މި ސަރުކާރު އައިފަހުން މިނިވަންކަމަށް ބުރޫ އަރާ ކަންކަމަށް ވަނީ ޖާގަ ހުޅުވައިލާފައި: އަދުރޭ

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި އިދިކޮޅުން ކުރިއަށްގެންދާ ގައުމީ ހަރަކާތުގެ ތެރެއިން ބޭއްވި ސުލްހަވެރި ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިއަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މިނިވަންކަމަށް ބުރޫއަރާ ކަންކަމަށް ފާޅުގައިވަނީ ޖާގަ ހުޅުވައިފައިކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި އިދިކޮޅުން ކުރިއަށްގެންދާ ގައުމީ ހަރަކާތުގެ ތެރެއިން މިއަދު ބޭއްވި ސުލްހަވެރި ހަރަކާތުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މިނިވަންކަމަށް ބުރޫ އަރާ ކަންކަން ކުރުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރަނީ ސަރުކާރުންކަމަށެވެ.

"އޭގެ ތެރޭގައި އުތުރު ތިލަފަޅުގެ އެއްބަަސްވުން އަޅުގަނޑުމެން ފާހަގަކުރަން. ހަމައެއާއެކީގައި ހަނިމާދޫއާއި ކައްދޫއާއި އައްޑޫއާއި އަދި މި ނޫން ތަންތަނުގައި ސިފައިން ބައިތިއްބައިގެން ހިންގަމުންދާ އަމަލަކީ ނުވަތަ ހަރަކާތްތަކަކީ އެއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ ހަރަކާތްތަކެއްކަން ދިވެހި ރައްޔިތުން މިއަދު ވަރަށް ރަނަގަޅަށް ދަނޭ،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިނިވަންކަމަށް ހުރަސް އެޅޭފަދަ އެއްބަސްވުންތައް ސިއްްރުކުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އަދި އެއްބަސްވުންތައް ސިއްރުކުރަނީ އަމިއްލަ ބޭނުންތަކެއް ހާސިލްކުރުމަށް މިނިވަންކަން ބޭނުންކުރާތީކަަމަށް ވިދާޅުވިއެވެ.

އިތުރަށް ވާހަަކަދައްކަވަމުން އޭނާވަނީ އިދިކޮޅުން ހިންގާ ހަރަކާތްތައް ނުހުއްޓުވޭނެކަމަށް ވިދާޅުވެފައެވެ. އަދި އެއް ދުވަހުން އަނެއް ދުވަހަށް އިދިކޮޅުގެ ހަރަކާތްތައް ވަރުގަދަކޮށް ބޮޑުކުރުމުގެ މަސައްކަތް ކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

"ރައްޔިތުން މި ކަން ނިންމާނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ބާރު ހޯދާފައި އެ ބާރުގެ ބޭނުންކޮށްގެން މިނިވަންކަން ދިފާއުކޮށްފައި، މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކޮށްފައި، ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދޭ ހިމާޔަތާއި ރައްކާތެރިކަން ކަަށަަވަރުކޮށްދީފައި،" އަދުރޭ ވިދާޅުވިއެވެ.

މި ހިނގާލުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވެސް ވަނީ ވާހަކަދައްކަވައިފައެވެ. އެގޮތުން އޭނާ ވިދާޅުވީ މިއަދު ސަރުކާރަށް އަޑު އިއްވަން ބޭނުންވަނީ މިނިވަންކަމުގެ ދިފާއުގައި ރައްޔިތުން އުފުލާ އަޑުކަމަށެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި އިދިކޮޅުން ކުރިއަށްގެންދާ ގައުމީ ހަރަކާތުގެ ތެރެއިން ބޭއްވި ސުލްހަވެރި ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ދިވެހި ރައްޔިތުން ބޭރު އެއްވެސް ގައުމެއްގެ އަސްކަރީ ބަޔަކު ރާއްޖޭގެ ފަސްގަނޑުގައި ތިބޭކަށް ބޭނުމެއް ނުވޭ. ދިވެހީންގެ ގޮވާލުމަކީ ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރާނީ ދިވެހިން އަމިއްލައަށޭ،" ގައްސާން ވިދާޅުވިއެވެ.

ހަމައެއާއެކު ޕީޕީއެމްގެ ނައިބު ރައީސްކަން ކުރައްވާ، މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވެސް ވަނީ ވާހަކަދައްކަވައިފައެެވެ

އެގޮތުން އޭނާވަނީ ރައީސް ޔާމީނަށް ޖަލުގައި ދެމުން އަންނަނީ ނުހައްގު އަނިޔާތަކެއްކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރުމަށް މަސައްކަތްކުރި މައިގަނޑު ބޭނުމަކީ މިނިވަންކަމުގެ ދިފާއުގައި ރައީސް ޔާމީން މަސައްކަތްކުރެއްވުންކަމަށް އޭނާ ވިދާޅުވިއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ނަމުގައި އިދިކޮޅުން ކުރިއަށްގެންދާ ގައުމީ ހަރަކާތުގެ ތެރެއިން ބޭއްވި ސުލްހަވެރި ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި ހިނގާލުމުގައި އިދިކޮޅުގެ ބައިވެރިންވަނީ ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ވެސް ތަކުރާރުކޮށް ގޮވައިލަައިފައެވެެ. މިއަދު ހަވީރު އޮތް މި ހިނގާލުމުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ. ހަމައެއާއެކު އެ ކޯލިޝަނުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.

ހިނގާލުމުގެ ތެރެއިން ބައިވެރިންވަނީ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާގެ ނުފޫޒު އޮތުމާ ދެކޮޅަށް އަޑުއުފުލައިފައެވެ. އަދި މިނިވަންކަމަށް ހުރަސް އެޅޭފަދަ ކަންކަން ކުރުމާ ދެކޮޅަށް ވެސް އަޑުއުފުލައިފައެވެ.

comment ކޮމެންޓް