ޓީޓީއެމް މޯލްޑިވްސް 2021 ފަށައިފި

ޓީޓީއެމް ޓްރަވެލް ސަމިޓުގެ ތެރެއިން--

ރާއްޖޭގެ އެންމެ ބޮޑު ޓްރެވަލް ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ މި އަހަރުގެ ފެއާ ފަށައިފިއެވެ.

މިއަހަރުގެ ފެއާ ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ ފެއާ ޝަރަފުވެރިކޮށްދެއްވައި ފައްޓަވައިދެއްވައިފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅައިފައި ހުންނަ ސަފީރު މުނޫ މަހާވަރުއެވެ.

ޓީޓީއެމް މޯލްޑިވްސްގެ ތެރެއިން ކުރިއަށްދާ ޓީޓީއެމް ޓްރެވަލް ސަމިޓް ވަނީ މިއަދު ހެނދުނު ބާއްވާފައެވެ. މި ސަމިޓުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި ކްރޮސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ތޮލްގާ އުނާން އާއި އިތުރު ބައެއް ސްޕީކަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޓީޓީއެމް ޓްރެވަލް ސަމިޓަކީ ރާއްޖޭގައި ޕްރޮފެޝަނަލްކޮށް ދާއިރާއާއެކު މަސައްކަތް ކުރާ ހީވާގި ލީޑަރުންނާއި އިންޑަސްޓްރީ ޝޭޓަރުންނާއި ސީނިއާ ޑިސިޝަން މޭކަރުން އެއްތަނަކުން ބައްދަލުވެ، މަޝްވަރާކުރާ ސަމިޓެކެވެ. މިފަހަރުގެ ސަމިޓްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ "މުސްތަޤްބަލުގައި ހުރި ފުރުސަތުތަކާއި، ނިއު ނޯމަލްޕްރޮސީޖާސްއާއި، ރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީއަށް ދެން އަންނަން އޮތް ކަންތައްތަކުގެ މައްޗަށެވެ."

ފެއާއާއެކު ބާއްވާ ޕްރީ-ޝެޑިއުލްޑް މީޓިންތައް ނޮވެމްބަރު 29އާއި 30ވަނަ ދުވަހު ބާއްވަން ނިންމައިފައިވާއިރު، ޓީޓީއެމް އެވޯޑްސްއާއި ގާލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30ގައެވެ.

މި އަހަރުގެ ފެއާ ބާއްވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

މިއަހަރުގެ ޓީޓީއެމްގައި 300އަށްވުރެ ގިނަ ހޮޓެލިއަރުންނާއި ސަޕްލަޔަރުންނާއި ޓްރެވަލް އަދި ގުޅޭ އެހެން ދާއިރާތަކުގެ ތަޖުރިބާކާރުން ބައިވެރިވެއެވެ.

ޓީޓީއެމް މޯލްޑިވްސް 2021 ގެ ޕާޓްނަރުންގެ ތެރޭގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން، އުރީދޫ މޯލްޑިވްސް، މެޑްޓެކް މޯލްޑިވްސް، އެމްޓީސީސީ، ފިއުލް ސަޕްލައިސް މޯލްޑިވްސް، އެޗްއާރުއެސް އިންޓަނޭޝަނަލް، ސްރީލަންކަން އެއާލައިންސް، ޓްރާންސް މޯލްޑިވިއަން އެއާވޭސް، މޯލްޑިވިއަން، ޕްރިންޓްލެބް، ކެއިރެޓްސޫ، އަލްޝާލީ މެރިން، ކްރޮސްރޯޑްސް މޯލްޑިވްސް، ލޮޓަސް ބައިކްޝޮޕް އަދި އެމްޑަބްލިއުއެސްސީ ހިމެނެއެވެ.

ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ. މިއީ މި ފެއާ ބާއްވާ ފަސްވަނަ އަހަރެވެ.

comment ކޮމެންޓް