އެކައުންޓިން ދާއިރާގައި ގިނައީ ބިދޭސީން، ޒުވާނުން މިކަމަށް ޝައުގުވެރި ކުރަން ޖެހޭ: ރައީސް

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު--- ސަން ފޮޓޯ: އަހްމަދު އައިމަން އަލީ

ރާއްޖޭގެ އެކައުންޓިން ދާއިރާގައި ގިނައީ ބިދޭސީ އެކައުންޓެންޓުން ކަމަށާއި އެ ދާއިރާއަށް ޒުވާނުން ޝައުގުވެރި ކުރުވަން ސަމާލުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ބާއްވާ މިއަހަރުގެ މޯލްޑިވްސް އެކައުންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި އޮޑިޓިންއާއި އެކައުންޓެންސީގެ މަސައްކަތްތައް ފެށިފައިވަނީ މީގެ ގާތްގަނޑަކަށް 67 އަހަރު ކުރިން ކަމަށެވެ.

މިއަދާ ހަމައަށް އައިއިރު އޮޑިޓިންއާއި އެކައުންޓެންސީގެ ދާއިރާ ވަރަށް ބޮޑަށް ބަދަލުވެ، ކޮންމެވެސް ވަރަކަށް ތަރައްގީ ވި ނަމަވެސް، މި ދާއިރާގައި ދިވެހިންނަށް ވުރެ ބިދޭސީން ގިނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޕްރައިވެޓް ސެކްޓާގައި ގާތްގަނޑަކަށް 4500 އަށްވުރެ ގިނަ ބިދޭސީން އެބަ މަސައްކަތް ކުރައްވާ. އަދި ރާއްޖޭގައި އިންކަމް ޓެކްސް ދައްކާ މީހުންގެ 15 އިންސައްތައަކީ، އެކައުންޓިން ދާއިރާގެ މީހުން," ރައީސް ސޯލިހު ވިދާޅުވިއެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ--

ރާއްޖޭގެ އިގްތިސާދަށް އަންނަ ކުރިއެރުމާއެކު، ބޭންކިން ދާއިރާއާއި އިގްތިސާދީ ސިނާއަތުގައި އެކައުންޓެންސީ ދާއިރާގެ ވަރަށް ގިނަ ވަޒީފާތައް މިހާރުވެސް އަންނަނީ އުފެދެމުން އަންނަ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ރޯލު އިތުރަށް ފުޅާކުރުމުގެ ބޭނުންތެރިކަން ބޮޑުވެފައިވާއިރު، މި ދާއިރާއިން މީހުން ބިނާ ކުރުމަށާއި ޒުވާނުން މި ދާއިރާއަށް ޝައުގުވެރި ކުރުވަން ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް ގޮވާލެއްވިއެވެ.

"މި ޕްރޮފެޝަން ތަރައްގީ ކުރުމަށްޓަކައި، މި އިންސްޓިޓިއުޓަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެ. އެކައުންޓެންޓުން ތަމްރީނުކޮށް، ފަންނީ ޤާބިލުކަން އިތުރުކުރުމަށް ފުރުސަތުތައްވެސް ތަނަވަސްކޮށްދޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކައިގައި މި ދާއިރާ ކުރިއަރުވަން މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ވަނީ އަލިއަޅުވާލައްވާފައެވެ.

"ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ނަމުގައި، މިދިޔަ އަހަރު ޤާނޫނެއް ހަދައި ޢަމަލުކުރަން ފެށީ ވަރަށް މުހިންމު ބޭނުމެއްގައި. އެއީ، އެކައުންޓެންސީ ޕްރޮފެޝަން ކުރިއަރުވައި ތަރައްގީ ކުރުން. އަދި މި ދާއިރާއަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި ވަސީލަތްތައް، މި ދާއިރާގެ ބޭފުޅުންނަށް ފޯރުކޮށްދިނުން," ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު މި ދާއިރާއިން ޒުވާނުން ބިނާކޮށް، ކުރިއަރުވަން ހުރި ފުރުސަތުތައް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"މި ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ، ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމަކީވެސް، ރާއްޖެއަށް ބޭނުންވާ ފަންނީ ދާއިރާތަކުން ތައުލީމީ ޒުވާނުން ބިނާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް. ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރޭގައި މިހާރުވެސް އެކައުންޓިން ދާއިރާގެ ކޯސްތައް އެބަ ހިމެނޭ. އަދި މީގެ އިތުރުންވެސް، ތިޔަބޭފުޅުންގެ މަޝްވަރާއާ އެކީގައި، މި ދާއިރާއަށް މީހުން ބިނާކުރުމުގައި، މި ޕްރޮގްރާމްގެ ތެރެއިން އަޅުގަނޑުމެންނަށް ސަރުކާރުން ކޮށްދެވެން ހުރި ކަންތައްތައް އިރާދަކުރެއްވިއްޔާ ކޮށްދީ، މަގުފަހިކޮށްދޭނަން," ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް އެކައުންޓްސް ފޯރަމްގެ ނަމުގައި ގައުމީ ފެންވަރުގައި ފޯރަމެއް ބާއްވަން ފެށީ 2017 ވަނަ އަހަރުގައެވެ.

comment ކޮމެންޓް