ސަގާފަތާ ބެހޭ ވުޒާރާއަށް 30،000 ރުފިޔާގެ މުސާރައިގައި 10 ވިލަރެސްވެރިން ހޯދަނީ

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް: މިނިސްޓްރީއަށް 10 ވިލަރެސްވެރިން ހޯދަން ވަނީ އިއުލާނުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މުސާރައިގެ ގޮތުގައި 30،000 ރުފިޔާ ދޭގޮތަށް 10 ވިލަރެސްވެރިން ހޯދަން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު އިއުލާނުކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު ކުރި އިއުލާނުގައި ވަނީ ވިލަރެސްވެރިންނަށްވުމަށް ޝައުގުވެރިވާ މީހުން، މި މަހުގެ 24 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މަގާމަށް ކުރިމަތިލާން އެދިފައެވެ.

ވިލަރެސް ވެރިންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:

  • ދިވެހިވަންތަކަމުގެ ބަހާތައް ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމާ ބެހޭ މަޢުލޫމާތު އެއްކުރުމާއި ދަސްކުރުމާއި ދިރާސާކުރުމާއި ހުށަހަޅައިދިނުމުގެ މަސައްކަތް ވިލަރެސްކުރުން
  • ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ ދިރާސާތައް ޝާއިޢުކުރުމަށް ތައްޔާރުކުރާ ތަކެތީގެ ފުރިހަމަކަން ޗެކްކުރުން.
  • ދިވެހިވަންތަކަމުގެ ބަހާތަކާ ބެހޭ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތްކުރުމަށް ޝައުގުވެރިކަންހުރުން.
  • ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް އެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުން.

ވިލަސްވެރިންނަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 25،000 ރުފިޔާ ލިބޭއިރު، ރިސާޗު އެލަވަންސުގެ ގޮތުގައި 5،000 ރުފިޔާއާ އެކު ޖުމުލަ 30،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެއެވެ.

މި މަގާމަށް ކުރިމަތި ލެވޭނީ ބެޗެލާސް ޑިގްރީ ހާސިލުކޮށް ތައުލީމީ ދާއިރާގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ. އަދި، ގައުމީ ސަނަދުގެ ލެވެލް ފަހެއް ނުވަތަ ހައެއްގެ ސަނަދެއް ހާސިލުކޮށް، މަސައްކަތުގެ ދާއިރާގައި ދެ އަހަރުގެ ތަޖުރިބާ ލިބިފައިހުރި ނަމަވެސް މި މަގާމަށް ކުރިމަތިލެވޭނެއެވެ.

މީގެ އިތުރުން، ސާނަވީ ނުވަތަ އެއާއި އެއް ފެންވަރެއްގެ އިމްތިހާނަކުން މަދުވެގެން ދެ މާއްދާއިން 'ޑީ' ގްރޭޑު ހާސިލުކޮށް 'ސެކަންޑަރީ' ނުވަތަ 'ހަޔާ ސެކަންޑަރީ' ސްކޫލު ސެޓްފިކެޓު އިމްތިހާނުގެ ދިވެހި މާއްދާއިން ދަށްވެގެން 'ސީ' ލިބުމާއެކު، ދިވެހިވަންތަކަމުގެ ބަހާތަށް ދިރާސާކުރަން ޝައުގުވެރިވެ މަދުވެގެން ތިން އަހަރު ދުވަހުގެ އިދާރީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ވެސް މި މަގާމަށް ކުރިމަތިލެވޭނެއެވެ.

މިނިސްޓްރީން ބުނީ މި މަގާމަށް މީހުން ނެގުމުގައި ވެސް ބައެއް ކަންކަމަށް ބަލާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމާއި ޤައުމުދެކެ ލޯބިވާ މީހަކަށްވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.
  • ދިވެހިވަންތަކަމުގެ ބަހާތަކަށް ލޯބިކުރާ މީހަކަށްވުން.
  • އުނގެނުމާއި އުގަންނައި ދިނުމަށް ޝައުގުވެރިވުން.
  • ސަގާފަތާއި ފަންނު (ޕަފޯމިން އާޓްސް) ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުމުގެ ޝައުގުވެރިކަންހުރުން.

މިނިސްޓްރީން ބުނީ، މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 މީހަކު ޝޯޓުލިސްޓު ކުރެވޭނެ ކަމަށެވެ. އަދި, އެއަށް ފަހު މި މަހުގެ 22 އާއި، އަންނަ މަހުގެ 12 އާ ދެމެދު މި މަގާމުގެ އިންޓަވިއު އޮންނާނެއެވެ.

comment ކޮމެންޓް