ޖެނުއަރީން ފެށިގެން އަސާސީ ބޭހަށް ގިނަވެގެން ލެވޭނީ 100 ޕަސެންޓް ފައިދާ

އެސްޓީއޯ އިން ހުޅުވާފައިވާ ބޭސްފިހާރައެއްގައި އެ ކުންފުނީގެ މުވައްޒަފުން

އަންނަ ޖެނުއަރީ މަހުން ފެށިގެން އަސާސީ ބޭހަށް ގިނަވެގެން ލެވޭނީ 100 ޕަސެންޓް ފައިދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރިޓެއިލް ޕްރައިޒް (އެމްއާރުޕީ) ކަނޑައަޅަން އަންގައިފައިވާތީ ރާއްޖެ އެތެރެކޮށް ވިއްކާ ހުރިހާ ބޭހަކަށް އެމްއާރުޕީ ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ބޭސް ގަންނަ އަގަށް ގިނަވެގެން ލެވޭނީ 100 ޕަސެންޓް މާކްއަޕެއް ކަމަށް ކަނޑައަޅައި، ރާއްޖެ އިމްޕޯޓުކޮށް ވިއްކާ ހުރިހާ އަސާސީ ބޭހަކަށް، ޖެނުއަރީން ފެށިގެން އެމްއާރުޕީ ތަންފީޒު ކުރަން ހަމައްޖައްސާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެއަށް ފަހު އެ މަސައްކަތުގެ ދެވަނަ ފިޔަވަހި ތަންފީޒު ކުރާނީ އަންނަ އަހަރުގެ މެދުތެރެއިން ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ. އެގޮތުން ދެވަނަ ފިޔަވަހީގައި، ރާއްޖެއަށް އެތެރެކޮށް ވިއްކާ ހުރިހާ ބޭހަކަށް އެމްއާރުޕީ ތަންފީޒު ކުރާނެއެވެ.

އެހެންކަމުން ބޭސް އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކާއި އާއްމުން މިކަމަށް ތައްޔާރު ކުރުމަށް ޓަކައި އަސާސީ ބޭސް ލިސްޓް، އެމްއާރުޕީއާއެކު ޖެނުއަރީގެ ކުރިން ހެލްތު މިނިސްޓްރީން އާއްމު ކުރާނެ ކަމަށް އިއުލާނުގައިވެއެވެ.

ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު އަންނަ އަހަރުގެ ތެރޭގައި ސަރުކާރުން ކަނޑައަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ ފިޔަވަޅެއް އަޅަން ނިންމީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިނގާ އިސްރާފުގެ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާއަށް ކުރާ ހަރަދު ކުޑަ ކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ކަމަށެވެ.

comment ކޮމެންޓް