އެވިޑް ކޮލެޖުގެ ދަސްވެނިވުން އަންނަ މަހު ބާއްވަނީ

އެވިޑްކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން---- ފޮޓޯ: މިހާރު

އެވިޑް ކޮލެޖުގެ މިދިޔަ އަހަރާއި މިއަހަރުގެ ދަސްވެނިވުން އަންނަ މަހު ބޭއްވުމަށް އެ ކޮލެޖުން ނިންމައިފިއެވެ.

އެވިޑް ކޮލެޖުން ބުނީ، ކޮވިޑް-19ގެ ހާލަތު ގޯސްވުމުގެ ސަބަބުން މިދިޔަ އަހަރު އެކިއެކި މުއައްސަސާތަކުން ހިންގުމަށް ކަނޑަ އަޅާފައިވާ ގިނަ ކަންތައްތަކެއް ނުކުރެވުނު ކަމަށެވެ. އަދި އޭގެތެރެއިން އެއްކަމަކީ އެވިޑް ކޮލެޖުން ކޮންމެ އަހަރަކު ކުލަގަދަކޮށް ބާއްވަމުން ގެންދާ އެ ކޮލެޖްގެ ކޮންވޮކޭޝަން ރަސްމިއްޔާތު ކަމަށެވެ.

އެހެންކަމުން މިދިޔަ އަހަރާއި މިއަހަރު ހިމެނޭ ގޮތަށް މިއަހަރު އެވިޑް ކޮލެޖުގެ ކޮންވޮކޭޝަން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ބާއްވަން އެ ކޮލެޖުން މިހާރު ވަނީ ނިންމައިފައެވެ.

އެވިޑް ކޮލެޖުން ބުނި ގޮތުގައި އެރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވަނީ ދެބަޔަކަށް ބަހާލައިގެން އެ ދުވަހުގެ ހެނދުނާއި ރޭގަނޑުގައެވެ. އަދި ދެ އަހަރު ތެރޭގައި އެކިއެކި ދާއިރާތަކުގެ ތަފާތު ކޯސްތަކުން ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ގްރެޖުއޭޓް ވާނެކަން އެ ކޮލެޖުން ފާހަގަކުރިއެވެ.

އެހެންނަމަވެސް އެދަރިވަރުންގެ ތެރެއިން ކޮންވޮކޭޝަން ރަސްމިއްޔާތުގައި ބައިވެރިވަނީ ކިތައް ކުދިންކަން އެނގޭނީ ކޮންވޮކޭޝަނުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅަންޖެހޭ މުއްދަތު ހަމަވުމުންނެވެ. އެ މުއްދަތު ހަމަވާނީ އަންނަ ބުދަ ދުވަހުގައެވެ.

އެ ރަސްމިއްޔާތާ ބެހޭ މައުލޫމާތު 7269094 ނަންބަރުން ލިބޭނެ ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީތައުލީމު އަތްފޯރާ ފަދަ އަގެއްގައި ފޯރުކޮށްދެމުންގެންދާ ރާއްޖޭގެ އެންމެ ބޮޑު އެއް ކޮލެޖެވެ.

comment ކޮމެންޓް