އުތީމުގެ ޗާޓުގައި ފާހަގަކޮށް، ހަނދާނީ މަރުކަޒަށް ގެންދަން ވަޅު ނަގައިފި

ހއ. އުތީމުގައި ހުޅަނގު ފަރާތު ދޫނި ތުނޑި ސަރަހައްދުން ފެނުނު އާސާރީ ވަޅު، އެރަށު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އުތީމު ކައުންސިލުން މިއަދު ބުނީ، ގައުމީ ތަރިކައާ ބެހޭ މަރުކަޒުގެ ލަފާގެމަތިން، ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބޭފުޅުންނާއި އުތީމު ކައުންސިލް އަދި އުތީމު ޕޮލިސް ޑެސްކްގެ އެހީތެރިކަމާއި އެކު ރައްކާތެރިކަމާއި އެކު ވަޅު އެސަރަހައްދުން ނަގާ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގެ ބެލުމުގެ ދަށުގައި ރައްކާތެރި ކުރެވިފައިވާ ކަމަށެވެ.

އުތީމުން ފެނުނު ވަޅު ނެގުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ/ އުތީމު ކައުންސިލް

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ސަން" އަށް ވިދާޅުވީ، އުތީމުގެ ލޭންޑްޔޫސް ޕްލޭންގައިވެސް ވަޅު ފެނުނު ސަރަހައްދު ފާހަގަ ކުރާނެ ކަމަށެވެ.

" އަޅުގަނޑު ކުރިންވެސް ދަންނަވާފައިވާ ފަދައިން، ވަޅެއް މިއަދު ފެނުނީމަ އަޅުގަނޑުމެން ސަޕްރައިޒެއް ނުވޭ. އެއީ ކުރިންވެސް އެތަނުން އެތައް ބައިވަރު އެއްޗެއް ފެނިފަ ވަނީ،"

ނަމަވެސް އެ ސަރަހައްދަކީ ގޮނޑުދޮށް ކަމަށް ވެފައި، ވަރަށް ބޮޑަށް ގިރާތީ، ވަޅު ފެނުނު ތަނުގައި ނުބެހެއްޓޭނެތީ އެތަނުން ނެގުމަށް ހެރިޓޭޖް މިނިސްޓްރީގެ އިރުޝާދާއެކު ވަޅު ނެގީކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުތީމުން ފެނުނު ވަޅުގެ ބައެއް ނަގާފައި -- ފޮޓޯ އުތީމު ކައުންސިލް

" އޭގެ ޒާތުގަ، ބަޔަކަށް މިއީ އެހާ މުހިންމު ކަމަކަށް ނުވެދާނެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ކާބަފައިން ދޫކޮށްފައިވާ ތަރިކަތައް ހިމާޔަތް ކުރުމަށް ހުރިހާ ރަށަކުންވެސް ހުރިހާ ބޭފުޅުންވެސް ވަރަށް މުހިންމު ކަމެއް،" ޝަރީފް ވިދާޅުވިއެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު އަލީ ޝިފާމް "ސަން" އަށް ވިދާޅުވީ ރަށުގެ ޗާޓުންނާއި ގޫގުލް މެޕުން އެތަން ފާހަގަ ކުރުމަށްފަހު ވަޅު އެތަނުން ނަގަން ނިންމީ، ވަޅަށް ހިމާޔަތް ދޭން ކަމަށެވެ.

" ވަޅު ނަގައިގެން ގެނެއްސަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒަށް ފުރަތަމަ ގެންނަނީ. ގެނެއްސަ، އަޅުގަނޑުމެންގެ މި މަރުކަޒުގަ މިއުޒިއަމް އެޅޭ ދުވަހަކުން އޭގެ މައުލޫމާތާ އެކީގަ މިއުޒިއަމް ތެރޭގަ ޑިސްޕްލޭ ކުރާ ގޮތަށް (މިނިސްޓްރީގެ) ސީނިއާ މެނޭޖްމަންޓް ޓީމުން މިހާރު ނިންމާފަ އޮތީ،"

ޝިފާމް ވިދާޅުވީ އެރަށު ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި މިއުޒިއަމްއެއް އެޅުމުގެ މަސައްކަތް އިއުލާނުކޮށްގެން ކުރިއަށް ދާ ކަމަށެވެ.

ވަޅު ފެނުމާ، އެތަނުން ނެގުމާ ދެމެދު ހޭދަވި މުއްދަތުގައި ވަޅަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/158410

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން "ސަން" އަށް މައުލޫމާތު ދެއްވަމުން، ފަންނާ ސަގަފަތާ ތަރިކައިގެ ވުޒާރާގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއިލް ނާއިލް ރަޝީދު ވިދާޅުވީ، ވަޅު ފެނުމާއެކު ހެރިޓޭޖް ސާވޭގެ ބޭފުޅުން އުތީމަށް ގޮސް ސާވޭ ކޮށްފައިވާ ކަމަށެވެ.

އެއީ ވެލިގާ ވަޅަކަށް ވެފައި، ވަޅަށް އިތުރު ގެއްލުންތަކެއް ލިބިދާނެތީ އެކަންތައްތަކަށް ވެސް ބަލާފައިވާނެ ކަމަށެވެ.

އުތީމަށް ދިޔަ ހެރިޓޭޖް ސާވޭގެ ބައެއް ބޭފުޅުން އެރަށުން ފުރާފައި ވާއިރު، ބާކީތިބި މީހުން ފުރާނީ އާދީއްތަ ދުވަހު ކަމަށް ނާއިލް ވިދާޅުވިއެވެ.

ނާއިލް ވިދާޅުވީ، ހދ ގެ ބައެއް ރައްތަކުގައި ސާވޭއެއް ކުރަމުން ދަނިކޮށް އުތީމުން ވަޅު ފެނުމާ ގުޅިގެން، އެބޭފުޅުން ވަގުތުން އުތީމަށް ގޮސް ވަޅުގެ ހާލަތު ބަލަން ފަސޭހަވި ކަމަށެވެ.

" ސަގާފީ ތަރިކައިގެ ދަފްތަރުގައި ދަފްތަރުކުރަން ބޭނުންވާ މައުލޫމާތު ފޯމު ފުރިހަމަ ކުރަން އެއްކަމަކަށް (ކައުންސިލަށް އެންގީ.) އަނެއް ކަމަކަށް ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒަށް މޫވް ކުރަން،"

ވަޅު ނެގުމަށް ރަށު ކައުންސިލަށް ރަސްމީކޮށް ސިޓީ ފޮނުވީ އިއްޔެ މެންދުރު ކަމަށް ނާއިލް ވިދާޅުވިއެވެ.

comment ކޮމެންޓް