ހިޔާ ކުދިންނަށް އަނިޔާކުރި ކަމަށް ބުނާ ފުލުހުންނަށް ދައުވާ ކުރާތީ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފި

ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު-- ފޮޓޯ/މަޖިލިސް

ކުޑަކުދިންގެ ހިޔާގެ 12 އަހަރުން މަތީގެ ކުދިންތަކަކަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި، ރޭންކު ދަށް 13 ފުލުހަކަށް ދައުވާ ކުރާތީ ފުލުހުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި މައްސަލައިގައި 13 ފުލުހުންގެ މައްޗަށް އުފުލީ އެންޓި ޓޯޗާ ގާނޫނުގެ 21 ވަނަ މާއްދާއާއި 26 ވަނަ މާއްދާގެ (ހ) އާއި 15 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ކ)ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ.

އެއީ އެ ދަތުރުގައި ބައިވެރިވި ކުދިން ކޮންޓްރޯލްކުރުމުގެ ގޮތުން ބިޑި އަޅުވައިފައިވުމާއި، ބާރަށް ހަޅޭއްލަވާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، ރަހުމުކުޑަ ލާއިންސާނީ އަމަލެއް ހިންގުމުގެ އަމަލު ހިންގުމުގެ ކުށެވެ.

މި ދައުވާ ސާބިތުވެއްޖެ ނަމަ، އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަތެއްގެ ޖަލު ހުކުމެކެވެ.

ފުލުހުން މި ކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 12 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން 2017 ވަނަ އަހަރު ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން ކ. ތުލުސްދޫގައި ހިންގި ކޭމްޕަކަށް، އެކުދިން ގޮވައިގެން އެ ރަށަށް ދަތުރު ކުރި ފެރީގަ އާއި ކޭމްޕުގައި ފުލުހުންގެ ފަރާތުން އެކުދިންނަށް އަނިޔާވިކަމަށް ތުހުމަތުކުރެވޭ މައްސަލަ އެޗްއާރްސީއެމުން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި އެޗްއާރްސީއެމްގެ ތަހުގީގުން ހޯދިފައިވާ ކަންކަން ފުލުހުންނާ ހިއްސާ ކޮށްދިނުމަށް ވެސް އެދިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި ކޭމްޕްގައި ކުޑަކުދިންގެ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ފުލުހުންނަށް ހުށަހަޅައިފައިނުވާ ކަމަށެވެ.

އަދި މި އެކޭމްޕަކީ އެ ކުދިންނަށް ބޭނުންތެރި، ކޭމްޕްގެ ފައިދާ މިހާރު ވެސް އެކުދިންނަށް ކުރަމުންދާ ކޭމްޕެއްކަން ވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް ދަތުރުގެ ތެރެއިން ނުކިޔަމަންތެރިކަން ދެއްކި ބައެއް ކުދިންގެ އަތުގައި ބިޑި އަޅުވައިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

"އެ ދަތުރުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެކުދިން ކޮންޓްރޯލްކުރުމަށާއި އެ ކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަމަލުކޮށްފައިވަނީ ފުލުހުންގެ ގާނޫނާއި ގަވައިދުތަކުގެ ތެރެއިންކަން، މިހާތަނަށް މި ހިދުމަތަށް ލިބިފައިވާ މައުލޫމާތުން ގަބޫލު ކުރެވެއެވެ." ފުލުހުން ބުނެއެވެ.

ފުލުހުން މިކަމުގައި އަމަލުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށްް ދެކޭ ކަން ފާހަގަކޮށް ފުލުހުން ވަނީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން ފުލުހުންނަށް ދައުވާކުރަން ނިންމައިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މައްސަލައިގައި ދައުވާ ކުރި 13 ފުލުހުންގެ ތެރޭގައި ތިން އަންހެން ފުލުހަކު ވެސް ހިމެނެއެވެ.

ދައުވާ ކުރި ފުލުހުންނަކީ؛

  1. ފާތިމަތު ޝިރުފާ (ސާވިސް ނަންބަރު 5156)
  2. އަފްސާނާ އަބްދުލްވައްހާބު (ސާވިސް ނަންބަރު 3714)
  3. އައިޝަތު އަމްސޫދާ (ސާވިސް ނަންބަރު 3369)
  4. އާދިލް އަލީ (ސާވިސް ނަންބަރު 2763)
  5. އިކުލީލު ޖަވާދު (ސާވިސް ނަންބަރު 4141)
  6. ޝަނާޒު އަހްމަދު (ސާވިސް ނަންބަރު 1864)
  7. ހަސަން ނާފިއު (ސާވިސް ނަންބަރު 4442)
  8. އާދަމް ނަސީމް (ސާވިސް ނަންބަރު 2083)
  9. ސާމް އުމަރު (ސާވިސް ނަންބަރު 2590)
  10. އަހްމަދު މަމްނޫން އަލީ (ސާވިސް ނަންބަރު 3594)
  11. އިސްމާއިލް ރަފީއު (ސާވިސް ނަންބަރު 1676)
  12. ހަސަން ރިލްވާން (ސާވިސް ނަންބަރު 1908)
  13. އަބްދުލްބާރީ އަހްމަދު (ސާވިސް ނަންބަރު 3600)

މި މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވި މީހުންގެ ތެރޭގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު އާއި ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވެސް ހިމެނެއެވެ.

އެހެންނަމަވެސް ޕީޖީން ވަނީ މި ދެ ބޭފުޅުންނާއި އިތުރު ތިން ފުލުހެއްގެ މައްޗަށް އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ދައުވާ ނުކުރަން ނިންމައިފައެވެ.

comment ކޮމެންޓް