ސަމާލުވޭ! ކްރިސްޓިއަން ދީން ރާއްޖޭގައި ފަތުރަން ބޮޑު ޕްރޮޖެކްޓެއް

ކޮވިޑް19 ގެ ސަބަބުން މިސްކިތެއް ބަންދު ކޮށްފައި — ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓީވީއެމްއިން ރޯދަ މަހު ދައްކާ މުހައްމަދު ރަސޫލުالله ޕްރޮގްރާމް އެކޭ އެއްގޮތެވެ. ވީޑިއޯއިން ދައްކައިދެނީ ރަސޫލު ޒަމާނެވެ. އެއަށް ހުންނަނީ ދިވެހި ބަހުން އަޑުއަޅައިފައެވެ. ދިވެހި އަންހެނެއްގެ އަޑެވެ. ނަމަވެސް ވާހަކަ ދައްކަނީ ﷲއަށް ޝިރުކު ކުރަމުންނެވެ. އީސާގެފާނަކީ ﷲގެ ދަރިކަލެއް ކަމަށާއި ކަނލާންގެއެއް ކަމަށް އެ ވީޑިއޯތަކުގައި ބުނެއެވެ. މިއީ ކްރިސްޓިއަން ދީން ރާއްޖޭގައި ފަތުރަށް ހިންގާ ޕްރޮޖެކްޓެއްގެ ތެރެއިން ވަރަށް ފާޅުގައި ކުރަމުން އަންނަ މަސައްކަތްތަކެއްގެ އެއްބައެވެ.

މި ހަރަކާތް މިހާ ފުޅާކޮށް ހިންގަން ފަށައިފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ބޮޑަށް ހިންގަނީ ސޯޝަލް މީޑިއާ ނެޓްވޯކް ތަކުގައެވެ. ފޭސްބުކާއި ޔޫޓިއުބުގެ އިތުރުން ޑެއިލީމޯޝަންގައި ޗެނަލްތައް ހިންގައެވެ. އޭގައި ހުންނަނީ ދިވެހިން އަޑު އަޅާފައި ހުންނަ ވީޑިއޯތަކެކެވެ. އޭގެ އިތުރުން އައިއޯއެސްއާއި އެންޑްރޮއިޑް އެޕްލިކޭޝަންވެސް ވަނީ ހަދައިފައެވެ. އީސާގެފާނުގެ ވާހަކަތައް ކަމަށް ބުނެ ދައްކަނީ މުޅިންހެން ޝިރުކުގެ ވާހަކަތަކެކެވެ. މަސައްކަތް ކޮށްފައި ހުންނަނީ ކްރިސްޓިއަން ދީން ފެތުރުމަށެވެ.

ފޭސްބުކުގައި ހިންގާ ޕޭޖަށް 4،000 އަށް ވުރެން ގިނަ މީހުން ފޮލޯ ކުރެއެވެ. އަދި ބައެއް ވީޑިއޯތައް 40،000 އަށް ވުރެން ގިނަ މީހުން ބަލާފައި އެބަހުއްޓެވެ. ބައެއް މީހުން އެ ވީޑިއޯތަކަށް ޝެއާކޮށް ލައިކް ކޮށްފައިވެސް ހުރެއެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ކައިރިކައިރީގައި ވީޑިއޯތައް ދަނީ އަޕްލޯޑް ކުރަމުންނެވެ.

ކްރިސްޓިއަން ދީން ފަތުރަށް ދައުރު ކުރާ ވީޑިއޯގެ ސްކްރީން ޝޮޓެއް--

އެ ޗެނަލުން ޔޫޓިއުބުގައި ހިންގާ ޗެނަލް 177 މީހުން ފޮލޯކުރާއިރު އެ ޗެނަލްގައި 92 ވީޑިއޯ އަޕްލޯޑް ކޮށްފައި ވެ އެވެ. އެއީ މުޅިންހެން ޝިރުކުގެ ވާހަކަތައް ހިމެނޭ ކުރު ވީޑިއޯތަކެކެވެ. އެހެން ސޯޝަލް ނެޓްވޯކް ތަކުގައި ވެސް ބޭނުން ކުރަނީ ހަމަ އެ ވީޑިއޯތަކެވެ.

ކުޑަކުދިންނާއި ޒުވާނުންނަށް ޓާގެޓް ކޮށްފައި

ޝިރުކުގެ ވާހަކަތައް ހިމެނޭ ބައެއް ވީޑިއޯތައް ގިނަ ބަޔަކަށް ދެއްކުމަށް ސޯޝަލް މީޑިއާގެ އެކި އެޕްލިކޭޝަންތަކުގައި ހުންނަނީ ބޫސްޓްކޮށްފައެވެ. އެހެން ކުރާއިރު ވެސް ޒުވާނުންނާއި ކުޑަކުދިންނަށް ޓާގެޓް ކުރެ އެވެ.

ސޯޝަލް މީޑިއާ ނެޓްވޯކްތަކުގައި ބޫސްޓްކުރާއިރު ވަކިވަކި ޓާގެޓް އޯޑިއެންސްތަކަށް ހާއްސަ ކުރެވެއެވެ. އެގޮތުން އުމުރާއި ޖިންސާއި އުޅޭ ސަރަހައްދަށް ހާއްސަކޮށްގެން ވެސް ބޫސްޓް ކުރެވެއެވެ. މި ޝިރުކުގެ ވީޑިއޯތައް ބޮޑަށް އަމާޒު ކޮށްފައި ހުންނަނީ ކުޑަކުދިންނާއި ޒުވާނުންނަށެވެ. އަދި އެއީ އިސްލާމް ދީނާ ގުޅުން ހުރި އެއްޗެއް ކަމަށް ހީކޮށް ބައެއް މީހުން އެފަދަ ވީޑިއޯތައް ޝެއާކޮށް ހަދަ އެވެ.

" ކޮއްކޮ ޑެއިލީ މޯޝަންއިން ގޭމް ކުޅޭ ވީޑިއޯއެއް ބަލަން އޮށްވައި ސްޕޮންސާޑް އެޑަކަށް އަންނަނީ މީތި. ފުރަތަމަ ހީކުރީ {އިސްލާމް} ދީނީ އެއްޗެއްކަމަށް. އެކަމަކު ބަލާލީމަ އެނގުނީ ކުފުރު ވާހަކަތައްކަން ދައްކަނީ،" ބެލެނިވެރިއަކު ސަން އަށް ބުންޏެވެ.

އެހެން ބެލެނިވެރިއަކު ބުނިގޮތުގައި އޭނާއަށް އެ އެޕްލިކޭޝަން ފެނުނީ ދަރިން ގޭމް ކުޅުމުގެ ތެރެއިން ސްޕޮންސާޑް އެޑެއް މާގިނައިން އަންނާތީ އެވެ.

"އީސާގެފާނު ވާހަކަ ކަމަށް ބުނެ އެ އެޕްލިކޭޝަން ޑައުންލޯޑް ކުރަން މާގިނައިން އެޑް އަންނާތީ ބަލާލީ. ބެލީމަ މި އެނގުނީ މިއީ ގޯސްއެއްޗެއްކަން،" އޭނާ ބުންޏެވެ.

ކްރިސްޓިއަން ދީން ފަތުރަށް ދައުރު ކުރާ ވީޑިއޯގެ ސްކްރީން ޝޮޓެއް--

ސަމާލުކަމަށް އަޔަސް ނުހުއްޓުވޭ

މީގެ ތިން މަސް ކުރިން މިކަން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ ސަމާލު ކަމަށް ގެނައުމުން ވިދާޅުވީ އެކަން ބައްލަވާނެ ކަމަށެވެ. ފަހުން އެކަން ގޮސްފައިވާ ހިސާބެއް އެހުމުން މިނިސްޓަރު ޖަވާބެއް ނުދެއްވައެވެ.

މި މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން ދަނީ އަޅަމުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ބައެއް ޝެއިހުން ވެސް ވަނީ ކްރިސްޓިއަން ދީން ފަތުރަށް އެ ޗެނަލްތައް ސޯޝަލް މީޑިއާގައި ހިންގާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށް ބުނެފަ އެވެ. އަދި އެފަދަ ޕޯސްޓްތަކާއި ވީޑިއޯތައް ޝެއާ ކުރުމުގެ ބަދަލުގައި ރިޕޯޓް ކުރުމަށް އިލްތިމާސް ކުރައްވައެވެ.

