މަތިންދާބޯޓު ވެއްޓި ބުރެޒިލުގެ މަޝްހޫރު ލަވަކިޔުންތެރިޔާ މެންޑޮންކާ މަރުވެއްޖެ

މަރިލިއާ މެންޑޮންކާ

އިއްޔެ ބުރެޒިލުގެ އިރުމަތީ ސްޓޭޓަކަށް މަތިންދާ ބޯޓެއް ވެއްޓި އެގައުމުގެ އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ މަރިލިއާ މެންޑޮންކާ މަރުވެއްޖެއެވެ.

މެންޑޮންކާ މަރުވީ ލަވަކިޔުމުގެ ކޮންސާޓަކަށް ދިއުމުގެ މަގުމަތީގައި ކަމަަށް ބޭރުގެ އިތުބާރު ހިފޭ ރިޕޯޓުތަކުން ބުނެއެވެ.

ލަވަކިޔުންތެރިޔާގެ އިތުރުން މި ހާދިސާގައި ލަވަކިޔުންތެރިޔާގެ އިތުރުން ހަތަރު މީހަކު މަރުވި ކަމަށް ވެސް ރިޕޯޓްތަކުން ބުނެއެވެ.

ހަމައެހެންމެ، މިނަސް ގެރައިސް ސްޓޭޓްގެ އެލެކްޓްރިކް ކޮންޕެނީ އަކުން ނެރުނު ބަޔާނެއްގައި ވާގޮތުން އެ މަތިންދާބޯޓު ވެއްޓުނީ އެލެކްޓްރިކް ޓަވަރެއްގެ ކޭބަލުގައި ޖެހިގެން ކަމަށެވެ.

މެންޑޮންކާއާއެކު ވެއްޓުނު މަތިންދާބޯޓު

މަތިންދާބޯޓު ވެއްޓުމާ ގުޅިގެން އެގައުމުގެ ފުލުހުން އަންނަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.

މިނަސް ގެރައިސް ޕޮލިސް ޗީފް ނޫސްވެރިންނާ ބައްދަލު ކުރުމަށްފަހު ވިދާޅުވީ އެހާ އަވަހަކަށް މަތިންދާބޯޓު ވެއްޓެން ޖެހުނު މައިގަނޑު ސަބަބު ބުނެދޭން ނޭނގޭ ކަމަށެވެ. އެހެންނަމަވެސް ބެލެވޭ ގޮތުގައި މަތިންދާބޯޓު ވެއްޓުނީ އެއްޗެއްގައި ޖެހިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ގްރެމީ އެވޯޑު ހާސިލު ކުރި ލަވަކިޔުންތެރިޔާގެ މަރާއެކު އޭނާގެ ފޭނުންނަށާއި އެގައުމަށް ލިބުނީ ކުއްލި ސިހުމެކެވެ. މި ހަބަރާއެކު ބުރެޒިލުގެ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިޔާ ނޭމާ ޖޫނިޔާ ވެސް އެހިތާމައިގައި ބައިވެރިވެފައެވެ.

"އަހަރެން ބޭނުމެއް ނޫން ގަބޫލުކުރާކަށް. ބޭނުމެއް ނޫން" ލަވަކިޔުންތެރިޔާގެ ގާތް ރަހުމަތްތެރިޔާ ނޭމާ ކުރި ޓްވީޓެއްގައިވެއެވެ.

މީގެ އިތުރުން ބުރެޒިލުގެ ގޮއިއަސް ސްޓޭޓްގެ ގަވަރުނަރު ވިދާޅުވީ މިއަދު ހެނދުނުގެ އަށެއް ޖަހާއިރު މެންޑޮންކާ ވަޅުލައިފައިވާ ކަމަށާއި އޭނާގެ ޖަނާޒާގައި އެތައް ބަޔަކު ބައިވެރިވެފައިވާ ކަމަށެވެ.

ބުރެޒިލުގެ ރައީސް ޖެއާ ބޮލްސޮންރޯ ވިދާޅުވީ އޭނާގެ މަރުގެ ހަބަރާއެކު މުޅި ގައުމަށް ލިބުނީ ކުއްލި ސިހުމެއް ކަމަށެވެ. އަދި ރިއޯޑީ ޖެނެރިއޯގެ ގަވަރުނަރު ވިދާޅުވީ މަރިލިއާ އަކީ ޒުވާން އަދި ހުނަރުވެރި ފަންނާނެއް ކަމަށާއި އެއީ އެހެން ލަވަކިޔުންތެރިންނަށް ހުރި ނަމޫނާއެއް ކަމަށެވެ. އަދި އެއީ ބުރެޒިލުގެ މިއުޒިކް އިންޑަސްޓްރީއަށް ވެސް ކުރިމަތިވި ބޮޑު ހިތާމައެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި ލަވަކިޔުންތެރިޔާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ގްރަވެޓޯ" އަދި "އިންފިއެލް" ފާހަގަކޮށްލެވެއެވެ. އޭނާގެ އަލްބަމްތަކުގެ ތެރެއިން "ޕަޓްރޯސް" އަދި 2016 ވަނަ އަހަރު ނެރުނު "މަރިލިއާ މެންޑޮންކާ އައޯ ވިވޯ" ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް