އެއްވެސް ހާލަތެއްގައި އަސްކަރީ ކުރިމަތިލުމަކަށް ނުދިޔުމަށް އެމެރިކާއާއި ޗައިނާ އެއްބަސްވެއްޖެ

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން

ވޮޝިންޓަން - ބެިއޖިންގް (17 ނޮވެމްބަރު): ޗައިނާގެ ރައީސް ޝީ ޖިންޕިންނާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވާޗުއަލްކޮށް ސަމިޓެއް ބާއްވައިފިއެވެ.

އިއްޔެ ތިން ގަޑިއިރަށް ދިގު ދެމިގެންދިޔަ މިސަމިޓްގައި ދެބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ދުނިޔޭގައި ހަމަޖެހުން ގާއިމުކުރުމަށް ޓަކައި ބޮޑު ދެބާރުގެ ހައިސިއްޔަތުން އެދެގައުމުގެ ޒިންމާތަކާ ބެހޭގޮތުންނެވެ. މީގެއިތުރުން ދުނިޔޭގެ އެންމެ ބޮޑު ދެބާރުގެ ހައިސިއްޔަތުން އެމެރިކާއާއި ޗައިނާގެ ވާދަވެރިކަން ކިތަންމެ ބޮޑުވިނަމަވެސް އަސްކަރީ ކުރިމަތިލުމަކަށް ދެގައުމު ދިޔަނުދިނުމާބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ސަމިޓަށްފަހު ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާގެ ޝިންޖިޔާން ސަރަހައްދާމެދު ޗައިނާ މުއާމަލާތްކުރާގޮތާ އަދި ޓިބެޓާއި ހޮންކޮންގް އާ މެދު ޗައިނާ ގެންގުޅޭ ސިޔާސަތުތަކާ އެމެރިކާ ހިތްހަމަނުޖެހޭކަން ބައިޑެން ރައީސް ޝީއަށް ދެންނެވި ކަމުގައެވެ. ނަމަވެސް ޓައިވާންގެ މައްސަލާގައި ވަން ޗައިނާ ޕޮލިސީ އަށް އެމެރިކާ އިހްތިރާމް ކުރާނެކަމުގެ ޔަގީންކަން ބައިޑެން ޗައިނާގެ ރައީސަށް ދެއްވި ކަމުގައެވެ.

އެމެރިކާއާއި ޗައިނާގެ ރައީސުންގެ ވާޗުއަލް ސަމިޓް

ވަން ޗައިނާ ޕޮލިސީއަކީ ޓައިވާނުން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިއުލާން ކުރުމާ ދެކޮޅު ހެދުމެވެ. ޗައިނާއާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ މައިގަނޑު އެއް ސަބަބަކީ ޓައިވާނެވެ. ޓައިވާން ޗައިނާގެ ބާރުގެ ދަށަށް ގެންނަން މަސައްކަތްކޮށްފިނަމަ ޓައިވާންގެ ދިފާއުގައި އެމެރިކާ ތެދުވާނެކަމަށް ދާދިފަހުން އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވުމުން ޗައިނާވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

މި ސަމިޓަށްފަހު ޗައިނާ ސަރުކާރުން ބުނެފައިވަނީ ޓައިވާނަކީ ޗައިނާގެ މައި ސަރުކާރާ ވަކިވެގަނެގެން އުޅޭ އެގައުމުގެ ސަރަހައްދެއްކަމާއި ޓައިވާން އަލުން އަނބުރައި ޗައިނާގެ ސިޔާދަތުގެ ދަށަށް ގެނައުމަށް ޗައިނާ ފަސްނުޖެހޭނެކަން ރައީސް ޝީ އެމެރިކާގެ ރައީސަށް ދެންނެވި ކަމުގައެވެ. އަދި ޓައިވާނާއި ޗައިނާގެ ދެމެދަށް އެމެރިކާ ވަނުމަކީ ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަނުންކަމާއި މިފުރުސަތު އެމެރިކާއަށްވެސް އަދި އެހެން ގައުމަކަށްވެސް ނުދޭނެކަން ރައީސް ޝީ އެމެރިކާގެ ރައީސަށް ދެންނެވި ކަމުގައެވެ.

މި ސަމިޓްގައި ދެބޭފުޅުންވެސްވަނީ އަސްކަރީ ކުރިމަތިލުމަކަށް ނުގޮސް ދުނިޔޭގައި ހަމަޖެހުން ޤާއިމުކުރުމުގައި ޗައިނާއާއި އެމެރިކާގެ ބޮޑު ޒިންމާއެއް އޮތްކަމާއި އެޒިންމާ ހެޔޮގޮތުގައި އަދާކުރުމަށް އެއްބަސްވެ ވަޑައިގެންފައެވެ. ޗައިނާއާއި އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދެވެ. ދުނިޔޭގައި ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ ދެގައުމަކީވެސް އެމެރިކާއާއި ޗައިނާއެވެ. އަދި ދުނިޔޭގައި އެންމެ ބާރާއި ނުފޫޒު ގަދައީވެސް އެދެގައުމުގެއެވެ. ޗައިނާއާ ވާދެކުރެވޭވަރުގެ ގައުމެއް އެމެރިކާ ނޫނީ ނެތްއިރު އެމެރިކާއާ ވާދަކުރެވޭވަރުގެ ގައުމެއް ޗައިނާ ނޫނީ ނެތެވެ.

އެމެރިކާއާއި ޗައިނާއަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ދެމެންބަރުންނެވެ. ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ދެގައުމެވެ. ބައިޑަން އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ޗައިނާގެ ރައީސް ޝީ އާ އަދި ސީދާގޮތެއްގައި ބައްދަލުކުރައްވާފައެއް ނުވެއެވެ. ނަމަވެސް ދެބޭފުޅުން ވަނީ މިދިޔަ ސެޕްޓެންބަރު މަހު ތެރޭގައި ފޯނު މަޝްވަރާކުރައްވާފައެވެ.

comment ކޮމެންޓް