13 އަހަރުގެ ކުއްޖާ މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ ގޭބަންދުގައި ބަހައްޓަން ކުރި އަމުރު ދަމަހައްޓައިފި

13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދު ފުލުހުން ބަންދުކޮށްފައި ----

މިދިޔަ ޖޫން މަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަރާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ 17 އަހަރުގެ ކުއްޖާ ގޭ ބަންދުގައި ބަހައްޓަން ކުރި އަމުރު މިއަދު ޖުވެނައިލް ކޯޓުން ދަމަހައްޓައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޖުވެނައިލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި، ދައުވާ ލިބޭ ކުއްޖާ ޖަލު ބަންދަށް ބަދަލު ކުރުމަށް އެ އޮފީހުން އެދުނު ކަމަށެވެ. ނަމަވެސް ކުއްޖާ ގޭބަންދަށް ބަދަލު ކުރި ހާލަތަށް އަދި ބަދަލު ނާންނާތީ ކުއްޖާ ގޭބަންދުގައި ބަހައްޓަން އަނެއްކާވެސް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ޕީޖީން ބުންޏެވެ.

އެ ކުއްޖާއަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވާ އިރު މައްސަލަ ނިމެންދެން އޭނާ ބަންދުކުރުމަށް މީގެ ކުރިން ކޯޓުން އޮތީ އަމުރެއްކޮށްފައެވެ.

ނަމަވެސް އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޖަލުގައި އެކުއްޖާ ހުއްޓާ، އޭނާ ގޭ ބަންދަށް ބަދަލު ކުރަން މިދިޔަ މަހުގެ ކުރީކޮޅު ޖުވެނައިލް ކޯޓުން ނިންމީ އެޗްއާރްސީއެމްއިން ނެރުނު ރިޕޯޓަކާ ގުޅިގެންނެވެެ.

އެ ރިޕޯޓްގައި ބުނެފައިވަނީ, ކުޑަކުދިން ބަންދުކޮށްފައި ބައިތިއްބަން އެކަށީގެންވާ ޖަލެއް މި ވަގުތު ރާއްޖޭގައި ނެތްކަމަށެވެ. އެހެންކަމުން އެކަމަށް ރިއާޔަތްކޮށް ދައުވާ ލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލު ކުރަން ކޯޓުން އަމުރު ކުރީއެވެ.

އެ މައްސަލައިގައި ދެން ހައްޔަރު ކޮށްފައި ވަނީ ނ. ލަންދޫ، ބަގީޗާގެ، އިބްރާހީމް ޒިހާން، 27، އެވެ.

އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޒިހާން ބަންދުގައި ބަހައްޓަން ކުރިންވެސް ނިންމާފައިވީއިރު މިއަދުގެ ބަންދު މުރާޖައާކުރުމުގެ އަޑުއެހުމުގައިވެސް ކްރިމިނިލް ކޯޓުން ވަނީ އޭނާގެ ބަންދު ދަމަހައްޓަން ނިންމައިފައެވެ.

ޒިހާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ:

  • ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދައުވާ
  • ކުުޑަކުއްޖަކަށް މަސްތުވާ އެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ ގުޅުން ހިންގުމުގެ ދައުވާ
  • ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި ކުއްޖާ ގްރޫމްކުރުމުގެ ދައުވާ
  • ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ
  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ
  • ޖިނާއީ ކުށެއްކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ

މި ދައުވާތައް ޒިހާންގެ މައްޗަށް ސާބިތުވެއްޖެނަމަ 100 އެއްހާ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރަހީނުކޮށް މަރާލުމަށްފަހު ފޮށްޓަކަށްލައި އެއްލާލާފައި އޮއްވައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދުން 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނުނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

comment ކޮމެންޓް