ސްކްރީން ރައިޓިންއަށް ޝައުގުވެރިވާ މީހުންނަށް ހިލޭ ފުރުސަތެއް!

ދިވެހި ފިލްމު "މަރްޔަމް" ގެ ޝޫޓިންގެ ތެރެއިން

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ)ގެ ފަރާތުން ސްކްރީން ރައިޓިން ދަސްކޮށްދޭ ތިން ދުވަހުގެ ވޯކްޝޮޕެއްގައި ބައިވެރި ވުމަށް ހުޅުވާލައިފިއެވެ.

އެންސީއޭގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުﷲ މުއާޒް (މުއާ) "ސަން" އަށް ވިދާޅުވީ، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި ވޯކްޝޮޕަށް ހީނުކުރާ ވަރުގެ ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

މި ވޯކްޝޮޕަކީ ރާއްޖޭގެ ތަފާތު ސްކްރީން އަދި ޖޮންރާތަކަށް ސްކްރިޕްޓު ލިޔާނެ ލިޔުންތެރިން އުފެއްދުމާއި، ސްކްރީން ރައިޓިންގެ ދާއިރާ ގައި މަސައްކަތްކުރާ ފަރާތްތަކަށް މިފަންނު އިތުރަށް ތަރައްގީކޮށް ޕްރޮފެޝަނަލް ލެވަލްއެއްގައި މިކަން ކުރާނޭ ގޮތުގެ މައުލޫމާތު ހިއްސާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދަން ރާވާފައިވާ ކޯހެއް ކަމަށް އެންސީއޭއިން ބުނެއެވެ.

"ސްކްރީން ލިޔާ ކުއްޖެއް ނުވަތަ ލިޔާ މީހެއްވެސް ހުރެދާނެ އެކަން ވަރަށް ޝައުގުވެރިކަމާއެކު ކުރާ، ނުވަތަ ފިލްމީ ދާއިރާގައި މަސައްކަތް ކުރާއިރުގަވެސް ބޭސިކްސް ފޮލޯކުރަން ނޭނގޭ. ނޫނީ އެ ބޭސިކް ނޭނގުމުގެ ސަބަބުން އެ ފޮލޯ ނުކުރެވޭ މީހުން އެބަތިބި،"

މުއާ ވިދާޅުވީ، މިއީ އެފަދަ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ބައިވެރިވުން ހިލޭ މި ވޯކްޝޮޕް ކުރިއަށް ދާނީ މި މަހުގެ 28، 29 އަދި 30 ވަނަ ދުވަހުގެ ރޭ 8ން 10ށް އެންސީއޭގައެވެ.

އެ ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ ސްކްރީން ރައިޓަރު އަހުމަދު ޒަރީރުއެވެ. ޒަރީރަކީ "ލީނާ" އާއި "އަނދިރިކަން" ފަދަ ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުއްވި ކުޅަދާނަ ސްކްރީން ރައިޓަރެވެ.

މި ވޯކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ގޫގުލް ފޯމް ފުރުމަށް އެންސީއޭއިން އެދެއެވެ.

މީގެ އިތުރުން، އިހުގެ އެންމެ ޒަމާނީ ބޮޑުބެރު ދަސްކޮށްދޭ ވޯކްޝޮޕެއް އަންނަ އާދީއްތައިން ފެށިގެން އަންގާރައަށް އެންސީއޭއިން ކުރިއަށް ގެންދާނެއެވެ.

ބޮޑުބެރުތަކުގެ ބައިވެރިން ހިމެނޭ މި ވޯކްޝޮޕްގައި 35ށް ވުރެ ގިނަ މީހުން ބައިވެރި ވެފައި ވާކަމަށް މުއާ ވިދާޅުވިއެވެ.

އެ ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ އިބްރާހިމް ރަޝީދު (ހާބުރި ރަޝީދު)އެވެ.

މުއާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ފަންނީ ދާއިރާތަކުން މިފަދަ ވޯކްޝޮޕް ކުރިއަށް ގެންދާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް