ސަރުކާރުން ކޮވިޑް-19 މެނޭޖުކުރީ، ބަލިމަޑުކަމެއްގައި އުޅެވޭކަން އިހުސާސް ވެސް ނުވާނޭހާ މޮޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެއެވެ.
ޝިފާއު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް މުއްދަތު, އިތުރު ކޮށްދޭން ކޮމިޓީން ފާސްކުރި ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.
ޝިފާއު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެއްވެސް އަސާސީ ހިދުމަތަކަށް ދިވެހި ރައްޔިތަކު ޖެހިފައި ނުވާ ކަމަށެވެ. އެގޮތުން ކާޑުގެ ބާވަތްތަކާއި ތެލާއި ޑީސަލްގެ އިތުރުން ޕެޓްރޯލާއި ބޭހުގެ ބާވަތްތައް ހޯދުމުގައި އެއްވެސް ދައްޗެއް ރައްޔިތުންނަށް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ކޮވިޑް މެނޭޖުކުރިގޮތަށް ތައުރީފްކުރައްވާ ޝިފާއު ވިދާޅުވީ، ދުނިޔެ އޮތީ ބަލިމަޑުކަމެއްގައި ކަން އިހުސާސްވެސް ނުވާ ކަމަށެވެ.
"އެއްވެސް ރައްޔިތަކަށް މި ދުނިޔެ ބޮޑު ޕެންޑެމިކެއްގެ ތެރޭގައި އޮތް ކަމުގެ އިހުސާސް ނުވާ ވަރަށް އެ ކަންކަން ސަރުކާރުން މެނޭޖުކުރީ،" ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވަނީ އެކަން ކުރުމަށް ޓަކައި ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރުން ކަމަށް ވިދާޅުވެފައެވެ.
"ސަރުކާރުން އެޅި އެންމެ ހަރުދަނާ އެއް ފިޔަވަޅުކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ ޕަބްލިކް އެކައުންޓު އޯވާޑްރާފްޓު ހުއްދައެއް މި މަޖިލީހުން ހޯދައި، ރައްޔިތުންގެ އާމްދަނީއަށް އަސަރު ކުރިޔަ ނުދީ ހިފެހެއްޓުން،" ޝިފާއު ވިދާޅުވިއެވެ.
ހަމައެހެންމެ އެ ފައިސާއިން 22 ހާހަށް ވުރެ ގިނަ ދިވެހި ރައްޔިތުންނަށް އިންކަމް ސަޕޯޓު އެލަވަންސް ފޯރުކޮށްދިން ކަމަށް ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވަނީ ފައިސާ ޗާޕުކުރުމަށް ދީފައިވާ ހުއްދަ އިތުރުކުރުމަކީ މިވަގުތަށް މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.
"ދިވެހިރާއްޖެ ސަވައިވް ކުރަން އަޅުގަނޑުމެން އެބަޖެހޭ، ދިވެހިރައްޔިތުންނަށް ފާގަތި މުސްތަގްބަލެއް މާދަމާއަށް، މި ޕެންޑެމިކުން އަރައިގެން ދާއިރުގައި ހޯދޭނެ މަގެއް ސަރުކާރުން އެ ދަނީ ކޮށަމުން، ދިވެހިރާއްޖޭގެ އިގްތިސޯދު ހީނަރު ވިޔަ ނުދީ އެދަނީ ހިފަަހައްޓަމުން، މި ހަރުދަނާ ފިޔަވަޅުގެ ތެރެއިން،" ޝިފާއު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ނެގި ދަރަނީގެ އަދަދުތަކަށް ފާޑު ވިދާޅުވެ، ޝިފާއު އިތުރަށް ވިދާޅުވީ ދަރަނި ނަގައިގެން ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރުމުން ރައްޔިތުން އެކަމާ ދެކޮޅު ނުހަދާނެ ކަމަށެވެ.