ބޭހުގެ އަގު ކޮންޓްރޯލް ކުރުމުން ބޮޑު އަގުގައި ވިއްކާ ނަމަ ޖޫރިމަނާ ކުރަނީ

އެސްޓީއޯއިން ހުޅުވި ވަގުތީ ފާމަސީއެއް --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރިޓެއިލް ޕްރައިޒް (އެމްއާރުޕީ) ކެނޑުއެޅުމުން، ބޭސް މާ ބޮޑު އަގުގައި ވިއްކާ ނަމަ ޖޫރިމަނާ ކުރަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން އެގޮތަށް ނިންމީ، އަންނަ ޖެނުއަރީ މަހުން ފެށިގެން އެމްއާރުޕީ ތަންޒީރު ކުރާނެކަން އިއުލާން ކުރުމަށް ފަހުއެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން އަސާސީ ބޭހަށް ގިނަވެގެން ލެވޭނީ 100 ޕަސެންޓް ފައިދާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އަސާސީ ބޭހުގެ އިތުރުން ރާއްޖެ އިމްޕޯޓު ކުރާ އެހެނިހެން ހުރިހާ ބޭހަކަށްވެސް އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން އެމްއާރުޕީ ތަންފީޒު ކުރާނެ ކަމަށް ހެލްތު މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

އެ މިނިސްޓްރީން ރޭ ގެޒެޓު ކުރި ގަވާއިދުގައިވާ ގޮތުން އެމްއާރުޕީ ތަންފީޒު ކުރަން ފެށުމަށް ފަހު، އެ ގަވާއިދާ ހިލާފަށް ބޭސް ވިއްކާނަމަ އެ ތަނެއް އެންމެ ފުރަތަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. ދެވަނަ ފަހަރަށް އެކަން ތަކުރާރުވެއްޖެނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެވެ.

މީގެ އިތުރުން، ދެންވެސް ކުށް ތަކުރާރު ކުރާ ނަމަ 50،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައިވެއެވެ.

މި ގަވައިދަށް އަމަލު ކުރަން ފެށުމުން ފާމަސީތަކުގައި ވިއްކާ ބޭހުގެ އެމްއާރުޕީ، ހިދުމަތް ހޯދަންދާ މީހުންނަށް ފެންނަން ހުންނަން ޖެހޭނެއެވެ. އެގޮތަށް ފެންނަން ނުހުންނަ ނަމަ އެ ފަދަ ތަންތަނާ މެދުވެސް ފިޔަވަޅު އެޅޭނެއެވެ.

އެގޮތުން، ކަނޑައެޅިފައިވާ އެމްއާރުޕީ ނުފެންނަ ގޮތަށް ހުންނަ ފާމަސީތައް ނުވަތަ ތަންތަން އެންމެ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރާނީ 10،000 ރުފިޔާއިންނެވެ. ދެވަނަ ފަހަރަށް ތަކުރާރު ވެއްޖެނަމަ 10،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ތިން ފަހަރަށްވުރެ ގިނައިން މިކަންތައް ތަކުރާރުވާނަމަ 50،000 އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ނިންމައިފައެވެ.

މި ގަވައިދަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިފަދަ ގަވައިދެއް ތަންފީޒު ކުރަން ނިންމީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިނގާ އިސްރާފުގެ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާއަށް ކުރާ ހަރަދު ކުޑަ ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ކަމަށެވެ.

comment ކޮމެންޓް