ހިމަންދޫއަށް 25 މިލިއަން ޑޮލަރު އިންވެސްޓް ކުރައްވަން ޖާބިރު ނިންމަވައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު-- ސަން ފޮޓޯ

އއ. ހިމަންދޫގައި ފަތުރުވެރިކަން ފުޅާކުރަން 25 މިލިއަން ޑޮލަރު އިންވެސްޓް ކުރައްވަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.

ޖާބިރު އެ ގޮތަށް ނިންމެވީ އެ އަތޮޅު މަތިވެރީގެ ރައްޔިތުންނާ އޭނާއާ މެދު މައްސަލަތަކެއް އުފެދިފައިވަނި ކޮށެވެ.

މިކަމާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، މަތިވެރީގައި ކުރަން ރާވާފައި ހުރި ބައެއް އިންވެސްޓްމަންޓްތައް، ހިމަންދޫއަށް ބަދަލު ކުރަން ނިންމަވާފައިވާ ކަމަށެވެ.

"ވަރަށް ހޫނު ތަރުހީބެއް ހިމަންދޫ ރައްޔިތުން އަޅުގަނޑަށް ދިން. އެހެންވީމަ މަތިވެރިއަށް ކުރަން ހުރި ބައެއް އިންވެސްޓްމަންޓުތައް ހިމަންދޫއަށް ޑައިވާޓް މި ކޮށްލީ. ހިމަންދޫ ފަޅު ތެރޭގައި ރިސޯޓެއް އެޅުމަށް ޓަކައި އެ ރަށު ކައުންސިލާ މަޝްވަރާ ކޮށްފައި މި އައީ. ހިމަންދޫގައި ހާދަ ބޮޑު ތާއީދެކޭ ޑީއާރުޕީއަށް މި އޮތީ." ޖާބިރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ރިސޯޓެއް އެޅުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށާއި އެކަމަށް މަޝްވަރާ ކުރެއްވި ނަމަވެސް، މިހާރު ނިންމަވާފައިވަނީ އެ ރަށަށް 25 މިލިއަން ޑޮލަރު އިންވެސްޓު ކޮށް، އެ ރަށުގައި ސިޓީ ހޮޓަލެއް އެޅުމަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

އއ. ހިމަންދޫ -- ފޮޓޯ/ އެމްޓީސީސީ

"ހިމަންދޫއަށް 25 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް މި ދެނީ. ރިސޯޓެއް ހަދަންޏާ މާ އަގު ބޮޑު. ރޫމަކަށް އެބަ ޖެހޭ ހަ ލައްކަ، ހަތް ލައްކަ ޑޮލަރު. ގެސްޓްހައުސްއެއް ނުވަތަ ސިޓީ ހޮޓެލް އަޅަންޏާ ތަންކޮޅެއް އަގުހެޔޮކޮށް މަޝްރޫއު ނިންމާލެވޭނެ. 250 ކޮޓަރީގެ ސިޓީ ހޮޓަލެއް ހިމަންދޫގައި އަޅުގަނޑުމެން އަޅަން މި ނިންމީ. މިއަދު ކައުންސިލާ ވާހަކަ ދައްކައިފިން." އޭނާ ވިދާޅުވިއެވެ.

ޖާބިރުގެ އެ ނިންމެވުމަށް ހިމަންދޫ ކައުންސިލުން މަރުހަބާ ދެންނެވި ކަމަށާއި އެ ބޭފުޅުން ބޭނުންވަނީ އެ ރަށަށް ކުރިއެރުމާއި ތަރައްގީ ގެނައުމަށް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ހިމަންދޫ ކައުންސިލްގެ ނައިބު ރައީސް ޒައިނަލް އިބާދު "ސަން"އަށް ވިދާޅުވީ ހިމަންދޫގައި އިންވެސްޓް ކުރަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށާއި އެ ރަށުގައި ސިޓީ ހޮޓަލެއް އެޅުމަށް ބޭނުންވާ ބިމެއް ހަމަޖެއްސުމަށް ޓަކައި ސިޓީއެއް ފޮނުއްވާނެ ކަމަށް ޖާބިރު ވިދާޅުވި ކަމަށެވެ.

ހިމަންދޫގައި އިންވެސްޓް ކުރުމާ ގުޅޭގޮތުން ކައުންސިލުން ދޭން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިމަންދޫގައި އިންވެސްޓް ކުރައްވަން ޖާބިރު ޝައުގުވެރިކަން ފާޅުކުރައްވި ނަމަވެސް، އެކަން ކުރެވޭނީ ބިޑަށް ހުޅުވާލައިގެން ކަމަށް ޒައިނަލް އިބާދު ވިދާޅުވިއެވެ.

"ބިޑު ކޮށްގެން ނޫން ގޮތަކަށް ދެވޭނެ އެއްޗެއް ނޫންތާ ޖާބިރު އެހެން ވިދާޅުވިޔަސް. އަޅުގަނޑުމެން ޖެހޭނީ ބިޑަށް ހުޅުވާލަން. ކާމިޔާބު ކުރާ ފަރާތަކަށް ދޫކޮށްލާ ގޮތަށް ވިސްނުން ހުރީ." ޒައިނަލް އިބާދު ވިދާޅުވިއެވެ.

ޖާބިރު މަތިވެރީގައި ކުރައްވަން ރާއްވަވާފައިވާ ބައެއް އިންވެސްޓްމަންޓުތައް ހިމަންދޫއަށް ބަދަލު ކުރަން ނިންމެވީ މަތިވެރީގެ ރައްޔިތުންނާ އޭނާއާ މެދު މައްސަލަތަކެއް އުފެދުމާއެކުގައެވެ.

އެގޮތުން މަތިވެރީގައި ޖާބިރު ހިންގަވާ ކާސާ މިއާ ގެސްޓްހައުސްގައި މިދިޔަ ބުރާސްފަތި ދުވަހު މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ޖާބިރުގެ ކޮއްކޮ އަލީ އަސްރާރު ވެސް ހިމެނެއެވެ.

އއ. މަތިވެރީގައި ޖާބިރު ހިންގާ ގެސްޓް ހައުސް "ކާސާ މިއާ މޯލްޑިވްސް" --

އޭގެ ފަހުން ރޭ ދަންވަރުގެ ވަގުތެއްގައި ހަމަ އެ ގެސްޓްހައުސްގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް, އެ ތަނާ ހަވާލުވެގެން ހުންނެވި ޖާބިރުގެ ދަރިކަލުން ވަނީ ތުހުމަތު ކުރައްވާފައެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކާސާމިއާގެ އިންޖީން ރޫމުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުން ----

މީގެ ތިން އަހަރު ކުރިން ރޯވުމުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކާސާ މިއާގައި ދެވަނަ ފަހަރަށް އަލިފާނުގެ ހާދިސާއެއް މި ހިނގީ، އަންނަ މަހު އެކެއްގައި ހުޅުވަން ތައްޔާރުވަމުން އަންނަނިކޮށެވެ.

comment ކޮމެންޓް