުރަނީ،" ޝައިހް ވިދާޅުވިއެވެ.
ޝައިހް ވިދާޅުވީ މިފަދަ މުސްލިމު ގައުމެއްގައި ނޫސްވެރިން ނުކުމެ، އެފަދަ ކަންކަން ސަމާލުކަމަށް ގެންނާކަށް ނުޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ އާއްމުންނާ ހަމައަށް ތިލަ ވުމުގެ ކުރީން ކަމާބެހޭ ފަރާތްތަކުން އެކަން ހުއްޓުވުން ކަމަށެވެ.
މީގެ އިތުރުން ވިދާޅުވީ އިސްލާމް ދީން ހިމާޔަތް ކުރުން އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާބިޖުވެގެންވާ ކަމެއް ކަމަށާއި އެހެންކަމުން ދީން ރައްކާތެރިކުރުމަކީ، ގައުމީ އަދި ފަރުދީ ޒިންމާއެއް ކަމުގައި ހަދަންޖެހޭ ކަމަށެވެ.
"ގައުމިއްޔަތުގެ އެންމެ މަތިވެރި ބަހާ ކަމުގައިވާ އިސްލާމް ދީން މި ތަނުގަ ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ފަރުދީ އަދި ގައުމީ ޒިންމާއެއް ކަމުގަ ދެކިގެން ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކުރުމަށް އަޅުގަނޑު ނަސޭހަތްތެރިވަން،" ޝައިހް ވިދާޅުވިއެވެ.
ޝައިހް ވިދާޅުވީ މި ފަހަކަށް އައިސް މުޖުތަމައު ތެރޭގައި ހައްދުފަހަނައަޅައިދިޔުން ނުވަތަ ދީނުގެ ނަމުގައި ޓެރެރިޒަމް ހިންގުން ވެސް އެބައޮތް ކަމަށެވެ.
އެހެންކަމުން ދީނާ ގުޅުންހުރި މިފަދަ ސީރިއަސް މައްސަލަތަކަކީ ގައުމުގައި އެންމެ މަތީ ދަރަޖައިގެ ކުށްތަކަށް ހަދައި އެފަދަ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ޝައިހް ގޮވައިލެއްވިއެވެ.
މި ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެންނާ އަދި އެހެނިހެން ގޮތްގޮތުން ވެސް އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ދީނީ ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުން މި ވަނީ އިތުރުވާން ފަށާފައެވެ.
މިސްކިތްތަކުގެ ހުރުމަތް ކެނޑުމާ އަދި ބޭރުގެ ޖަމާއައްތަކާއި ގުޅިގެން ދިވެހިން ހަނގުރާމައަށް ދިއުން ފަދަ ނުރައްކާތެރި އަމަލުތައް އިތުރުވަމުން އަންނާތީ އެތަކެއް ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފައުޅު ކުރަމުންނެވެ.