އެމްޑަބްލިޔުއެސްސީން ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.
އެކަމަށްޓަކައި މިއަދު ތަކަންދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގުގެ އިތުރުން ތަކަންދޫ ކައުންސިލްގެ ރައީސް ހުސައިން ނައީމުއެވެ.
އެމްޑަބްލިއުއެސްސީން ބުނީ ތަކަންދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ. ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ 46 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 8.37 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅަން ހަމަޖެހިފައިވާކަމަށެވެ.
އަދި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި ތިން ތާނގިވެސް ބަހައްޓާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެ އިތުރުން ހިމަންދޫގެ ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަން ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ތަކަންދޫގައި 6.33 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 1.04 ކިލޯމީޓަރުގެ ޕަންޕިން ލައިން އަޅާނެއެވެ. ހަމައެއާއެކު ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފްލޯ ގާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫގެ ތެރެއިން އެ ކުންފުނިން ކުރާނެއެވެ.
އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ ތަކަންދޫގެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެކަމަށް އެމްޑަބްލިއުއެސްސީއިން ބުންޏެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ތަކަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޖުމްލަ 76.75 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.