އައްޑޫ ސިޓީ ހިތަދޫއަށް މަރުވެފައި އޮތް ބޮޑު މަހެއް ލައްގައިފި

އައައްޑޫ ސިޓީ ހިތަދޫއަށް ލައްގާފައި އޮތް ބޮޑު މަސް ---

އައްޑޫ ސިޓީ ހިތަދޫއަށް މަރުވެފައި އޮތް ބޮޑު މަހެއް ލައްގައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް މެމްބަރު މަރިޔަމް ސައީދާ "ސަން" އަށް ވިދާޅުވީ މިކަމުގެ މައުލޫމާތު ކައުންސިލަށްވެސް ލިބުނީ ފޭސްބުކްގައި ދައުރުވަމުން ދިޔަ ފޮޓޯތަކުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެންނަށްވެސް މައުލޫމާތު ލިބުނީ 10:30 ކަން ހާއިރު. އެއީ ފޭސްބުކްގައި ދައުރުވަމުން ދިޔަ ފޮޓޯތަކުގެ ސަބަބުން. އެހެން ނަމަވެސް މިހާރު އެ ސަރަހައްދަށް ގޮސް ބަލަމުން އަންނަނީ،" މަރިއަމް ސައީދާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ މަސް ލައްގާފައި އޮތީ ހިތަދޫ ސްކޫލާ ދިމާލު ފުއްޓަރު ފަރާތައް ކަމަށެވެ. އަދި މި މަސް ލައްގާފައި އޮންނަތާ ވަރަށް ގިނައިރު ވެފައިވާ ކަމަށް ބެލެވޭ ކަމަށްވެސް މަރިއަމް ސައީދާ ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް ކުނިވަސް ދުވާ. ރަށު ތެރެއާ ހަމައަށްވެސް ކުނި ވަސް އެބަހުރި. ހީވަނީ ވަރަށް ގިނައިރުވެފައި އޮތްހެން. އަނގައިންވެސް ބައިވަރު ނުބައި އެއްޗިސް ނިކުމެފަ ހުރީ،" މަރިއަމް ސައީދާ ވިދާޅުވިއެވެ.

ހިތަދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި އެމްއެންޑީއެފްއާއި ގުޅިގެން މި މަސް އެތަނުން ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މި މަސް ވަޅުލުމުގައި ވެމްކޯގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެމްކޯއިން ބުނެފައިވާ ކަމަށް ހިތަދޫ ކައުންސިލުން މައުލޫމާތު ދެއެވެ.

މިދިޔަ އަހަރު ހއ.ތަކަންދޫއަށް ވެސް ވަނީ މަރުވެފައިވާ ބޮޑު މަހެއް ލައްގާފައެވެ. ރާއްޖޭގެ ސަރަހައްދުން މަދުން ނަމަވެސް ބޮޑުމަސް ފެންނައިރު، ބޮޑުމަސް މަރުވެގެން ރަށްރަށުގެ ގޮނޑުދޮށަށް ލައްގައެވެ. ނޫނީ މަރުވެގެން ކަނޑުން މައްޗަށް އަރާފައި ހުއްޓާ ވެސް ފެނެއެވެ.

comment ކޮމެންޓް