ކިޑްނީ ގަތުމަށް އާސަންދަ ސްކީމްގެ ދަށުން އެހީ ދެވޭނެ އުސޫލެއް ނެތް: އާސަންދަ

އަންސަރާ އަހަމްދު --

ދެ ކިޑްނީ ފެއިލްވެ، ކިޑްނީ ބަދަލު ކުރަންޖެހިގެން ސޯޝަލް މީޑިއާގައި އެހީއަށް އެދިފައިވާ އަންސަރާ އަހްމަދަށް، ކިޑްނީ ގަތުމަށް އާސަންދަ ސްކީމްގެ ދަށުން އެހީ ދެވޭނެ އުސޫލެއް ނެތް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުނީގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރު، އާޝިޔާ ސޯލިހް "ސަން"އަށް ވިދާޅުވީ ގުނަވަން ގަނެ ވިއްކުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން މަނާކަމެއް ކަމަށާއި އެހެންކަމުން ޑޯނަރެއްގެ އަތުން ކިޑްނީ ގަތުމަށް އާސަންދައިން އެހީވެވެން ނޯންނަ ކަމަށެވެ.

އާޝިޔާ ވިދާޅުވީ އެ ނޫންގޮތަކަށް ޑޯނަރެއް ހަމަޖެއްސުމުން އަންސަރާގެ ކިޑްނީ ޓްރާންސްޕްލާންޓަށް އޭނާއަށާއި ޑޯނަރު އަދި އެހީތެރިޔާއަށް ރާއްޖެއިން ބޭރަށް ދާން ދެކޮޅު ޓިކެޓާއި ޓްރާންސްޕްލާންޓްގެ ހަރަދާއި ޑޯނަރާއި ރެސިޕިއެންޓްގެ ބޭސްފަރުވާގެ ހަރަދު އާސަންދައިން، އޮންނަ އުސޫލުގެ ތެރެއިން ކަވަރުކުރާނެ ކަމަށެވެ.

"އޯގަން ޓްރާންސްޕްލާންޓް ތަކަށް އާސަންދައިން ފޮނުވަނީ ހަމައެކަނި އިންޑިއާއަށް. އިންޑިއާގެ ގާނޫނުގެ ދަށުން އާއިލާ މެމްބަރަކު ނޫން މީހެއްގެ ފަރާތުން ޑޮނޭޓްކުރާ ގުނަވަނެއް ޓްރާންސްޕްލާންޓް ކުރުމަކީ މަނާ ކަމެއްކަމުން، އާއިލާ ނޫން މީހެއް ޑޯނަރެއްގެ ގޮތަށް ހަމަޖައްސައިގެން އިންޑިއާއިން އޮޕަރޭޝަން ކުރެވޭކަށް ނޯވެ،" އާޝިޔާ ވިދާޅުވިއެވެ.

އެހެންނަމަވެސް އާއިލާއިން މެޗިން ޑޯނަރެއް ނުލިބިގެން އާއިލާއިން ބޭރު މީހެއް ހަމަޖެހިއްޖެނަމަ އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުމަކާއެކު އާސަންދައަށް ހުށަހެޅުމުން، އިތުރު ގޮތެއް ހަމަޖައްސައިދިނުމުގެ މަސައްކަތް އާސަންދައިން އަބަދުވެސް ކުރަމުން އަންނަ ކަމަށް އާޝިޔާ ވިދާޅުވިއެވެ.

ނަމަވެސް އަންސަރާގެ ފަރާތުން އެފަދަ ލިޔެކިޔުންތަކެއް މިއަދާ ހަމައަށް އައިއިރުވެސް ހުށަހަޅާފައި ނުވާ ކަމަށް އާޝިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އާޝިޔާ ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ކުރެވޭ އުސޫލުން, އަންސަރާ އަހްމަދަށް ވެސް ދަނީ އާސަންދަ ކަވަރޭޖް ދެމުން ކަމަށެވެ.

އަންސަރާ އަހްމަދު "ސަން"އަށް ބުނީ އޭނާއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ލިބިފައިވާ ޑޯނަރަކީ އާއިލާގެ މީހަކަށް ނުވާތީ، އޭނާގެ ކިޑްނީ ޓްރާންސްޕްލާންޓަށް އާސަންދައިން އެހީ ނުލިބޭ މައްސަލަ ކަމަށެވެ.

"ޑޯނަރަކީ ދުރުމީހަކަށް ވާތީ އޭނާއަށް ނެތް އާސަންދަ ލިބޭކަށް. އެމީހައަށް ދޭންޖެހޭ ފަސްލައްކަ ރުފިޔާ. އަޅުގަނޑުމެން މި ބުނަނީ ޑޯނާއަށް ފަސްލައްކަ ރުފިޔާ ދޭން އެބަޖެހެއޭ. އޭނާއަށް ދޭންޖެހޭ ފައިސާ ދީފަ ކިޑްނީ ގަނެގެން އަނެއްކާ އޭނާގެ އޮޕަރޭޝަންގެ ހަރަދުތައް ވެސް މި ޖެހެނީ އަޅުގަނޑުމެން އަމިއްލައަށް ކުރަން. އެއީ އެންމެ ބޮޑު މައްސަލަ،" އަންސަރާ ބުންޏެވެ.

އަންސަރާ ބުނީ އާސަންދައިން އޭނާއަށް ލިބެނީ ޑައިލެސިސް ހެދުމާއި ޑޮކްޓަރަށް ދެއްކުން ފަދަ އެހީތައް ކަމަށެވެ. އަދި އޭނާގެ ބޭސްފަރުވާގެ ކަންތައްތައް އާސަންދައިން ކަވަރުކުރާ ކަމަށް ބުނެ އެ ކުންފުނިން ޓްވީޓް ކުރުމުގެ ސަބަބުން ހެޔޮއެދޭ ބައެއް ފަރާތްތަކުގެ އަތުން ކުރީން ލިބެމުން އައި ކުދިކުދި އެހީތަކަށް ވެސް ހުއްޓުމެއް އަތުވެއްޖެ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް