އުރީދޫއިން ބިދޭސީ މަސައްކަތްތެރިންނަށް ބައިވެރިވެވޭ ކްރިކެޓް މުބާރާތެއް ބާއްވަނީ

އުރީދޫއާއި އެމްއެމްޑަބްލިއު ގުޅިގެން ކްރިކެޓް މުބާރާތެއް ބާއްވަން ސޮއިކުރުން -- ފޮޓޯ/ އުރީދޫ

އުރީދޫއާއި މޯލްޑިވްސް ކްރިކެޓް އެސޯސިއޭޝަނުގެ އިތުރުން މޯލްޑިވްސް މިޝަން ފޯ މައިގްރޭންޓް ވޯކާޒް (އެމްއެމްޑަބްލިއު) ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް ބައިވެރިވެވޭނެހެން ހާއްސަ ކްރިކެޓް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މި މުބާރާތަކީ މާދަމާ ފުރޭ އެމްއެމްޑަބްލިއުގެ އެއްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން މުޖުތަމައުއަށް ލިބޭ އެހީ ފާހަގަކޮށް އެ މީހުންގެ މަސައްކަތް ބަލައިގަތުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މީގެ އިތުރުން އެ މީހުންގެ މަސައްކަތުގެ އަގު ވަަޒަންކޮށް، ހިތްހަމަ ޖައްސަައިލުމަށް ވަގުތުކޮޅެއް ފަހިކޮށްދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި ބިދޭސީ މަސައްކަތްތެރިން ބައިވެރިވުމަށް ޓަކައި ހަމަ ކުރަން ޖެހެނީ 20 މީހުންގެ ޓީމެކެވެ. އަދި އެއާއެކު ބައިވެރިވެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހެވެ. މުބާރާތުގެ ބައިވެރިވުމަށް ޓަކައި ފުރަންޖެހޭ ފޯމު، އާންމުކޮށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެ މީހެއްގެ ގައުމުގެ ބަހުން ލިބެން ހުންނާނެއެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެކުވެނި ސްޓޭޑިއަމްގައި ހުންނަ ކްރިކެޓް ބޯޑު އޮފީހަށެވެ. ފޯމު ހުށަހެޅޭނީ މާދަމާ މެންދުރު 12:00ގެ ކުރިންނެވެ. ފޯމު ލިބެން ހުންނާނީ އެމްއެމްޑަބްލިއުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުންނެވެ.

އެކުވެނި ސްޓޭޑިއަމްގައި މި މުބާރާތް ކުރިއަށްދާ ވަގުތު ސްޓޭޑިއަމް ވަށައިގެން އޮންނަ ސަރަހައްދުގައި ތަފާތު އެކި ސްޓޯލްތައް ބަހައްޓައިފައި ހުންނާނެއެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިންނަށް ހިލޭ ހެލްތު ސްކްރީންކޮށްދިނުމާއި، ފޯނު ރަޖިސްޓްރޭޝަންގެ ހިދުމަތް ވެސް ލިބޭނެއެެވެ.

comment ކޮމެންޓް