ސަގާފީ ކުޅިވަރުތަކާ އެކު މި ފަހަރު މާލޭގައި ކުލަގަދަ ޢީދެއް

ނަށާ ގްރޫޕެއްގެ ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ ސޯޝަލް މީޑިއާ

އެހެން އަހަރުތަކާ ހިލާފަށް މި ފަހަރު މާލޭ ސިޓީގައި ބޮޑު ޢީދު ކުލަގަދަކޮށް ފާހަގަކުރަން މާލޭ ސިޓީ ކައުންސިލުން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފިއެވެ.

ނެޝަނަލް ސެންޓާ ފޯ އާޓްސް (އެންސީއޭ)އާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ޢީދުގައި މާލޭ ސަރަހައްދުގައި ކުރިއަށް ގެންދަން ރާވާފައިހުރި ހަރަކާތްތައް ހިއްސާކޮށްފައެވެ.

އެގޮތުން، މާލޭގެ މޭޔަރު އާދަމް އާޒިމް ވިދަޅުވީ، ދައުލަތުގެ ކުންފުނިތަކާއި އިދާރާތައް ގުޅިގެން ބޮޑު ޢީދު މާލޭގައި ކުލަގަދަކޮށް ފާހަގަކުރާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

މޭޔަރު ވިދާޅުވީ، ޢީދުގެ ކުޅިވަރުތައް މިރޭ ހުޅުމާލެއާއި ވިލިމާލޭގައި ފަށާނެ ކަމަށެވެ. އެގޮތުން، ވިލިމާލޭގައި މިރޭ 8:30 ގައި ޢީދު ބަނޑިޔާއާއި ޢީދު ބޮޑުބެރު އޮންނާނެ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. އަދި މިރޭ ހުޅުމާލޭގައި ވެސް ވެދުމާ ދިއުމުގެ ހަރަކާތް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އެޗްޑީސީއިން އިންތިޒާމުކޮއްގެން ހުޅުމާލޭގައި ބޭއްވި މާލި ޕެރޭޑްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޭޔަރު ވިދާޅުވީ، ހޯމަ ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މާލޭގައި ޢީދު ފާހަގަކުރުމުގެ ގޮތުން ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި، އެންސީއޭއިން ވަނީ މާދަމާ ޢީދު ނަމާދަށް ފަހުގައި ޢީދުގެ ކުޅިވަރުތައް ފަށާނެކަމަށް ބުނެފައެވެ.

ރަށްރަށެކޭ އެއްގޮތަށް މާދަމާ ޢީދު ނަމާދަށް ފަހު މާލޭގައި ވެސް ޢީދު ސައި ވެސް އޮންނާނެ ކަމަށް އެންސީއޭއިން ބުންޏެވެ. އޭގެ އިތުރުން ވެސް އެންސީއޭއިން މާލޭގައި އިންތިޒާމުކޮށްފައިވާ ކުޅިވަރުތަކުގެ ތެރޭގައި:

  • ދެލިމާލި
  • ކޯޑި ކެނޑުން
  • ދަފި ނެގުން
  • ލަނގިރި ޖެހުން
  • ބޮޑުމަސް ދުއްވުން

މާލޭގައި ފޯރިގަދަކޮށް ޢީދު ފާހަގަކުރި ނަމަވެސް މި ދުވަސްވަރަކީ ބަލިތައް ފެތުރެމުން އަންނަ ދުވަސްވަރަކަށްވުމުން އެ ކަންކަމަށް ސަމާލުވާން ވެސް އެންސީއޭޢާއި މާލޭ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް