ފުޓުބޯޅައިގެ ގަދަބާރުތަކުން ފީފާގެ ބޮޑު ޕްލޭނަށް ތާއީދު ނުކުރަނީ ބިރު ގަންނާތީ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފިއެވެ.
ފީފާގެ އެންމެ ބޮޑު ޕްލޭނެއްގެ ގޮތުގައި މިވަގުތު އޮތް ދެ އަހަރުން ވޯލްޑް ކަޕް ބޭއްވުމާ ބެހޭގޮތުން ދިރާސާއެއް ހެދުމަށް ފީފާގެ ކޮންގްރެސް އަށް ހުށަހެޅީ ސައުދީ އަރަބިއާގެ ފުޓްބޯޅަ ފެޑެރޭޝަނުންނެވެ. އެ ހިޔާލަށް ފީފާގެ ބައެއް ވެރިން ވެސް ތާއިދު ކުރެއެވެ. އެހެންނަމަވެސް ޔޫއެފާއި އާއި ޔޫރަޕުގެ ބައެއް ކަލްބުތަކުގެ ކޯޗުން ވެސް ވަނީ އެ ހިޔާލާ ދެކޮޅަށް ވާހަކަ ދައްކައިފައެވެ.
އަދި އެހެންމެ ފުޓުބޯޅައިގެ އެންމެ ފޯރިގަދަ އެއް ބައްރު ކަމަށްވާ ކޮންމެބޯލްއިން ވެސް ވަނީ ފީފާގެ ޕްލޭނަށް ދެކޮޅު ހަދައިފައެވެ. އެކަމަކު އެފްރިކަން ނޭޝަންސްތައް ހިމެނޭ ސީއޭއެފްއިން ވަނީ ފީފާގެ މި ހުށައެޅުން ބަލައިގަނެ، އެކަމަށް ތާއީދު ކޮށްފައެވެ.
ކައިރޯގައި މިހާރު ކުރިއަށްދާ އެފްރިކަން ފެޑެރޭޝަން (ސީއޭއެފް) ގެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަމުން އިންފަންޓީނޯ ބުނީ، ބޮޑެތި ބާރުތަކުން ފީފާގެ މި ހުށައެޅުމަށް ތާއިދު ނުކުރަނީ ބިރުން ކަމަށެވެ.
"ގަބޫލު ކުރަން މިކަމުގައި ދެކޮޅު ގައުމުތައް މިކަން ބަލައި ނުގަންނަ ސަބަބު. ދިރިއުޅުމުގައި ވެސް ކަން ހިނގަނީ އެހެން. ކަންކަމުގައި ބާރު އޮތް މީހުން ބޭނުމެއް ނުވާނެ ބޮޑެތި ބަދަލުތަކެއް ގެންނާކަށް. އެ ބާރުގައި އަބަދަށް ތިބެން ބޭނުން ވާނީ،" އިންފަންޓީނޯ ބުންޏެވެ.
އިންފަންޓީނޯ ބުނީ ބޮޑެތި ބާރުތަކުން އެ ހިސާބުގައި ތިބުމަކީ ފަޙުރެއް ކަމަށާއި، އެހެން ނަމަވެސް ދެން ތިބި ގައުމުތަކަށް އެ ހިސާބަށް ދިއުމުގެ ފުރުސަތު ދިނުމަކީ ފުޓުބޯޅައިގެ ހަމަހަމަކަން ގާއިމު ކުރެވޭނެ އުސޫލުކަމަށެވެ. އެއާއެކު ދެ އަހަރުން ވޯލްޑް ކަޕް ބޭއްވުމަކީ އެ ހަމަހަމަ ކަން ގާއިމު ކުރުމަށް އޮތް އެންމެ މުހިއްމުކަން ކަމަށެވެ.
ފީފާގެ މެމްބަރު ގައުމުތަކަށް ރަސްމީކޮށް އެ ހުށަހެޅުން ހުށަހަޅާފައިވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުން އެ ޕްރޮޕޯސަލާއެކު ޔޫރަޕުގެ ބައެއް ގައުމުތަކުން ފީފާ ބޮއިކޮޓްކޮށް، ފީފާއިން ވަކިވެގެން ދާނެ ކަމަށް ބުނެފައިވެއެވެ. ހާއްސަކޮށް އެ ޕްރޮޕޯސަލަކީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ގެއްލުންވާނެ ޕްރޮޕޯސަލެއް ކަމަށް ޔޫއެފާގެ ގައުމުތަކުން ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.