މިދިޔަ އެމްޑީޕީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ ސަބަބުން ދައުލަތަށް ލިބުނު މާލީ ގެއްލުން ބެލުމަށާއި އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޚާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގައި މި ދެ އޮޑިޓު ހެދުމަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲއެވެ.
ހަމަދު ހުށަހެޅުއްވީ، ސަރުކާރުން ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފެއްދި އެސްޑީއެފްސީގެ ޚާއްސަ އޮޑިޓެއް ހެދުމަށެވެ. އެއީ، 2019 ގެ މާޗު މަހުން ފެށިގެން މިދިޔަ ސަރުކާރުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށެވެ.
ދެން ހުށަހެޅުއްވީ، ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތަކުގެ ސަބަބުން ދައުލަތަށް ލިބުނު މާލީ ގެއްލުން ބެލުމަށް އޮޑިޓެއް ހެދުމަށެވެ. އޭގައި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލެއް ދޭން ޖެހޭތޯ ބެލުމަށް އޭނާ ހުށަހެޅުއްވިއެވެ.
ހަމަދު ވިދާޅުވީ، އެއީ އެއްވެސް ހާލެއްގައި ގޯތި ލިބުނު ފަރާތްތަކުގެ އަތުން ގޯތި އަތުލުމުގެ މަގުސަދުގައި ކުރާ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުތަކުން ސިޔާސީ ބޭނުމަށް މިފަދަ ކަންތައްތައް ކުރަމުންދާތީ އެކަމުގެ ސަބަބުން ކުންފުނިތަކަށް މާލީ ގޮތުން ލިބޭ ގެއްލުން ބަލަންޖެހޭ ކަމަށެވެ.
ހަމަދުގެ ދެ ހުށަހެޅުމަށް ވެސް ތާއީދުކުރެއްވީ، ފޮނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހުއެވެ. ދެ ހުށަހެޅުން ފާސްވީ ކޮމިޓީގެ އިއްތިފާގުންނެވެ.
ކޮމިޓީން ނިންމީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ ދެ އޮޑިޓް ހަދަން އޮޑިޓް އޮފީހަށް އެންގުމަށެވެ.
ކުރީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް ހުޅުމާލެއިން 624 ގޯތި ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެތްތައް ދޫކުރުން ލަސްވާތީ، މާލޭގެ ރައްޔިތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މުޒާހަރާ ވެސް ކުރިއެވެ.
ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމައިފައިވެއެވެ. އެ ގޯތިތައް ދޫކުރަން ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅީފަޅު އަދި ގިރާވަރުފަޅުންނެވެ.