މޭކަޕް ނުފިލުވާ ނިދާނަމަ މިހެން ވެދާނެ!

ރައްޓެހިންނާއެކު ޕާޓިތަކަށާއި ހިނގާލަން ނުކުމެ ގެއަށް އައިސް ވަނުމާއެކު ވެފައި ހުންނަ ވަރުބައްޔާއެކު ވެއްޓިގަނެވެނީ ތިމާއަށްޓަކައި އިންތިޒާރުކުރަމުންދާ އެނދު މައްޗަށެވެ. ކުޑަ ހިނދުކޮޅެއްގައި ލޮލަށް ބަރުވެ، ނިދީގެ މީރުކަމަށް މީހާ ލަންބުވައި ނިންދަވާލައެވެ. ޕާޓީއަށް ދިޔުމުގެ ކުރިން މޫނާއި ކަރުދަށުގައި އުނގުޅި މޭކަޕްގެ ޒައްރެއްގެ މިންވަރުވެސް ފިލުވައިލުމެއް ނެތިއެވެ. ހޭލެވޭނީ ފޫކޮޅަށް އަރާ އަވީގެ ހޫނުކަމުގެ އިހުސާސުންނެވެ. ވިސްނާލަންވީ ކަމަކީ މޭކަޕް ފިލުވައިނުލާ ނިދަން ފަސޭހަވީ ނަމަވެސް އޭގެ ސަބަބުން ލިބިދާނެ ގެއްލުމަށެވެ.

މެކަޕް ފިލުވާނުލާ ނިދުމާ ބެހޭގޮތުން، ނިއު ޔޯކުގައި މަސައްކަތްކުރަމުންދާ ހަމުގެ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރު, ޑރ. ސޫ އަން ވީ ވިދާޅުވާ ގޮތުގައި މޭކަޕްކޮށްފައި ހުންނަ ވަގުތު އޭގެ ބާރުން ޖައްވުގައި އެކުލެވޭ ގިނަ ޖަރާސީމުތަކާއި ކިލާ މޫނުގެ ހަންގަނޑުގެ ތެރެއަށް ވަދެގެންދެއެވެ. މިކަމުގެސަބަބުން ގިނަ އަދަދެއްގެ ސެލްތައް މަރުވެ, ހަންގަނޑުގެ ތާޒާކަން ގެއްލޭ ކަމަށް ޑރ. ވީ ވިދާޅުވެފައިވެއެވެ.

މޭކަޕަކީ ހަންގަނޑުގެ ތެރެއަށް ވަންނަ އެއްޗެއް ކަމަށާއި ބައެއް ޒާތުގެ ކެމިކަލްތަކުގެ ސަބަބުން ހަންގަނޑުގައި ކުދިކުދި ވިދުތައް އުފެދި, ބިހިތައް ނަގައި, ވައިޓްހެޑްސްއާއި ބްލެކްހެޑްސް އުފެދުމަށް މިކަމުގެ ސަބަބުން މަގުފަހިވާކަމަށް ޑރ. ވީ ވިދާޅުވެފައިވެއެވެ.

މާ ގިނައިރު މޭކަޕާއެކު ނިދާނަމަ ހަންގަނޑުގެ ގުދުރަތީ ރީތިކަން ގެއްލި, ހަންގަނޑު ހިކޭކަމަށް ދިރާސާތަކުން ދައްކައެވެ. ހަމަ އެހެންމެ, ލޮލުގައި މޭކަޕްކޮށް މަސްކަރާ ނުވަތަ އައިލައިނާ އަޅާފައިވާނަމަ އޭގައި އެކުލެވޭ ކެމިކަލްތަކުގެ ސަބަބުން އެލާޖިކްވެ، ލޯ ފުސްވުމާއި ހިރުވުމުގެ މައްސަލަވެސް ދިމާވެއެވެ.

އެހެންކަމުން މޭކަޕް ނުފިލުވާ ނިދުމުގެ އާދަ ދޫކޮށްލަން އެބަޖެހެއެވެ. ނޫންނަމަ ހަންގަނޑުގެ ރީތިކަން ގެއްލި ތާޒާކަން ގެއްލިދާނެއެވެ. ނިދުމުގެ ކުރިން މޫނުގައިވާ ހުރިހާ މޭކަޕެއް ފިލުވައިލުމަށް ރަނގަޅަށް މޫނުދޮވެ، ނުވަތަ މޭކަޕް ރިމޫވާ ބޭނުންކުރުން މުހިއްމެވެ. ޑރ. ވީ ވިދާޅުވާ ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ނިދުމުގެ ކުރިން ރަނގަޅަށް މޫނު ދޮވެ، މޫނުގައި އެއްވެސް އެއްޗެއް ނުއުނގުޅުމެވެ.

comment ކޮމެންޓް