ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާއަށް ދައުވާ ނުކުރަން ނިންމައިފި

އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ދައްކުވައިދޭ "އާޓް އޮފް މައިންޑް 2018" މައުރަޒު އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޒެނީޝާ ވާހަކަދައްކަވަނީ-- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއާ ގުޅިގެން އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފިއެވެ.

އެޗްއާރުސީއެމުން މީގެ ކުރިން ބުނީ ކުޑަކުދިންގެ ހިޔާއާ ގުޅުންހުރި މައްސަލަތަކެއް ތަހުގީގުކޮށް، ބަޔަކަށް ދައުވާކޮށްދިނުމަށް އެދި އެ ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވާފަައިވާ ކަމަށެވެ.

އެ މައްސަލައިގައި ޒެނީޝާ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ވެސް ހިމެނެއެވެ. އެކަށީގެންވާ ހެކި ލިބިފައި ނުވާތީ ބަޝީރާއި އިތުރު ދެ ފުލުހަކަށް ވެސް ވަނީ ދައުވާ ނުކުރަން ނިންމައިފައެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލައިގައި ޒެނީޝާގެ މައްޗަށް މައްސަލަ ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނުވާތީ ދައުވާ ނުކުރަން ނިންމައިފައިވާ ކަމަށެވެ.

ޒެނީޝާގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޒެނީޝާގެ ދިފާއުގައި ނިކުންނަވާފައެވެ.

ޒެނީޝާއަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެންނަ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ދައުވާ ކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން ޒެނީޝާ މީގެ ކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ މައްސަލައަކީ އެޗްއާރްސީއެމްއިން ޒާތީ ތައައްސުބުން އުފަން ކޮށްފައިވާ މައްސަލައެއް ކަމަށާއި ޖިނާއީ ކުށުގެ އެއްވެސް އަމަލެއް އަދި އެފަދަ އަމަލެއް ހިންގުމުގައި ބައިވެރިފައިވެސް ނުވާނެ ކަމަށެވެ.

މި މައްސަލައިގައި ޕީޖީން ވަނީ 13 ފުލުހެއްގެ މައްޗަށް ދައުވާ އުފުލައިފައެވެ. އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ކަށަވަރު ވެފައިވާ ގޮތުގައި އެ 13 ފުލުހުންގެ މައްޗަށް އުފުލާފައިވަނީ ރަހުމު ކުޑަ، ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ދައުވާ ކުރި 13 ފުލުހުންގެ ތެރޭގައި ތިން އަންހެން ފުލުހަކު ވެސް ހިމެނެއެވެ.

ދައުވާ ކުރި ފުލުހުންނަކީ؛

ފާތިމަތު ޝިރުފާ (ސާވިސް ނަންބަރު 5156)
އަފްސާނާ އަބްދުލްވައްހާބު (ސާވިސް ނަންބަރު 3714)
އައިޝަތު އަމްސޫދާ (ސާވިސް ނަންބަރު 3369)
އާދިލް އަލީ (ސާވިސް ނަންބަރު 2763)
އިކުލީލު ޖަވާދު (ސާވިސް ނަންބަރު 4141)
ޝަނާޒު އަހްމަދު (ސާވިސް ނަންބަރު 1864)
ހަސަން ނާފިއު (ސާވިސް ނަންބަރު 4442)
އާދަމް ނަސީމް (ސާވިސް ނަންބަރު 2083)
ސާމް އުމަރު (ސާވިސް ނަންބަރު 2590)
އަހްމަދު މަމްނޫން އަލީ (ސާވިސް ނަންބަރު 3594)
އިސްމާއިލް ރަފީއު (ސާވިސް ނަންބަރު 1676)
ހަސަން ރިލްވާން (ސާވިސް ނަންބަރު 1908)
އަބްދުލްބާރީ އަހްމަދު (ސާވިސް ނަންބަރު 3600)
އެ މައްސަލަ ހުށަހެޅީ ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ.

މި މައްސަލައަކީ 2017 ވަނަ އަހަރުގެ އޭޕްރީލް 20 އިން 22 އަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެގެން ކުޑަކުދިންގެ ހިޔާގެ 12 އަހަރުން މަތީގެ ކުދިންތަކަކަށް ކ. ތުލުސްދޫގައި ހިންގި ކޭމްޕެއްގައި ފުލުހުން ކުދިންތަކަކަށް އެކި ކަހަލަ އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އެ މައްސަލައިގައި އެ ކޭމްޕަށް އެ ކުދިން ގޮވައިގެން އެ ކޭމްޕަށް ދަތުރުކުރި ފެރީތަކުގައި، ކުދިން ކޮންޓްރޯލު ކުރުމަށް އެ ކުދިންގެ އަތުގައި ބިޑި އަޅުވައި، ހަޑި ހުތުރު ބަހުން އެކުދިންނާ ދިމާއަށް ހަޅޭއްލަވައި، އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވެއެވެ.

comment ކޮމެންޓް