ނަސާރާ ދީން ފަތުރަން ޖަހާ "މަޅި"އަށް ސަމާލުވޭ!

ޖޫން 10، 2016: ރޯދަ މަހުގެ ފުރަތަމަ ހުކުރު ނަމާދަށް އިސްލާމީ މަރުކަޒަަށް މީހުން ޖަމާވެފައި. އިސްލާމީ މަރުކަޒުގެ ބޭރުގެ 4200 އަކަ މީޓަރުގެ ސަރަހައްދެއްގައި މާބުލް ޖަހާފައި ވަނީ 16 ދުވަހުން. އިސްލާމީ މަރުކަޒުގެ ހަރިންމަ ބޮޑުކޮށް ނަމާދު ކުރެވޭ ޖަގާ ބޮޑުކުރުމުން އެއްފަހަރާ 20،000 މީހުންނަށް ނަމާދު ކުރެވޭނެ-- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އިސްލާމްވިތާ 867 އަކަށް ވުރެ ގިނަ އަހަރު ވެފައިވާއިރު ތާރީހީ ލިޔުންތައް ބުނާ ގޮތުން ފުރަތަމަ 400 ވަރަކަށް އަހަރު ވެގޮސްފައި ވަނީ ރާއްޖޭގެ މައްޗަށް މާބޮޑަށް އެހެން ދީންތަކުގެ ނުފޫޒެއްނެތި އެވެ. އަބްދުލްރަޝީދު ހުސައިންގެ ލިޔުންތައް ބުނާ ގޮތުން ރާއްޖެ އަށް ކްރިސްޓިއަން ދީން ފުރަތަމަ ގެނައީ ވެސް އަދި އެ ދީން ފަތުރަން ވެސް މަސައްކަތްކުރީ މީލާދީން 1502 ވަނަ އަހަރުގައި ރާއްޖެ ފެނިގެން އުޅުނު ޕޯޗުގީޒުންނެވެ. އެއީ ދިވެހިންގެ ސިޔާސީ އަދި އިޖުތިމާއީ ހަމަޖެހުން ބިނާވެފައި ވަނީ އިސްލާމްދީނުގެ މައްޗަށް ކަމަށް ވާތީ އެކަން ނެތިކޮށްލެވޭނީ ދިވެހިން ދީނުން ބޭރުކޮށްގެން ކަމުގައިވާތީ އެވެ.

ފުރަތަމަ ކްރިސްޓިއަނަކަށްވި ދިވެހިންގެ ވާހަކަ

ރާއްޖޭގެ ތާރީހުން އެނގެން އޮތް ގޮތުގައި އަމިއްލަ އިހުތިޔާރުގައި ކްރިސްޓިއަންދީން ގަބޫލްކުރި ފުރަތަމަ ދިވެއްސަކީ ނުވަ ވަނަ ހަސަން ރަސްގެފާނެ އެވެ. އެއީ 1552 ވަނަ އަހަރު ޖެނުއަރީ މަގު 14 ވަނަ ދުވަހު އެވެ. އެއަށް ފަހު އޭނާގެ އާއިލާ ބައެއް މީހުންނާ އެކުގައި ދިޔަ މަދު މީހުންނެވެ. ނުވަ ވަނަ ހަސަން ރަސްގެފާނު ބޭނުންވީ ޕޯޗުގީޒުން މެދުވެރިކޮށް ރާއްޖޭގެ ވެރިކަން އަތުލުމެވެ. "ކްރިސްޓިއަން ދީނާއި ދިވެހީން"ގެ ނަމުގައި އަބްދުއްރަޝީދު ކޮށްފައިވާ ދިރާސާގައި ބުނާ ގޮތުގައި ޕޯޗްގީޒުން ރާއްޖޭގައި ތިބިއިރު ދިވެހީންގެ ތެރެއިން މަދު ބަޔަކު ކްރިސްޓިއަން ދީނަށް އެނބުރުނެވެ.

"އިންޑިއާގައި ކްރިސްޓިއަން ދީން ފެތުރި މިޝަންތަކުގެ ތާރީހް"(ލިޔެފައި ވަނީ 1898ގައި) ފޮތާ ހަވާލާދީ އަލްއުސްތާޒް މުހައްމަދު ލުތްފީ ވިދާޅުވާ ގޮތުގައި އިނގިރޭސީން ފުރަތަމަ ކުރިކަމަކީ ރާއްޖެ އަށް ކްރިސްޓިއަން ދީން ފެތުރުމުގެ މާސްޓާ ޕްލޭނެއް ރޭވުމެވެ. އެ ޕްލޭން ރޭވިކަމަށް ބުނެފައި ވަނީ 1800 ވަނަ އަހަރާއި 1842 ވަނަ އަހަރާ ދެމެދުގަ އެވެ. އެ ޕްލޭންގެ ދަށުން ރާއްޖެ އިން ކްރިސްޓިއަން ދީން ފަތުރާނެ މީހުން ފޮނުވުމަށާއި ރާއްޖެ އިން ބޭރަށްގޮސް އުޅޭ ދިވެހިންނަށް އެ ދީން ތައާރަފް ކުރުން ހިމެނެ އެވެ.

އަބްދުއްރަޝީދު ވިދާޅުވާ ގޮތުގައި އިނގިރޭސީންގެ މާސްޓާ ޕްލޭންގެ ދަށުން ކްރިސްޓިއަން ދީނުގެ ވެރިން ބޭނުންވި މައުލޫމާތު ފުރަތަމަ ފަހަރަށް އެއްކުރި ކަމަށް ވަނީ 1834 އިން 1836 އަށް ރާއްޖެ އެއްކޮޅުން އަނެއްކޮޅަށް މިނައި، ރާއްޖޭގެ ޗާޓު ކުރަހަން އުޅުނު އިނގިރޭސީންކުރެ ބައެއް މީހުންނެވެ.

ތާރީހީ ލިޔުންތައް ބުނާގޮތުން އެޒަމާނުގައި ވެސް އިނގިރޭސީން ވަނީ ދިވެހި ބަހުން ބައިބުލް ތަރުޖަމާކުރަން މަސައްކަތްކޮށްފަ އެވެ. އެކަން ހުށައެޅުއްވީ އަންނަބީލް އަލްމަހުރޫމް އަބްދުލް ހަމީދީ ދީދީއަށެވެ. ނަމަވެސް އެމަނިކުފާނު އެކަން ނުކުރެއްވި އެވެ. އިނގިރޭސީން ހުށައެޅީ ރާއްޖޭގައި ފައްޅި ހުންނަން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ދީނީ މިނިވަންކަން ނުވަތަ އިންސާނީ ހައްގުތައް ނެތް ގައުމެއްގެ ގޮތުގައި ރާއްޖެ އޭރު ވެސް ސިފަކުރި ކަމަށް އަބްދުއްރަޝީދު ވިދާޅުވެފައިވެ އެވެ.

ކްރިސްޓިއަން ދީން ފެތުރުމަށް އެތައް ޕްރޮގުރާމެއް

ކްރިސްޓިއަން ދީނާއި ދިވެހިން ނަމުގައި ލިޔެފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުގައި 1966 ހިސާބުން ފެށިގެން 1978 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ކްރިސްޓިއަން ދީނުގެ ޕްރޮގުރާމްތައް ދިވެހި ރާއްޖޭގެ އަޑުން (އޭރުގެ ނަމުން ނަމަ އެމްއައިބީއެސް) އިންވެސް ފޮނުވަމުން ދިޔަ ކަމަށެވެ. އެ ޕްރޮގުރާމްގެ ނަމަކީ "ވާލްޑް ޓުމޯރޯ" އެވެ. އަދި 1974 ވަނަ އަހަރު ހިސާބުގައި ބައިބުލް ބެހުމާއި ކްރިސްޓިއަން ދީނަށް ގޮވާލާ އެކިއެކި ލިޔުން ރާއްޖެ ފޮނުވި އެވެ.

ރާއްޖެއަށް ހާއްސަ ރޭޑިއޯ ޕްރޮގުރާމްތަކާއި އެކިއެކި ގޮތް ގޮތުން ސްކޮލާޝިޕްތައް ދީގެން ރާއްޖެ އިން ބޭރަށް ގެންގޮސް ދިވެހިންގެ އިސްލާމްދީން ބޭރުކުރަން މިއަދު ވެސް މަސައްކަތް ކުރެ އެވެ.

އިސްލާމުންގެ ނަމުގައި ތިބޭ ނަމަވެސް އިސްލާމީ އުސޫލްތަކާ ހިލާފަށް އުޅޭ ހަރުކަށި ފިކުރުގެ މީހުން އުފެއްދުމަކީ ވެސް އިސްލާމްދީން ނައްތާލުމަށް ކުރަމުން އަންނަ ކަމެކެވެ. އެކަން ރާއްޖޭގައި ވެސް އެބަހިނގަ އެވެ. އެކަން އެންމެ ބޮޑަށް ރާއްޖޭގައި ހިންގާކަމަށް ބެލެވެނީ އަވައްޓެރި ގައުމަކަށް ނިސްބަތްވާ 91 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޖަމާއަތަކުންނެވެ.

"މިއީ އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ވަރަށް ފުރިހަމަކޮށް ރޭވިގެން ހިންގޭ ޕްރޮޖެކްޓެއް، މިމީހުން މިކަން ކުރަނީ ހަނގުރާމައަކަށް ވެސް ބަޔަކު ތައްޔާރުވާނެހާ ފުރިހަމައަށް ތައްޔާރުވެގެން،" އަބްދުއްރަޝީދު ވިދާޅުވެފައިވެ އެވެ.

މިއަދުހެ ހާލަތު އޮތީ ކިހިނެއް؟

އިސްވެ މިބަލާލީ ތާރީހީ ނަޒަރަކުން ދިވެހި ރާއްޖެއަށް ކްރިސްޓިއަން ދީން ގެނައުމަށް ކޮށްފައިވާ މަސައްކަތެވެ. ދެން ބަލާލަންވީ އަދުގެ ހާލަތަށެވެ. މިއަދުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ ގާނޫނު އަސާސީގައި ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ލިޔެފައި އޮތަސް އެކަން ރަނގަޅަށް ތަންފީޒެއް ނުކުރެވެ އެވެ. ފާޅުގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ އެކި އުމުރުގެ މަދު ދިވެހީންތަކެއް އުޅޭކަން ވަނީ ޔަގީންވެފަ އެވެ.

ކަމާ ބެހޭ އިދާރާއެއްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ދީން ގަބޫލްނުކުރާ ދިވެހިން އުޅޭ އިރު އެމީހުންނަކީ ޓާގެޓްކޮށް ބަދަލުކޮށްފައިވާ ފަރާތްތަކެކެވެ. ކްރިންސްޓިއަން ދީނަށް ވެއްދުމަށް ޓަކައި ފުރަތަމަ ކުރާކަމަކީ އެއްވެސް ދީނެއް ގަބޫލް ނުކުރާ "އެތީސްޓުން"އަށް މީހުން ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ މިހަދަނީ އެތިއިސްޓަކަށް، އޭރުން އޭނާގެ އީމާންތެރިކަމެއް އަދި ގަބޫލްކުރާ އަގީދާއެއް ނޯންނާނެތާ، އެހެންވެ ބޭނުން ގޮތަކަށް ބައްޓަން ކުރަން ފަސޭހަވޭ، ދެން އެކަހަލަ މީހުން އެންމެ އުޅެން ބޭނުންވާ ގޮތް ގޮތަށް އުޅޭ މީހުންނަކީ ކްރިސްޓިއަނުން، އެހެންވެ ކްރިސްޓިއަނުންނަށް އެމީހުން ފަހުން ބަދަލުކޮށްލަނީ،" އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދީން ގަބޫލް ނުކުރާ މީހުންގެ ތެރޭގައި އެންމެ ގިނައީ އިންފޮމޭޝަން ޓެކްނޮލިޖީގެ ދާއިރާގައި އުޅޭ ބައެއް ފަރާތްތަކާއި އެކިއެކި ހައްގުގެ ނަމުގައި ވަކާލާތު ކުރާ ފަރާތްތަކުގެ އިތުރުން ކުށްކުރުމުގައި އުޅޫ ފަރާތްތަކެވެ.

ދީނާ ދުރަށް ކީއްވެ؟

*އިސްލާމްދީން ނޭނގެނީ

މީޑިއާގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް އިސްލާމު ދީނާ ދުރުކުރުމަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމަށް ހިންގާ ހަރަކާތްތަކާ އެއްވަރުގެ ހަރަކާތްތަކެއް ދީނަށް އަހުލުވެރިކުރަން ނުހިންގެނީ އެވެ. އަދި ހިންގާމ ހަރަކާތްތަކަކީ ވެސް ޒުވާނުންގެ ބޮލަށް ވަންނަ ގޮތަށް ހުށަހަޅާ ޕްރޮގްރާމްތަކަށް ނުވަނީ އެވެ. ނަތީޖާއަކީ އިސްލާމްދީނާ ގުޅޭ ގޮތުން ނުބައި ސުވާލުތަކެއް ހިތުގައި އުފެދި އެސުވާލުތަކަށް ޖަވާބު ނުލިބުމުން މީހާ ދީނާ ދުރަށް ދިއުމެވެ.

