ދާންދޫން ވިލިނގިއްޔަށް ގުޅާލައި ފާލަމެއް އަޅަން ގޮވައިލައިފި

ގއ. ދާންދޫ، ނިލަންދޫ، މާމެންދޫ، ކޫއްޑޫ އަދި ވިލިނގިލި ހިމެނޭގޮތަށް އެއްގަމުމަގުން ދަތުރުފަތުރު ކުރެވޭގޮތަށް ގުޅާލާ ފާލަން އެޅުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް ގއ. ނިލަންދޫއާއި ދާންދޫ ކައުންސިލުން ގޮވައިލައިފިއެވެ.

ނިލަންދޫ ކައުންސިލުން މިއަދު ވަނީ އެ މަސައްކަތް ފެއްޓުމަށް ކަމާބެހޭ އެންމެހާ އިދާރާތަކަށް ގޮވައިލައި ގަރާރެއް ފާސްކޮށްފައެވެ.

ނިލަންދޫ ކައުންސިލުގެ ގަރާރުގައި ބުނެފައިވަނީ އެ ފަސް ރަށް ގުޅާލެވޭ ފާލަމުގެ ސަަބަބުން މިހާރު ރަށްރަށުގައި ގާއިމު ކުރެވިފައިވާ ޚިދުމަތްތައް އެތައް ގުނައަކަށް ފުޅާވެ ހިދުމަތުގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ. އަދި 12000 ވަރަކަށް މީހުންނަށް އެއްގަމުމަގުން ހިދުމަތްތައް ފަސޭހަކަމާއެކީ ލިބި ރައްޔިތުންނަށް އެތައް ގޮތަކުން ކުރެވޭ ހަރަދުކުޑަވެ ލުއި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ލިބޭނެ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

މީގެ އިތުރުން، ސިއްހީ ހިދުމަތުގެ ފެންވަރު އަންތަރީސްވާ މިންވަރަށް ރަނގަޅުވެ އަތޮޅުން ބޭރަށް ބޭސްފަރުވާއަށް ދިއުން މުޅިން ހުއްޓި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ލިބޭނެ ކަމަށެވެ. އަދި ރަށުން ގުރޭޑް 10 ނިންމާ ރަށުގައި އާއިލާއާ އެކީ ތިބެ މަތީ ތައުލީމް ހާސިލުވެގެން ދިއުމާއި، އިގުތިސާދީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

އެގޮތުން ވިޔަފާރިތައް ފުޅާވުމާއި، ތަކެތީގެ އަގު ތިރިވުމާއި ދަނޑުތަކުގެ ނަފާ އަތުންއަތަށް ލިބި ފުޅާވާނެ ކަމަށް ވެސް އެ ގަރާރުގައިވެއެވެ. އަދި ކެފޭ، ރެސްޓޯރެންޓް ކެފޭ ފަދަ ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި މަސްޖަހާ 100 ގުނައަށް ފުޅާވެގެން ދާނެ ކަމަަށް ވެސް ނިލަންދޫ ކައުންސިލުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ކޫއްޑު އާއި ވިލިނގިލި ބްރިޖަކުން ގުޅާލުން ހިމެނެއެވެ.

comment ކޮމެންޓް