ދިވެހި މަސްވެރިންގެ މެދުގައި ދައުލަތުން ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި، އެންމެންނާމެދު ހަމަހަމަކޮށް، ކަންތައް ކުރުމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ގޮވާލައްވައިފިއެވެ.
އަލީ ހުސެއިން މިހެން ގޮވާލެއްވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސް މަރުހަލާގައި މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މަސްވެރިން ބާނާ ގޮދާމަސް މިފްކޯއިން ގަނެ، އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އައުމުގެ އިތުރުން ދަނޑުވެރިކަމުގެ ވަކި ބާވަތްތަކެއް ވެސް ދައުލަތުން އެބަ ގަންނަ ކަމަށެވެ.
އެންމެ ކަންބޮޑުވަނީ މަސްވެރިންގެ ތެރޭގައި ހިމެނޭ ގިނަ މަސްވެރިންނަކީ ފަރުމަސް ބާނާ މީހުންނާއި ރާގޮނޑި ބާނާ މީހުންކަން ފާހަގަ ކުރައްވައި އަލީ ހުސެއިން ވިދާޅުވީ އެފަދަ މީހުންނަށާއި ކަންނެލި ބާނާ މީހުންނަށް އެއްވެސް ގޮތެއް ނެތް ކަމަށެވެ.
"އަޅުގަނޑުގެ ކަންބޮޑުވުން މި އަންނަނީ ރާއްޖޭގެ މަސްވެރިންގެ ތެރޭގައި ހިމެނޭ އެންމެ ގިނަ މަސްވެރިންނަކީ ފަރުމަސް ބާނާ މީހުންނާއި ރާގޮނޑި ބާނާ މީހުން. އެމީހުންނަށް އޮތީ ކޮން ގޮތެއްތޯ؟ ނޫނީ ކަންނެލި ބާނާ މީހުންނަށް އޮތީ ކޮންގޮތެއްތޯ؟ ކީއްވެގެންތޯ އޭ މި ތަފާތުކުރުން މި އަންނަނީ؟ ކަޅުބިލަމަސް ނުވަތަ ގޮދާމަސް ދައުލަތަށް ގަނެވިފަ ރާގޮނޑިއާ ފަރުމަސް ކީއްވެތޯ ދައުލަތަށް ނުގަނެވެނީ،" އަލީ ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ މަސް ކުންފުނި، މިފްްކޯއަކީ ދައުލަތަށް ދުވަހަކުވެސް ފައިދާއެއްވީ ކުންފުންޏެއް ނޫން ކަމަށާއި އެތަނަށް ފޮނުވާ މަހުގެ ބޮޑުބައެއް ރިޖެކްޓްކޮށް، އުކާލަން ޖެހޭތީ އަބަދުވެސް އެ ކުންފުނި ހިންގަނީ ގެއްލުމުގައި ކަމަށެވެ.
ދައުލަތުން ސަބްސިޑީގެ ގޮތުގައި ކޮންމެ އަހަރަކު ވެސް މިފްކޯއަށް 500 މިލިއަނަށްވުރެ، ގިނަ ރުފިޔާ ހަރަދުކުރާ ކަމަށާއި ނަމަވެސް މަސްވެރިންގެ ޑެފިނިޝަން ތެރޭގައި ރާގޮނޑި ބާނާ މީހުންނާއި ފަރުމަސް ބާނާ މީހުން ނުހިމެނޭތީ ސުވާލު އުފެދޭ ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ.
"އެއީ މަސްވެރިންނަށް ނުވަނީތޯ؟ ނޫނީ އެއީ ކޮންބައެއްތޯ އޭ؟ އެހެންވީމަ ހުރިހާ ބާވަތެއްގެ މަސްވެރިންގެ މެދުގައި ވެސް އެއްގޮތަކަށް އަމަލު ކުރެވެންޖެހޭނެ. މިކަމަށް ހައްލެއް ހޯދައިދޭން އެބަޖެހޭ. ރާއްޖޭގެ ކޮންމެ ރަށެއްގަ އުޅޭ މީހުންނަނކީ 100 ފޫޓު ދޯނި ހަދައިގެން ބޮޑެތި ކަންނެލި ނޫނީ ބޮޑެތި ކަޅުބިލަމަސް ނުވަތަ ގޮދާ ބޭނޭ ފެންވަރުގެ މީހުންނެއް ނޫން،" އަލީ ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިފްކޯއިން ފައިސާ ލިބެނީ ބޮޑެތި އޮޑިފަހަރުގައި ގޮސް ކުރާ ބޮޑެތި މަސްވެރިކަމަށް އެކަނި ކަމަށެވެ.
ކޮވިޑު ހާލަތުގައި ފަރުމަހުގެ މަސްވެރިކަންކުރާ ފަރާތްތަކަށް ކުރިމަތިވި ނިކަމެތިކަމަށް އިޝާރާތް ކުރައްވާ އަލީ ހުސެއިން ވިދާޅުވީ ކެންދޫ އާއި ކުޑަރިކިލުގެ އިތުރުން އެހެން ބައެއް ރަށްރަށުގެ މީހުންނަކީ ވެސް ފަރުމަހުގެ މަސްވެރިކަންކުރާ މީހުން ކަމަށާއި މި ކޮވިޑު ދުވަސްވަރު އެމީހުން އުޅެނީ ވަރަށް ދަތި ހާލުގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދުވަސްވަރު ބޭނި ރާގޮނޑިތައް ވެސް ބާޒާރުގައި ފަނަރަ ރުފިޔާއަށް އަގުދަށްވެ، ވިއްކޭނެ އެއްވެސް ގޮތެއް ނެތިގެން އުޅުނުއިރުވެސް އެ ރާގޮނޑިކޮޅު ގަނެލެވޭނެ އެއްވެސް ގޮތެއް މިފްކޯއަކަށް ނުފެނުނު ކަމަށެވެ.