ޑރ. ޒާކިރް ނައިކް ރާއްޖޭގައި ދަރުސް ދެނިކޮށް ދީން ގަބޫލްނުކުރާކަން އިއުލާންކުރި އަދި މިހާރު ތައުބާވެ ހައްޖު ކޯޕަރޭޝަންގައި މަސައްކަތް ކުރަމުންދާ މުހައްމަދު ނާޒިމް އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ވިދާޅުވި ގޮތުގައި ދިވެހިން އިސްލާމް ދީން ގަބޫނުކޮށް އުޅޭ މައިގަނޑު ސަބަބަކީ އެމީހުންގެ ހިތުގައި އުފެދޭ ދީނާ ގުޅޭ ތަފާތު ސުވާލުތަކަށް ޖަވާބު ނުލިބޭތީ އެވެ.

"ދީނީި ސުވާލުތައް ކުރަން ބޭނުންނުވޭ، އެލަދު ބޮޑު، އޮޅުން ފިލުވާކަށް ނޫޅޭ، އެހެންވެ އެސުވާލްތަކަށް ޖަވާބު ނުލިބިވަނިކޮށް އެކަން ނެގަޓިވްވެ ދީން ގަބޫލް ނުކުރަނީ،" ނާޒިމް ވިދާޅުވި އެވެ.

އެހެން އެގޮތަށް ދިމާވާއިރު އެފަދަ މީހުންނަށް ވިސްނައި ދެވޭނެ ވަރުގެ ދީނީ އިލްމުވެރިން ރާއްޖޭގައި މަދުވުމަކީ އެކަން ހައްލުނުވާ މައްސަލަ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ސްކޫލްތަކުގައި އިސްލާމްދީން ރަނގަޅަށް ކިޔައިނުދެވޭކަން ވެސް ނާޒިމް ފާހަގަ ކުރެއްވި އެވެ.

ހާއްސަ ކަންތައްތަކެއް ކުރަން ޖެހޭ

ބަވަނަ ވެފައިވާ ދުނިޔެއެއްގެ ތެރެއިން ދީނާ ދޭތެރޭ އެކިއެކި ޝައްކުތައް ހިތްތަކުގައި އުފައްދަމުން އަންނަ އިރު ތައުލީމީ ދާއިރާގެ ތެރެއިން އެކަންކަމަށް ޖަވާބު ލިބެން އެބަޖެހެ އެވެ. ހަމަ އެހެންމެ އެފަދަ މީހުން އިތުރުވާ އިރު އެފަދަ ފަރާތްތަކާ ދޭތެރޭ ހަމަލާ ނުދީ ވިސްނައިދޭން މަސައްކަތްކުރަންޖެހެ އެވެ.

"އެންމެ ރަނގަޅު ގޮތަކީ އެކަހަލަ މީހުންނަށް [ދީން ގަބޫލްނުކުރާ] އެޓޭކް ނުކޮށް ސަބަބު ބަލައި ފަރުވާ ދިނުން، އަދި ހަމަ އެހެންމެ ތައުލީމީ ދާއިރާ މަންހަޖު އިސްލާހު ކުރަމުންދާ ދުވަސްވަރެއްގައި ދީނީ ތައުލީމް މަންހަޖުގެ ތެރޭގައި ބޮޑަށް ހިމެނުމަށް މަސައްކަތް ކުރަން ޖެހޭ،" ޝެއިހް ހަސަން މޫސާ ފިކުރީ ވިދާޅުވި އެވެ.

އިސްލާމްދީނާ އިދިކޮޅަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން އެކަން ހައްލުކުރުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ގުޅިގެން މަސައްކަތްތަކެއް ކުރަމުން، އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދިވެއްސަކު ކްރިސްޓިއަން ދީނަށް ވަންތާ 464 އަހަރަށް ވުރެ ގިނަ އަހަރުވީ އެވެ. ޕޯޗްގީޒުންނާއި އިނގިރޭސިން އެތައް ޕްލޭނަކުން އެތައް ހަރަދެއްކޮށް މިގައުމުގެ އިސްލާމްދީން ނައްތާލަން މަސައްކަތް ކުރާތާ އެތައް ޒަމާނެއްވީ އެވެ. ހަމައެކަނި ތާރީހަކު ނޫނެވެ. މިއަދު ވެސް އެކަން އެގޮތަށް ހިނގަނީ އެވެ. ފަނާކުރުވަނިވި އެފިކުރުގައި އެތައް ދިވެއްސަކު ވެސް ވަނީ ޖެހިފަ އެވެ. މިއީ ގައުމީ ސަލާމަތަށް ވެސް އަދި ގައުމުގެ މުސްތަގުބަލަށް ވެސް އޮތް ބޮޑު ބިރެކެވެ. ސަމާލުވާށެވެ.

comment ކޮމެންޓް