ޖަޕާނު ސަރުކާރުން ގއ. ނިލަންދޫ ސްކޫލަށް 1.2 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.
ޖަޕާނު ސަރުކާރުގެ ގްރޭންޓް އެސިސްޓެންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްސް (ޖީޖީޕީ) ސްކީމްގެ ދަށުން ދިން މި އެހީ ހަވާލު ކުރުން އޮތީ މިއަދު އެޑިއުކޭޝަން މިނިސްޓްރީގައެވެ.
ޖަޕާނު ސަރުކާރުގެ ފަރާތުން އެހީގައި ސޮއިކުރެއްވީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޔަނާއި ކެއިކޯއެވެ. ނިލަންދޫ ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް ހަދީޖާ އިބްރާހީމެވެ.
މި ޕްރޮޖެކްޓްގެ ދަށުން ނިލަންދޫ ސްކޫލުގައި ގްރޭޑް އެކެއްގެ ކުދިންނަށް ކްލާސްރޫމަކާއި ލައިބްރަރީއެއް އިމާރާތް ކުރާނެއެވެ. އޭގެ ސަބަބުން ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމު ހާސިލު ކުރުމަށް އެކަށީގެންވާ މާހައުލެއް ފޯރުކޮށްދެވި، ރަށަށް ދިމާވާ ގުދުރަތީ ކާރިސާތަކުގައި ވަގުތީ ހިޔާއެއްގެ ގޮތުގައިވެސް އެ އިމާރާތް ބޭނުން ކުރެވޭނެ ކަމަށް ޖަޕާން އެމްބަސީން ވަނީ ބުނެފައެވެ.
އެ މަޝްރޫއު ކުރިއަށް ދާނީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
ޖީޖީޕީ އަކީ ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީގެ ފަރާތުން، ރާއްޖޭގެ މުޖުތަމައު ބާރުވެރި ކުރުމަށް ކުރިއަށްގެންދާ ޖަޕަނީސް އޮފިޝަލް ޑިވޮލޮޕްމަންޓް އެސިސްޓެންސް (އޯޑީއޭ)ގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
ޖަޕާން އެމްބަސީން ދަނީ 1996 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި ދާއިރާތަކަށް ޖީޖީޕީގެ އެހީ ދެމުންނެވެ. އޭގެ ތެރޭގައި ތައުލީމީ ދާއިރާއާއި ތިމާވެށީގެ އިތުރުން ސިއްހީ ދާއިރާއާއި ހަކަތައިގެ އިތުރުން ދަތުރުފަތުރުގެ ދާއިރާ ހިމެނެއެވެ.