މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އަށް މަހުން ދަށުގެ 115 ތުއްތު ކުދިން ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްތީނުގެ ސިއްޚީ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ޤުދްރާ ވިދާޅުވެއްޖެއެވެ.
އަޝްރަފް ފާހަގަކުރެއްވި ގޮތުގައި އަންގާރަ ދުވަހު އަލަށް އުފަންވި އެއްމާބަނޑު ދެ ކުދިން ކަމުގައިވާ އައިސެލް އާއި އައްސޭރު އަބޫ އަލް ޤުމްސަން ޝަހީދުކޮށްލުމުން ނަސްލު ނައްތާލުމަށް ޣައްޒާއަށް އިސްރާއީލުން ދޭ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ ތެރެއިން މިހާތަނަށް ޝަހީދުކޮށްލި އެއް މަސް ނުފުރޭ ކުދިން އަދަދު 48 އަށް އުފުލުނީއެވެ.
އަންގާރަ ދުވަހު އުފަންވި އެއްމާބަޑު ދެކުދިން ޝަހީދުކޮށްލައިފައި ވަނީ މަންމަ އާއި މާމަ އަދި ކާފައާވެސް އެކުގައެވެ. އެކުދިން ޝަހީދުކޮށްލިއިރު ބައްޕަ ހުރީ ދެ ކުދިންގެ އުފަން ދުވަހުގެ ސެޓްފިކެޓް ހޯދަން ކަމާބެހޭ އިދާރާއަށް ގޮހެވެ.
އިސްރާއީލުން ޝަހީދުކޮށްލައިފައިވާ އަށް މަހުން ދަށުގެ 115 ކުދިންގެ ތެރެއިން 47 ކުދިންނަނީ އުމުރުން އެންމެ އެއް މަހާއި ތިން މަހާއި ދެމެދުގެ ކުދިން ކަމަށާއި 15 ކުދިންނަކީ ހަތަރު މަހާއި ހަ މަހާއި ދެމެދުގެ ކުދިން ކަމަށް އަޝްރަފް ވިދާޅުވިއެވެ.
އަދި އަދި ހަ މަހާއި އަށް މަހާއި ދެމެދު ފަސް ޝަހީދުކޮށްލައިފައިވާއިރު، މަރުވި ޖުމްލަ ކުދިންގެ ތެރެއިން 53 ކުދިންނަކީ ފިރިހެން ކުދިން ކަމަށާއި 62 ކުދިންނަކީ އަންހެން ކުދިންކަން ވެސް އަޝްރަފް ފާހަގަކުރެއްވިއެވެ.
އިސްރާއީލުގެ އިސްތިއުމާރީ ސިފައިންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އެހެނިހެން މަދަނީ އިމާރާތްތައް ވެސް ވަނީ ސުންނާފަތި ކޮށްލައިފައެވެ.
ހަނގުރާމައިގެ ސަބަބުން ފެނާއި ކާނާ އަދި ބޭސް ފަރުވާ ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާނެ ތަކެތި ލިބުމުންވެސް ޣައްޒާގެ ރައްޔިތުން ވަނީ މަހުރޫމުވެފައެވެ.
އިސްރާއީލުން މިފަހުން އެންމެ ވަރުގަދަޔަށް ހަމަލާތައް ދީފައި ވަނީ މީގެކުރިން ހަނގުރާމަ ހުއްޓައިލައި، ސިފައިން ފައިބައިފައިވާ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްއަށެވެ.
އެގޮތުން އެ ސަރަހައްދުން މީހުން ހުސްކުރުމަށް އަންގައި ވަގުތީ ހިޔާތަކުގެ ގޮތުގައި ބޭނުންކުރާ ސްކޫލްތަކަށް ވެސް އަންނަނީ ހަމަލާތައް އަމާޒުކުރަމުންނެވެ.
ހަނގުރާމައިގައި މިހާތަނަށް 39،965 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޒަޚަމްކޮށްލައިފައިވާ މީހުންގެ އަދަދު 92،294 އަށް އުފުލިފައިވާއިރު، ވީނުވީއެއް ނޭގި ގެއްލިފައިވާ މީހުންގެ އަދަދު ގާތްގަޑަކަށް 10،000 އާ ގާތްކުރާ ކަމަށް ފަލަސްތީނުގެ ސިއްޚީ ވުޒާރާއިން ހާމަކުރެއެވެ.