ލޯނު ނަގަން މަޖުބޫރުވެ، ދައުލަތުގެ ދަރަނި ބޮޑުވެގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ކޮވިޑް މެނޭޖުކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމަލު ކުރެއްވި ގޮތް މުޅި ދުނިޔެއިން ވެސް ބަލައިގެންފައިވާ ކަމަށެވެ.
ސަލީމް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ހުރިހާ ގައުމަކަށް ވެސް އިގްތިސޯދީ ގޮތުން ގެއްލުންވި ކަމަށާއި އެ ކަމުން އަރައިގަތުމަށް އެހެން ގައުމުތަކުގެ އެހީ ހޯދި ކަމަށެވެ. އެގޮތުން އަވައްޓެރި ޕާކިސްތާނާއި ބަންގްލަދޭޝްގެ މިސާލު އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ހަމައެހެންމެ ރާއްޖެއިން ދަރަނި ހޯދައިގެން އިގްތިސޯދު ހިންގަން ޖެހުނީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ސަލީމް ވިދާޅުވިއެވެ.
"ދަރަނި ހޯދައިގެން މަސައްކަތް ކުރަން ޖެހުނީ ކީއްވެތޯ؟ ސަރުކާރު ބަދަލުވީއިރު ހަޒާނާގައި އާމްދަނީގެ ގޮތުގައި ހުންނަން ޖެހޭ އެތައް ފައިސާއެއް ނެތް، އެކަން އެހެން ދިމާވީ ކީއްވެގެންތޯ؟ އަޅުގަނޑުމެންގެ ފަޅުތަކާއި ރަށްތައް ނުއަގުގައި އޮތީ ވިއްކާފަ،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ވިއްކައިފައި ހުރި ރަށްތަކުގެ ފައިސާ ދައުލަތަށް ލިބިފައިނުވާ ކަން ރިޕޯޓުތަކުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އެގޮތުން މާލިއްޔަތުގައި ހުންނަން ޖެހޭ 61.01 މިލިއަން ޑޮލަރުގައި ނެތް ކަމަށް ސަލީމް ވިދާޅުވިއެވެ.
"އޭގެ ނަތީޖާއަކީ އެ ސަރުކާރުން ވެސް ކަންކަން ކުރަން ޖެހުނީ ލޯނު ނަގައިގެން، ސަރުކާރު ބަދަލުވީއިރު 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑު އޮތީ ގަނެފަ، ދަރަނި އަދާ ކުރީ ކޮން ބައެއްތޯ؟" ސަލީމް ވިދާޅުވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުން ނަގައިފައިވާ ދަރަނިތައް ވެސް ދައްކަން ޖެހުނީ މި ސަރުކާރުން ކަމަށާއި ކޮވިޑް ހާލަތުގައި ވެސް 198 މިލިއަން ޑޮލަރު ދައްކައިފައިވާނެ ކަމަށެވެ.
ސަރުކާރުން ދައްކައިފައިވާ އިތުރު ދަރަނިތަކުގެ ތަފްސީލް ހާމަކުރައްވަމުން ސަލީމް ވިދާޅުވީ ކުރީ ސަރުކާރުން ނެގި ހިޔާ ފްލެޓު ލޯނުގެ އިންޓްރެސްޓުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ މިހާތަނަށް ދައްކައިފައިވާ ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލު އަޅަން ނެގި ލޯނު ވެސް އެޅިފައި އޮތީ މި ސަރުކާރުގެ ބޮލުގައި ކަމަށެވެ.
މީގެ އިތުރުން ސަރުކާރު ނިމުނުއިރު، މަސްވެރިންނަށް ދޭން ޖެހޭ 39.5 މިލިއަން ރުފިޔާއާއި އާސަންދައިން ދައްކަން ޖެހޭ 321.6 މިލިއަން ރުފިޔާ އޮތް އިރު، އެ ދަރަނިތައް ވެސް ދައްކައިފައިވަނީ މި ސަރުކާރުން ކަމަށް ސަލީމް ވިދާޅުވިއެވެ.
"ލޯނު ނަގާ، ބޮޑު އަގުގައި ކަންކަން ކޮށް، ކްރެޑިޓު ލިބިގަންނައިރު، ހުރިހާ ލޯނުތަކެެއްގެ ތަކުލީފު ވާރުތަވީ މި ސަރުކާރަށް. އެހެންވެގެން ސަރުކާރުން ހުށަހެޅި ބަޖެޓުގައި ތިން ބިލިއަން ރުފިޔާ އެ އޮތީ މިފަދަ ދަރަނިތައް ދައްކަން،" ސަލީމް ވިދާޅުވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ މި ސަރުކާރުން ހަރަދުތައް ކުރަމުން އަންނަނީ ކޮރަޕްޝަން ކުޑަކޮށް، ދެފުށް ފެންނަ ގޮތަށް ކަމަށެވެ.