މީގެ ކުރިން ވެސް އެތައް ޕްރޮޖެކްޓެއް ހިންގި

"ކްރިސްޓިއަން ދީނާއި ދިވެހީން"ގެ ނަމުގައި އަބްދުއްރަޝީދު ހުސައިން ކޮށްފައިވާ ދިރާސާގައި ބުނާ ގޮތުގައި އިނގިރޭސީންގެ މާސްޓާ ޕްލޭންގެ ދަށުން ކްރިސްޓިއަން ދީނުގެ ވެރިން ބޭނުންވި މައުލޫމާތު ފުރަތަމަ ފަހަރަށް އެއްކުރި ކަމަށް ވަނީ 1834 އިން 1836 އަށް ރާއްޖެ އެއްކޮޅުން އަނެއްކޮޅަށް މިނައި، ރާއްޖޭގެ ޗާޓު ކުރަހަން އުޅުނު އިނގިރޭސީންކުރެ ބައެއް މީހުންނެވެ.

ތާރީހީ ލިޔުންތައް ބުނާގޮތުން އެޒަމާނުގައި ވެސް އިނގިރޭސީން ވަނީ ދިވެހި ބަހުން ބައިބުލް ތަރުޖަމާކުރަން މަސައްކަތްކޮށްފަ އެވެ. އެކަން ހުށައެޅުއްވީ އަންނަބީލް އަލްމަހުރޫމް އަބްދުލް ހަމީދީ ދީދީއަށެވެ. ނަމަވެސް އެމަނިކުފާނު އެކަން ނުކުރެއްވި އެވެ. އިނގިރޭސީން ހުށައެޅީ ރާއްޖޭގައި ފައްޅި ހުންނަން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ދީނީ މިނިވަންކަން ނުވަތަ އިންސާނީ ހައްގުތައް ނެތް ގައުމެއްގެ ގޮތުގައި ރާއްޖެ އޭރު ވެސް ސިފަކުރި ކަމަށް އަބްދުއްރަޝީދު ވިދާޅުވެފައިވެ އެވެ.

https://sun.mv/90156

ކްރިސްޓިއަން ދީނާއި ދިވެހިން ނަމުގައި ލިޔެފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުގައި 1966 ހިސާބުން ފެށިގެން 1978 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ކްރިސްޓިއަން ދީނުގެ ޕްރޮގުރާމްތައް ދިވެހި ރާއްޖޭގެ އަޑުން (އޭރުގެ ނަމުން ނަމަ އެމްއައިބީއެސް) އިންވެސް ފޮނުވަމުން ދިޔަ ކަމަށެވެ. އެ ޕްރޮގުރާމްގެ ނަމަކީ "ވާލްޑް ޓުމޯރޯ" އެވެ. އަދި 1974 ވަނަ އަހަރު ހިސާބުގައި ބައިބުލް ބެހުމާއި ކްރިސްޓިއަން ދީނަށް ގޮވާލާ އެކިއެކި ލިޔުން ރާއްޖެ ފޮނުވި އެވެ.

"މިއީ އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ވަރަށް ފުރިހަމަކޮށް ރޭވިގެން ހިންގޭ ޕްރޮޖެކްޓެއް، މިމީހުން މިކަން ކުރަނީ ހަނގުރާމައަކަށް ވެސް ބަޔަކު ތައްޔާރުވާނެހާ ފުރިހަމައަށް ތައްޔާރުވެގެން،" އަބްދުއްރަޝީދު ވިދާޅުވެފައިވެ އެވެ.

ސައްތައިން ސައްތަ އިސްލާމީ މި ގައުމުގައި އެހެން ދީންތައް ފެތުރުމަށް އަބަދުހެން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ވެސް މި ހިންގަނީ އެފަދަ ޕްރޮޖެކްޓެކެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ކުޑަކުދިންނާއި ޒުވާނުންނަށް ޓާގެޓް ކޮށްފައިވާއިރު އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ.

comment ކޮމެންޓް