ގިނަ މަސްތުވާތަކެތި އަތުލައިގަނެވެނީ މައްސަލައަށް ދޭ ސަމާލުކަން އިތުރުވުމުން: މިނިސްޓަރު އިމްރާން

ހޯމް މިިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ-- ސަން ފޮޓޯ

މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު އިތުރުވަނީ، މަސްތުވާތަކެތި އަތުލައިގަތުމަށާއި އެ މައްސަލަ ހައްލު ކުރަން މި ސަރުކާރުން އިތުރަށް ސަމާލުކަން ދޭތީ ކަމަށް ހޯމް މިިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވޭނީ ގިނަ މުއައްސަސާތަކުން ގުޅިގެން ކަމަށެވެ.

މިނިސްޓަރުގެ ވާހަކައިގައި މަސްތުވާތަކެތީގެ ސަޕްލައި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ މަސްތުވާތަކެތީގެ ޓްރާންސްޝިޕްމަންޓް ހަބަކަށް ބަދަލުވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، މިނިސްޓަރު އިމްރާން ވިދާޅުވީ މީގެ ކުރިން ވެސް ރާއްޖެ މެދުވެރިކޮށް މަސްތުވާތަކެތި ޓްރާންސްޝިޕް ކުރާ ކަމަށެވެ.

"ވޭތުވެދިޔަ ދެ ތިން އަހަރުގެ ތެރޭގައި މުޅި ދުނިޔޭގައި މަސްތުވާތަކެތީގެ ވެއްޓަށް އައި ބަދަލުގެ ތެރޭގައި، ދުނިޔޭގެ އެތަން މިތަނަށް މަސްތުވާތަކެތި ޓްރާންސްޕޯޓު ކުރުމުގައި ތަފާތު ޓްރެންޑުތަކެއް އައިސްފައި ހުރި ކަން ވެސް ފާހަގަކުރެވޭ. ކުރީގައި ވެސް ރާއްޖެ މެދުވެރިކޮށް އެހެން ތަންތަނަށް ގެންދޭ. ޓްރާންސްޝިޕް ކުރޭ ކުރީގައި ވެސް. އެހެން ނަމަވެސް ރާއްޖެއިން އެކަމަށް އެވަރަށް ސަމާލުކަންދީ، ބެލިފައި ނެތް ކަމަށް ފާހަގަ ކުރެވޭ." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއާ ހިލާފަށް ރާއްޖޭގައި ބޭނުން ކުރަން ރާއްޖެއަށް އެތެރެ ކުރާ މަސްތުވާތަކެތި އަދި ރާއްޖެ މެދުވެރިކޮށް އެހެން ތަންތަނަށް ގެންދާ މަސްތުވާތަކެތި ހޯދައިގަތުމުގައި މިހާރު ފުލުހުން ބޭރުގެ އެޖެންސީތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 973 ކިލޯގެ މަސްތުވާތަކެތި ދިވެހި ފުލުހުން އަތުލައިގަތް. އަތުލައިގަނެވޭ މަސްތުވާތަކެއްޗާ މުއާމަލާތް ކުރުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނައިން. މި ސަރުކާރު އައިއިރު، ރާއްޖޭގައި އަތުލައިގަންނަ މަސްތުވާތަކެތި 10 އަހަރު ވަންދެން ނައްތާ ނުލައި ހުރޭ." މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ރާއްޖޭގެ ކޮންމެ ތަނަކުން މަސްތުވާތަކެތި ނެގި ނަމަވެސް، 'ސެންޓްރަލީ' ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށް، މަސްތުވާތަކެތި އަތުލައިގަތުމަށްފަހު، ހެއްކަށް ކޮންމެހެން ބަހައްޓަން ޖެހޭ މިންވަރު ބެހެއްޓުމަށްފަހު އެއް މަސް ދުވަހުގެ ތެރޭގައި އެތަކެތި ނައްތާލާ ގޮތަށް މި ސަރުކާރުން ނިޒާމު ބަދަލުކޮށްފައިވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

comment ކޮމެންޓް