އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަށް ފަނޑިޔާރުން ހޯދަން އަލުން އިއުލާނުކޮށްފި

މީގެ ކުރިން އެންސީއޭއިން ބޭއްވި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތެއްގެ އިނާމުދިނުމުގެ ހަފުލާ--ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ އޮފީސްތަކުގެ ޓެލެޑްރަމާ މުބާރާތަށް އިންސާފުކުރާނެ ފަނޑިޔާރުން ހޯދަން އަނެއްކާ ވެސް އިއުލާނުކޮށްފިއެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވަމުން އަންނަ މުބާރާތް، ބޮޑު މެދުކެނޑުމަކަށް ފަހު މި އަހަރުގެ ވަނީ ބާއްވައިފައެވެ.

މި އަހަރުގެ ރޯދަ މަހު ބޭއްވި އޮފީސް ޓެލެޑްރާމާ މުބާރާތަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެކި އޮފީސްތަކުން މި ފަހަރު ވެސް ތަފާތު ޑްރާމާތައް ވަނީ ހުށަހަޅާފައެވެ.

ޑްރާމާތަކުގެ ތެރެއިން ވަނަ ހޮވުމަށްޓަކައި ފަނޑިޔާރު ހޯދުމަށް މީގެ ކުރީން ވެސް ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް، އެންމެ މީހަކު އެ މަގާމަށް ކުރިމަތިލާފައިވާތީ އަލުން ފަނޑިޔާރުން ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ. އަދި، އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ފަނޑިޔާރަކަށް ކުރިމަތިލާން ވަނީ ހުޅުވައިލާފައެވެ.

އެ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަށް 50،000 ރުފިޔާގެ ފައިސާގެ އިނާމް އެންސީއޭއިން ހުށަހަޅާފައިވާއިރު، އެންމެ މޮޅު އަންހެން އަދި ފިރިހެން އެކްޓަރަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން، އެންމެ މޮޅު އަންހެން އަދި ފިރިހެން ސަޕޯޓިން އެކްޓަރަށް 10،000 ރުފިޔާ އަދި، އަލަށް ދާއިރާއަށް ތައާރަފުވާ އެންމެ މޮޅު ފަންނާނަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް އެ ސެންޓަރުން ހުށަހަޅާފައިވެއެވެ.

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް ޓީވީއެމުން 1994 ވަނަ އަހަރުން ފެށިގެން 2006ގެ ނިޔަލަށް ކުރިއަށް ގެންދިޔައެވެ. އެއަށް ފަހު، އެ މުބާރާތް އަށް އަހަރަށް ފަހު އަލުން ބާއްވާން 2015 ވަނަ އަހަރު އެ ސެންޓަރުން ނިންމިއެވެ. އަދި، 2018ގެ ނިޔަލަށް މި މުބާރާތް ބާއްވަމުން އައިސް މެދުކެނޑުމަކަށް ފަހު އަނެއްކާ ފެށީ މި އަހަރުއެވެ.

comment ކޮމެންޓް