ބޮޑުތަކުރުފާނު ދޫނި ހިއްޕަވަން އުޅުއްވި ސަރަހައްދުން އާސާރީ ވަޅެއް ފެނިއްޖެ

ހއ. އުތީމު އަތިރިމަތިން ފެނުނު އާސާރީ ވަޅު ވަގުތީގޮތުން ހިމާޔަތް ކޮށްފައި -- ފޮޓޯ/ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު

ހއ. އުތީމުގައި ހުޅަނގު ފަރާތުން، ބޮޑުތަކުރުފާނު ދޫނި ހިފަން އުޅުއްވި ސަރަހައްދު، 'ދޫނި ތުނޑިން' އާސާރީ ވަޅެއް ފެނިއްޖެއެވެ.

މިވަގުތު ވަގުތީގޮތުން އެތަން ވަނީ ހިމާޔަތް ކޮށްފައެވެ. ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރު އަލީ ޝިފާމް "ސަން" އަށް ވިދާޅުވީ އެފަދަ ވަޅެއް ފެނިފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ކުރީ 11 ޖަހާކަންހާއިރު ކަމަށެވެ.

"ދެން އަޅުގަނޑު ސްޓާފުން ގޮވައިގެން ވަގުތުން އެޓެންޑްވީ އެތަނަށް. އެތަން ބަލާފަ ކިހިނެތް ވެފަ ހުރި ވަޅެއްތޯވެސް ބެލިން. ބޮޑަށް ބެލެވެނީ (އެއީ) އާސާރީވަޅެއް ކަމަށް،" ޝިފާމް ވިދާޅުވިއެވެ.

ތަރިކަ ގާނޫނުގައި ބުނާގޮތުން އެފަދަ ތަނަކާމެދު އަމަލު ކުރަންވީ ގޮތް ކައުންސިލް މެދުވެރިކޮށް ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒު ސިޓީއަކުން ދަންނަވަން ޖެހޭކަމަށް ޝިފާމް ވިދާޅުވިއެވެ.

"މިކަން މިނިސްޓްރީގައި ދަންނަވައިދިނުމަށް އުތީމު ކައުންސިލްގައި ވަނީ އެދިފައި،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިނިސްޓްރީގެ ސީނިއާ މެނޭޖްމަންޓްގައި މަޝްވަރާ ކުރެއްވުމަށްފަހު އެތަނާމެދު އަމަލު ކުރަންވީ ގޮތެއް އަންގަވާނެ ކަމަށެވެ.

ނަމަވެސް އޭގެ ކުރިން އެ ވަޅަށް ހިމާޔަތް ދިނުމަށް މަސައްކަތްތަކެއް ކުރަން ޖެހޭނެތީ، ވަގުތީގޮތުން ވަޅު ހިމާޔަތް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޝިފާމް ފާހަގަ ކުރެއްވިއެވެ.

"ވަޅުގެ ހަތަރު ފަރާތުން ހޮޅި ޖަހާފަ ޓޭޕު ދަމާފަ ވަނީ. މިތަނަށް އަންނަ ބޭފުޅުންނަށް ވެސް އެނގިލައްވާނެ މިހާރު ވަޅު ހިމާޔަތް ކޮށްފަ ވާކަން މިވަގުތަށް،" ސިފާމް ވިދާޅުވިއެވެ.

ހއ. އުތީމު އަތިރިމަތިން ފެނުނު އާސާރީ ވަޅު ވަގުތީގޮތުން ހިމާޔަތް ކޮށްފައި -- ފޮޓޯ/ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު

އެ ވަޅު ނަގާނީތޯ ނުވަތަ ނޫންތޯ އެނގޭނީ ހެރިޓޭޖް މިނިސްޓްރީން ވަކިގޮތެއް އެންގުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް