މުވައްޒަފުންގެ ޖީބުން ހަރަދުކޮށްގެން ވެސް ރިހެބަށް ބޭނުންވާ ބޭސް ގަންނަންޖެހޭ: ރިޕޯޓު

ހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު --

ކ. ހިންމަފުށީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ނަގަމުން އަންނަ މީހުންނަށް ބޭނުންވާ ބޭސް ފަދަ ތަކެތި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޖީބުން ހަރަދުކޮށްގެން ވެސް ގަންނަންޖެހޭ ކަމަށް ޕެޓިޝަން ކޮމެޓީގެ ރިޕޯޓުގައި ބުނެފިއެވެ.

މި ރިޕޯޓަކީ މަންޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ސްޕޮންސާ ކުރައްވައި، 1050 ފަރާތަކުން ސޮއިކޮށް، ހޭންޑްސް ޓުގެދާ ޖަމުއިއްޔާގެ ފަރާތުން ހުށަހެޅި، "ޗޭންޖު އެންޑީއޭ ޕެޓިޝަން 2020" ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓެވެ.

ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ ރިހެބުގައި ފަރުވާ ނަގަމުން އަންނަ މީހުންނަށް ބޭނުންވާ ބޭސް ހޯދުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގައި އެދިފައިވީ ނަމަވެސް ބޭސް ނުލިބޭ ކަމަށެވެ. އަދި އެމަޖެންސީ ލިސްޓު ފޮނުވިޔަސް އެ ބޭހެއް ލިބުމަށް ހަތަރެއް، ނުވަތަ ފަސް މަސް ހޭދަވަމުން ދިއުމާއި އެ ހާލަތުގައި މުވައްޒަފުން އަމިއްލައަށް ބޭސް ގަނެގެން ވެސް ފަރުވާދޭން ޖެހޭ ކަމަށެވެ.

ރިހެބުގައި ކްލާސްތައް ނަގައިދިނުމަށް ޓަކައި ބޭނުން ކުރަމުން އަންނަ ޕްރޮޖެކްޓަރާއި ލެޕްޓޮޕް ފަދަ ތަކެތި ހަލާކުވެފައިވާކަން ފާހަގަ ކޮށް ރިޕޯޓުގައި ބުނެފައިވަނީ ހަލާކުވާ ތަކެއްޗަށް އެދުނު ނަމަވެސް އެ ތަކެތި ނުލިބޭ ކަމަށެވެ. އަދި މިވަގުތު ވެސް ރިހެބުގައި ކުލާސްތައް ނަގައިދެމުން އަންނަނީ ހަލާކުވެފައިވާ ލެޕްޓޮޕެއް ބޭނުން ކޮށްގެން ކަމަށެވެ.

އެހެންކަމުން އެ ތަކެތި ނުލިބޭތީ، މިވަގު ވެސް، ގިނަ ކްލާސްތައް ނަގައިދެމުން އަންނަނީ މުވައްޒަފުންގެ އަމިއްލަ ތަކެތި ބޭނުންކޮށްގެން ކަމަށް ރިޕޯޓުގައިވެއެވެ.

ޕެޓިޝަން ކޮމެޓީގެ މެންބަރުން، ހިންމަފުށީ ރިހެބަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެތަނުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަ ކުރައްވާފައެވެ.

ރިޕޯޓުގައި ބުނެފައިވަނީ ސެންޓަރުގައި ފަރުވާ ދޭނެ ރަނގަޅު ފެސިލިޓީއަކާއި ވަސީލަތްތައް ހަމަޖައްސާފައި ނެތްއިރު، ތަނުގެ ޖާގަ ކަމުގައިވާ 172 މީހުންނަށް ފަރުވާ ދޭން، ސެންޓަރުގައި ތިބީ ވެސް އެންމެ އަށް ކައުންސެލަރުން ކަމަށެވެ. އެހެންކަމުން ކައުންސެލަރުންގެ އަދަދު ވެސް ވަރަށް މަދުކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ރިޓަޔާ ކުރާ މުވައްޒަފުންގެ ބަދަލުގައި އިތުރު މުވައްޒަފުން ނުލިބޭކަން ފާހަގަކޮށް ބުނެފައިވަނީ ފަރުވާއަށް އަންނަ މީހުން ބަލަހައްޓަން ތިބޭ މުވައްޒަފުންގެ އަދަދު މަދުވުމަކީ އެތަނަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އަދި މުވައްޒަފުންގެ ދަތިކަމުގެ ވާހަކަ، އެންޑީއޭގެ އިސް ވެރިންގެ ގާތުގައި ބުނުމުން، މިހާތަނަށް ވެސް އެކަމަށް ހައްލެއް އައިސްފައިނުވާ ކަމަށެވެ.

ރިޕޯޓުގައި ބުނެފައިވަނީ ކައުންސެލަރުން ސެޝަންތައް ނަގައިދިނުމަށް ޓަކައި ހަމަޖައްސާފައިވަނީ އެންމެ ތިން ކޮޓަރި ކަމަށް ވެފައި އަށް ކައުންސެލަރުން އެއްފަހަރާ ކްލާސްތައް ނަގައިނުދެވޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން އިތުރު ކޮޓަރިތައް އަޅައިދިނުމަށް އެދިފައިވާނެ ކަމަށެވެ.

ރިހެބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޓަކައި ތިބޭ ސެކިއުރިޓީންގެ އަދަދު މަދުވުމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި ސެކިއުރިޓީ ބެލެހެއްޓުމަށް ދަތިވެފައިވާކަން ވެސް ރިޕޯޓުން ފާހަގަ ކޮށްފައިވެއެވެ.

މިކަމުގެ ސަބަބުން ކޮންމެ ޑިއުޓީ ޕޮއިންޓަކަށް ދެ މުވައްޒަފުން ހަމަޖައްސައިދޭން އެދިފައިވީ ނަމަވެސް މުވައްޒަފުން ނެގުމަށް ޓަކައި ބަޖެޓުގައި ފައިސާ ނެތް ކަމަށް އެންޑީއޭ އިން ބުނަމުން އަންނަކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ރިހެބުގައި ސެކިއުރިޓީންގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފުންގެ އަދަދަކީ 52 އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް އެންޑީއޭއަށް ބަޖެޓުގެ ގޮތުގައި ދައުލަތުން ދޫކޮށްފައިވާ ފައިސާގެ ޖުމުލަ އަދަދަކީ 366 މިލިއަން ދިވެހި ރުފިޔާއެވެ.

މީގެ އިތުރުން ސެކިއުރިޓީ ސްޓާފުންގެ މަސައްކަތަށް ބޭނުންވާ ޓޯކީއާ ނުލާ މަސައްކަތްކުރަމުން އަންނަތާ ތިން އަހަރަށްވުރެ، ގިނަވެފައިވާ ކަމަށާއި މި ކަމުގެ ސަބަބުން އެ މުވައްޒަފުންގެ އަމިއްލަ ފޯނު ގެންގުޅެން ޖެހިފައިވާކަން ރިޕޯޓުން ފާހަގަ ކުރެވުނެވެ.

މި މައްސަލަ ހައްލު ކުރުމުގެ ގޮތުން ޓޯކީއަށް އެދުމުން ވެސް ޓޯކީ ލިބިފައިނުވުމާއި އަދި ޑިއުޓީ ކުރަން ވަކި ޕޯސްޓެއް ނެތުމުން އަމިއްލައަށް ޓިނުން ޕޯސްޓެއް ހަދައިގެން ޑިއުޓީ ކުރަން ޖެހިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ސެންޓަރުގައި ބޯފެން އަދި ފެންވަރާ ފެން އުފައްދަމުން އަންނަނީ 50 ޓަނާއި 25 ޓަނުގެ ޕްލާންޓް ބަހައްޓައިގެން ކަމުގައިވީއިރު، އޭގެ ތެރެއިން އެއް ޕްލާންޓް އަބަދުވެސް ހަލާކުވެފައި ހުރުން ހިމެނެއެވެ.

މިކަމުގެ ސަބަބުން، ސެންޓަރުގެ ފުލް ކެޕެސިޓީގައި ފަރުވާދޭ އިރު އެންމެ ޕްލާންޓަކުން އެކަށީގެންވާ ވަރަށް ފެން އުފައްދައި ނުދޭތީ އަބަދުވެސް ފެނަށް އެދެންޖެހިފައިވާ ކަމާއި މި ކަމުގެ ސަބަބުން ފަރުވާގައި ތިބޭ ފަރާތްތަކަށް ސިއްހީ އެކިއެކި މައްސަލަތައް ދިމާވާ ކަމަށް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައިވަނީ ސެންޓަރަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެއް ކަމަށެވެ. އެހެންކަމުން ފަރުވާ ހޯދާ މީހުން ޑްރަގާ އަދި ދުންފަތް ހުއްޓާލަން ޖެހިފައިވާތީ ރަށުތެރެއަށް ނުކުމެ، އެ ތަކެތި ހޯދައިގެން އެނބުރި އައިސް ސެންޓަރަށް ވަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ސެންޓަރުގެ ހިންގާ އުސޫލުގައި ބަޔާންކުރާ އަދަދަށް މުވައްޒަފުން ނެތުމާއި ސެންޓަރުގެ ކަންކަން ދަނީވެސް އެއާ އެއްގޮތަށް ކަމުގައި ނުވުމުން އެސްއޯޕީއަކީ ނަމަކަށް އޮންނަ އެއްޗެއް ކަމުގައިވެފައިވާ ކަމަށް ރިޕޯޓުން ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ސެންޓަރުގެ މުވައްޒަފުންނާ ބައްދަލު ކުރުމަށް، އެންޑީއޭގެ ވެރިން ވެސް އައިސްފައިނުވާކަން ރިޕޯޓުން އެނގެއެވެ.

ޕެޓިޝަން ކޮމެޓީގެ މުގައްރިރު، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ވިދާޅުވީ ފަރުވާގެ އެކިއެކި ކަންކަމަށް ހޭދަ ކުރުމަށް ޓަކައި އެންޑީއޭއަށް ދައުލަތުން ދޫކޮށްފައިވާ ފައިސާގެ ބޮޑެތި އަދަދުތައް ފެނުމުން ކޮމެޓީގެ މެންބަރުން ވެސް ތިބީ ހައިރާންވެ، އަންތަރީސް ވެފައި ކަމަށެވެ.

comment ކޮމެންޓް