ކަލަކުވޭ ބިރުވެތިވޭ: 5 ވަގުތު ގޮވައިލެވޭ ''ﷲ އަކްބަރު''ގެ ކަލިމައާމެދު ވިސްނައިލެވުނީ ކާކަށް؟

"ކަލަކުވޭ ބިރުވެތިވޭ"ގެ ނަމުގައި މިރޭ އޮތް ދަރުހުގައި ޝެއިޚް ޝަމީމް --

ފަސްވަގުތު ގޮވައިލެވޭ ގޮވައިލުމާއި، ކުރެވޭ ނަމާދުގައި ތަކުރާރުކޮށް "ﷲ އަކްބަރު"ގެ ކަލިމަ އިވޭއިރު އެ ކަލިމައާ ދޭތެރޭ ހަގީގީ މާނައިގައި ވިސްނައިލެވެނީ ކިތައް މީހުންނަށްތޯކަމަށް ވިދާޅުވެ، މިއަދު ﷲއަށް ބިރުވެތިވެ ހެޔޮ މަގަށް ރުޖޫއަވުމަށް "ކަލަކުވޭ ބިރުވެތިވޭ"ގެ ނަމުގައި މިރޭ އޮތް ދަރުހުގައި ގޮވައިލައިފިއެވެ.

ހުޅުމާލޭ ދެ ނަންބަރު ރުއްގަނޑު ސަރަހައްދުގައި މިރޭ އޮތް މި ދަރުސް ދެއްވީ ޝެއިޚް އާދަމް ޝަމީމެވެ.

ދަރުސް ފައްޓަވަމުން ޝެއިޚްވަނީ މިއަދު މުޖުތަމައުއިން ފެންނަ ބައެއް މަންޒަރުތަކަށް އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން މިއަދު ޖަނާޒާތައް ނިންމައިފައިދާއިރު އެއްބަޔަކު ޒިކުރުކުރަމުން ދާއިރު، އަނެއްބަޔަކު ކަށްވަޅު ފެނި، ސަކަރާތްޖަހަމުން ނިކުމެގެންދާތަން ފެންނަ ކަމަށާއި އެ ފަދަ ކަންކަމަކީ ކަލަކު ވޮޑިގެންވާ ކަން ހަނދާން ކޮށްދިނުމަށް ބޭނުންޖެހިފައިވާ މިންވަރު ހާމަވާ ކަމެއްކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ޝެއިޚްވަނީ ހެއްދެވި ފަރާތް ދެއްވި ނިއުމަތްތަކަށް ފުރަގަސްދެނީ އިންސާނާގެ ޖާހިލްކަމުގެ ސަބަބުން ކަމަށާއި "ކާއިނާތު ފަހަނައަޅައި އިލާހީ ބާރުގެ ތެރެއިން ނިކުމެގެން ނުދެވޭނެ،" ކަމަށް ވެސް ވިދާޅުވެފައެވެ.

މިއަދު މުޖުތަމައުގެ ހާލަތު އޮތް ގޮތް ބަޔާންކޮށްދެއްވައި ޝެއިޚް ވިދާޅުވީ ބަންގީގެ އަޑު އިވޭއިރު ވެސް ވައްކަން ކުރާ މީހާ ވައްކަންކުރަނީ ކަމަށާއި ކުޅިވަރުކުޅޭ މީހާ ކުޅިވަރުކުޅެނީކަމަށެވެ. އަދި ޣާފިލުކަންމަތީ ނިދާ މީހާ ނިދަނީ ކަމަށް ވިދާޅުވިއެވެ. އަދި ބަންގީގެ އަޑު އަހައިލުމަށް ޓަކައި ވެސް ކުރާ ކަމެއް ހުއްޓައިލާ މަންޒަރު ނުފެންނަކަމަށް ވިދާޅުވިއެވެ.

އަދި ފަސް ވަގުތު ނަމާދަށް ގޮވައިލެވޭއިރު "ﷲ އަކްބަރު"ގެ ކަލިމައާމެދު ވިސްނައިލަނީ ކާކުތޯ ސުވާލު އުފެއްދެވިއެވެ.

އެއާއެކު ޝެއިޚް ޝަމީމް ވަނީ މިއަދު މުޖުތަމައުގައި އާންމުވަމުން އަންނަ ތަފާތު އެކި ފާސިދު ވަބާތަކާމެދު ސަމާލުވުމަށް ނަސޭހަތްތެރިވެލައްވައިފައެެވެ.

އެގޮތުން އެއްޖިންސުން ގުޅުން ހިންގުމަށް ގޮވައިލާ ގޮވުންތަކާއި، މިއަދު ދިވެހި މުޖުތަމައުއިން ވެސް މަދުންނަމަވެސް ފެންނަ ފިރިހެން ހެދުން އަންހެނުން އެޅުމާއި، އަންހެން ހެދުން ފިރިހެނުން އެޅުންފަދަ ކަންކަމުން ދުރުވުމަށް ގޮވައިލެއްވިއެވެ. އަދި އެއީ ވަރުގަދަ އަޒާބު ހުރި ކަންކަންކަމުގައި ހަނދާންކޮށްދެއްވިއެވެ.

ހަމައެއާއެކު މުދަލާމެދު ދަހިވެތި ނުވުމަށާއި ކިބުރުވެރިކަން އިސްނުކުރުމަށް ގޮވައިލެއްވިއެވެ.

ދަރުސްގައިވަނީ ފާހިޝް އަމަލުތަކާއި ނުބައި އަމަލުތައް ކުރާ މިހުންގެ ހިއްޕެވުން މާތްﷲ ލަސްކުރައްވަނީ އެ ކަމަށް އެކަލާންގެ ނުކުޅެދިވޮޑިގެންވާތީ ނޫންކަމަށާއި، އެއީ އެ މީހުންނަށް ހެޔޮ މަގަށް ރުޖޫއަ ވުމަށް ﷲ ދެއްވާ ވަގުތު ކަމަށް ފާހަގަކުރައްވައިފައެވެ.

ނަމަވެސް ފަސާދަ އާންމުވެދާހިނދު "މާތްﷲގެ ހިއްޕެވުން އަންނައިރު ފިސާރި ހަރުކަށި ހިއްޕެވުމަކުން ހިއްޕަވާނެ"ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އާޚިރަތުގެ އުގޫބާތް ހަނދާންކޮށްދެއްވައި ޝެއިޚް ވިދާޅުވީ މާތްﷲގެ ވަހީ ބަސްފުޅުތަކުން އެނގޭ ގޮތުގައި ނަރަކައިގެ ދަރަކީ އިންސާނުންނާ ހިލަ ކަމަށެވެ. އަދި އަބަދު ވެސް މުންކަރާތެއް ކުރުމުން ލިބޭނެ އަޒާބާމެދު އައިސްފައިވާ ވައީދުގެ ބަސްތައް އަޑުއަހައި ހަނދާންކުރުން މުހިންމު ކަމަށް ވެސް ޝެއިޚް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް ނަފްސަށް ވައީދުގެ ބަސްތައް ހަނދާންކޮށްދޭންޖެހޭ،" ޝެއިޚް ވިދާޅުވިއެވެ.

ގާތްގަނޑަކަށް ދޮޅުގަޑިއިރެއްހާއިރަށް އޮތް މި ދަރުސްގައި ގިނަ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވައިލިއިރު، އެ ދަރުސް އަޑުއަހައިލުމަށް ގިނަ ބަޔަކު ގޮސްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް