މާލޭ ސިޓީ ކައުންސިލުގެ ލޯގޯއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް

މާލޭ ސިޓި ކައުންސިލްގެ ލޯގޯ

މާލޭ ސިޓީ ކައުންސިލުން ދާދި ފަހުން ތައާރަފް ކުރި އާ ލޯގޯއަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔައިފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ ލޯގޯއާއި ދިދަ އަދި ޔުނިފޯމަށް ބަދަލު ގެނެސް ސިޓީ ކައުންސިލް ރީބްރޭންޑް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރެޔެވެ.

މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ތައާރަފް ކުރި އެ ކައުންސިލްގެ ތިން ވަން ލޯގޯއަކީ ސިޓީ ކައުންސިލްގެ ކުރީގެ ލޯގޯއާ އަޅާބަލާއިރު "ހަޑި" ލޯގޯއެއް ކަމަށާއި ލޯގޯއެއްގެ ވައްތަރު ނުޖަހާ ކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ފާޑު ކިޔާފައެވެ.

އެގޮތުން ފޭސްބުކާއި ޓުވިޓާގައި ގިނަ ބަޔަކު އަންނަނީ އެ ލޯގޯ ފަރުމާކޮށްފާވައިގޮތަށް ޖޯކު ޖަހަމުންނެވެ. އެމީހުން ބުނެފައިވަނީ އެ ލޯގޯ އިން "އެއްވެސް އެއްޗެއް ރަމްޒުނުކޮށްދޭ ކަމަށާއި އެއީ އެއްވެސް ތާކުން ތާކު ނުޖެހޭ" ލޯގޯ އެއް ކަމަށެވެ.

ލޯގޯއަށް ފާޑު ކިޔުމުގެ ގޮތުން ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ކޮށްފައިވާ ޓުވީޓުގައި ވިދާޅުވެފައިވަނީ މާލޭ ކައުންސިލުގެ ކުރީގެ ލޯގޯ އިން ރަމްޒުކޮށްދެނީ މާތްވެގެންވާ އިސްލާމް ދީނާއި، މާލޭގެ ދިގު ތާރީޚާއި ޒަމާންވީ ތަރިކަ އާއި ސަގާފަތާއި ދިވެހިންގެ އަމިއްލަވަންތަކަމާއި ފަންނުވެރިކަން ކަމަށެވެ. އަދި ޔުމްނާއަށް ކުރީގެ ލޯގޯ މާ ރީތި ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު "ސަން"އަށް ވިދާޅުވީ ކުރީގެ ލޯގޯއިން ނޫ އިގްތިސާދާއި އެއްބައިވަންތަކަން ދައްކުވައިދިނުމުގެ އިތުރުން މާތްވެގެންވާ އިސްލާމް ދީނާއި ތާރީހް ރަމްޒުކޮށްދޭ ކަމަށެވެ. ނަމަވެސް އާ ލޯގޯ އިން ފެންނަން ހުރީ ބައިބައިވަންތަކަން ކަމަށް ޝިފާ ވިދާޅުވިއެވެ.

އެހެންނަމަވެސް ކައުންސިލުން ނިންމި ނިންމުމަށް އިހުތިރާމު ކުރާކަންވެސް ޝިފާ ފާހަގަކުރެއްވިއެވެ.

ސިޓީ ކައުންސިލްގެ އާ ލޯގޯ ސިޔާސީ ޕާޓީއަކާ ގުޅުވައިފައިވާ ކަމަށްވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ތުހުމަތުކޮށްފައެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ސަން"އަށް ވިދާޅުވީ އެއްވެސް ކަމެއްގައި ފާޑު ނުކިޔައި ބަޔަކު ނުތިބޭނެ ކަމަށާއި އަދި އެ ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ލޯގޯއެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޓީ ކައުންސިލަކީ ސިޔާސީ ކަންކަން ކުރާ ބައެއް ނޫން. އަޅުގަނޑު ހުވާ ކުރި ދުވަހު ވެސް ދެންންވިން ސިޔާސީ ޖަގަހައަކަށް ނުހަދާނަމޭ. މިއަދާ ހަމައަށް އައިރުވެސް ނުހުންނާނެ ސިޔާސީ އެއްވެސް ކަމެއް ކޮށްފައެއް. އެއްވެސް ޕާޓީއަކަށް ތަފާތެއް ނުކުރަން. އަޅުގަނޑުމެންގެ ލޯގޯ އިން ރަމްޒުކޮށްދޭ ކަންކަމަކީ ލޯގޯގެ ފުރިހަމަކަން އިތުރުވެގެންދާ ކަމަކަށް އަޅުގަނޑު ގަބޫލުކުރަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ލޯގޯ ފަރުމާކުރުމަށް އެއްވެސް ހަރަދެއް ކޮށްފައި ނުވާނެ ކަމަށާއި އެއީ ސިޓީ ކައުންސިލުގެ ސްޓާފެއް ފަރުމާކުރި ލޯގޯއެއް ކަމަށެވެ.

ހުކުރު މިސްކިތުގެ މުންނާރު ޖެހި ލޯގޯ ދޫކޮށް، އަލަށް އިފްތިތާހްކުރި ލޯގޯގައި ފެންނަނީ ގޮޅިތަކަކާއި ކުލަތަކެކެވެ.

މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި އެ ލޯގޯ އިން މާލޭގެ ހަ އަވަށް ރަމްޒު ކޮށްދެއެވެ. އެގޮތުން ލޯގޯގެ މެދުން މާފަންނު، ހެންވޭރު، ގަލޮޅު އަދި މައްޗަަންގޯޅި ރަމްޒުކޮށްދެއެވެ. އަދި ލޯގޯގެ ދެފަރާތުން ވިލިމާލެ އާއި ހުޅުމާލެ ރަމްޒުކޮށްދެއެވެ.

ދިވެހި ވެރިކަމުގެ ނިޝާން އަސްލެއްކަމަށް ބަލައިގެން ފަރުމާކޮށްފައިވާ މި ލޯގޯގައި ބޭނުންކޮށްފައިވަނީ މާލޭގެ އަވަށްތައް ރަމްޒުކޮށްދިނުމުގައި މީގެ ކުރިންވެސް ބޭނުންކުރާ ކުލަތަކެވެ.

އެގޮތުން ލޯގޯގެ މެދުގައި ބޭނުންކޮށްފައިވަނީ މާލޭގެ ހަތަރު އަވަށުގެ ކުލަތަކެވެ. އަދި ލޯގޯގެ ދެ ފަރާތުގައި ވަނީ ވިލިމާލެ އަދި ހުޅުމާލެ ރަމްޒުކޮށްދޭ ކުލަތަކެވެ.

ހަމައެހެންމެ ލޯގޯގެ ފަރުމާގެ އަސްލަކީ މުންނާރާއި ހުކުރު މިސްކިތުންވެސް ފެންނަން ހުރި ދިވެހި ވެރިކަމުގެ ނިޝާނެވެ.

މާލޭ ސިޓީ ކައުންސިލުގެ ލޯގޯ

ކޮންމެ އަވަށެއް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ކުލަތަކަކަކީ މީގެ އެތަކެއް އަހަރުކުރިންވެސް މާލޭގެ އަވަށްތަކުގެ މެދުގައި ބޭނުންކުރަމުން އައި ކުލަތަކެވެ. އެގޮތުން ގަދަ ނޫކުލައިން ހެންވޭރު ރަމްޒުކޮށްދޭއިރު ފެހިކުލައިން ގަލޮޅު، އަޅި ކުލައިން މައްޗަންގޯޅި، ފިޔާތޮށި ކުލައިން މާފަންނު، ދަނބުކުލައިން ވިލިމާލެ އަދި ވިލުނޫކުލައިން ހުޅުމާލެ ރަމްޒުކޮށްދެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނާގޮތުގައި، މި ލޯގޯ ފަރުމާކުރުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ މާލޭ ސިޓީގެ އެއްބައިވަންތަކަން ދައްކުވައިދިނުމަށެވެ. އެ ލޯގޯ ޑިޒައިން ކޮށްފައިވަނީ ސިޓީ ކައުންސިލްގެ ގްރެފިކް ޑިޒައިނަރުންނެވެ.

އެ ލޯގޯއަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާޑު ކިޔަމުން ދިޔަ ނަމަވެސް ލޯގޯ ފަރުމާ ކޮށްފައިވާ ގޮތަށް ބައެއް މީހުން ތައުރީފުކޮށްފައިވެއެވެ.

comment ކޮމެންޓް